އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު ބަލަހައްޓަވާ ނޭންސީ ޕެލޯސީގެ ފިރިކަލުން ޕައުލް ޕެލޯސީއަށް ހަމަލާ ދީފި އެވެ.
އުމުރުން 82 އަހަރުގެ ޕައުލްއަށް ހަމަލާ ދިނީ ގޭ ތެރެއަށް ވަން މީހަކު މަރުތޭލެއް ބޭނުންކޮށްގެންނެވެ. ބޯ ފްރެކްޗާވެ، ކަނާއަތާއި އަތްތިލައަށް ސީރިއަަސް ޒަހަމްތަކެއް ލިބުނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސޭން ފްރޭންސިސްކޯގައި ހުންނަަ ގެޔަށް ސިއްރުން ވަން މީހާ ޑިމާންޑު ކުރީ ނޭންސީ ހުރި ތަނެއް ބުނުމަށެވެ.

ރައީސް ޖޯ ބައިޑެން ސިފަކުރެއްވީ އެއީ ސިޔާސީ ހަމަލާއެއްގެ ގޮތުގަ އެވެ. ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރީ 42 އަހަރުގެ ފިރިހެނެކެވެ.
ހަމަލާ ދިން ވަގުތު ނޭންސީ ހުންނެވީ ވޮޝިންޓަންގަ އެވެ. ނަމަވެސް މިހާރު އެކަމަނާ ވަނީ ފިރިކަލުންގެ ކައިރިއަށް ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.
ޕައުލް އެޑްމިޓުކޮށްފައި ވަނީ ޒަކަބާގް ސޭން ފްރެންސިސްކޯ ޖެނެރަލް ހޮސްޕިޓަލުގަ އެވެ. އެ ތަނުގައި ސާޖަރީއެއް ކުރުމަށް ހަމަޖެހިފައިވާ އިރު، ފުރިހަމައަށް ރިކަވާ ވާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ފިލަޑެލްފިއާގެ ކެމްޕެއިން އެއްވުމެއްގައި ރައީސް ބައިޑެން ވިދާޅުވީ "ސިޔާސީ އަނިޔާވެރިކަމަށް" އެމެރިކާގައި ޖާގަ ނޯންނާނެ ކަމަށެވެ.
ސެނެޓުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީ ތަމްސީލް ކުރައްވާ ލީޑަރު މިޗް މެކްކޮނެލް ވެސް ވަނީ ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.










