މިނިޓްކޮޅަކުން ވެސް ފުރާނަ ސަލާމަތްކުރެވިދާނެވެ.

މިނިޓްކޮޅަކުން ވެސް ފުރާނަ ސަލާމަތްކުރެވިދާނެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ސްޓްރޯކް ދުވަހެވެ. ސްޓްރޯކް ޖެހިގެން އެއްފަރާތް ވާގިނެތޭތީވެ ދިވެހީން އެއަށް ވާގިނެތޭ ބައްޔޭ ކިޔައެވެ.

ސްޓްރޯކަކީ ކޮބާ؟

ސްޓްރޯކަކީ ސިކުނޑީގެ ލޭހޯޅިއަކަށް ނުވަތަ ލޭހޮޅިތަކަކަށް ދިމާވާ މައްސަލައަކުން ސިކުނޑި އަދި ސިކުނޑިއާއި ގުޅިފައިވާ ނާރުތަކުގެ މަސައްކަތްތައް ކުއްލިއަކަށް ދަށްވެ ހުއްޓުންއެރުމެވެ. ސްޓްރޯކްގެ 2 ވައްތަރެއް ހުރެއެވެ. އެއީ ސިކުނޑީގެ ލޭހޮޅިއެއް ބޮލޮކްވެ އެހިސާބަށް ލޭ ނުހިނގައި އޮކްސިޖަން ނުގޮސްގެންޖެހޭ "އިސްކީމިކް" ސްޓްރޯކާއި ކޮންމެވެސް ސަބަބަކާއިހުރެ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެންދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން ޖެހޭ " ހިމޮރެޖިކް" ސްޓްރޯކެވެ. ސްޓްރޯކްގެ 85% އަކީ އޮކްސިޖަން ނުގޮސްގެންޖެހޭ ސްޓްރޯކަށްވާއިރު އަނެއް 15%އަކީ ސިކުނޑިއަށް ލޭ އެޅިގެން ޖެހޭވައްތަރު ސްޓްރޯކެވެ. އަދި ޙާލަތު ގޯސްވެ މީހާގެ ފުރާނައަށް ބޮޑަށް ނުރައްކާވަނީވެސް މިވައްތަރުގެ ސްޓްރޯކުންނެވެ.

Advertisement

ތަފާތުހިސާބުތައް ދައްކާގޮތުން ދުނިޔޭގައި 2 ވަނައަށް އެންމެ ގިނައިން މިހުން މަރުވާ ސަބަބަކީ ސްޓްރޯކެވެ. ދެހާސްފަނަރަވަނަ އަހަރު މުޅިދުނިޔެއިން 6.2 މިލިއަން މިހުން ސްޓްރޯކް ޖެހިގެން މަރުވިއެވެ. ހަމަ އެހެންމެ މީހުން ނުކުޅެދުންތެރިކުރުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ސްޓްރޯކެވެ. އެހެނީ ސްޓްރޯކްޖެހިގެން ރަނގަޅުވާގިނަމީހުންގެވެސް އަތްފައިގެ ބާރު ދަށްވުމުގެ ސަބަބުން ހިނގައި ބިގައިވެ އުޅުމަށް އުދަގޫވުމާއި ބައެއް ޙާލަތްތަކުގައި ދިރުވަން އުދަގޫވެ އަދި ބައެއްފަހަރު މީހެއްގެ އެހީއާއި ލައިގެން މެނުވީ އެއްވެސް ކަމެއް ނުކުރެވޭތީއެވެ.

ދިވެހިރާއްޖޭގައިވެސް ސްޓްރޯކްޖެހޭ މީހުންގެ ޢަދަދު މަދެއްނޫނެވެ. އޭގެ ތެރޭގައި މެދުޢުމުރުގެ ޒުވާންފުރައިގެ މީހުން ހިމެނޭކަމީ މިކަމާމެދު އިތުރަށް ވިސްނާންޖެހޭ ކަމެކެވެ. އެހެންވެ, މިކަމާމެދު ދިވެހި މުޖްތަމަޢު ހޭލުންތެރިކުރުމުގެ ނިޔަތުގައި ދެތިންބަހެއް ލިޔެލަމެވެ.

ސްޓްރޯކެއް ޖެހުމުން ފެންނާނެ ޢަލާމާތްތަތަކީ ކޮބާ؟

ސްޓްރޯކެއްގެ ޢަލާމާތްތައް ފެންނާނީ ކުއްލިއަކަށްކަމުން ފަސޭހައިން ހަނދާނުގައި ބެހެއްޓުމަށްޓަކައި FAST މި ބަސް ހިތަށް ގެންނަވާށެވެ. މިބަހުގެ ކޮންމެ އަކުރެއް ރަމްޒުކޮށްދެނީ ޢަލާމާތެކެވެ.

• Face މީހާގެ މޫނު ހުރީ ދެފަރާތް އެއްވަރުކޮށްތޯ ނުވަތަ މޫނުހުރީ އެއްފަޅި ތިރިއަށް ނުވަތަ އެއްފަރާތަކަށް ދަމާފައިތޯ؟

• Arm މީހާގެ އަތެއް ނުވަތަ 2 އަތުގެ ބާރު ދަށްތޯ ނުވަތަ އައްސިވޭތޯ؟

• Speech ވާހަކަ ދެއްކުމުގައި އުދަގުލެއް ނުވަތަ ޢާންމުކޮށް ވާހަކަދައްކާގޮތާއި ޚިލާފުކަމެއް އެބަހުރިތޯ؟

• Time މިއިން އެއްވެސް ކަމެއް ފާހަގަވާނަމަ ވަގުތުން އެމްބިއުލާންސް 102 އަށް ގުޅުއްވާ! ސްޓޯކް ޖެހުމުން އޭގެ އެންމެ ފުރިހަމަ ފަރުވާ ހޯދުމަށް, ވަގުތަތު ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ފަރުވާކުރަން އަވަސްވި ވަރަކަށް އޭގެ ނަތީޖާ ކާމިޔާބެވެ.

ބައެއް ތަޖުތިބާކާރުން BE-FAST ބޭނުންކުރެއްވުމަށް އިރުޝާދު ދެއްވައެވެ. އެއީ މަތީގައި އެ ބަޔާންކުރެވުނު ޢަލާމާތްތަކަށް 2 ޢަލާމާތް އިތުރުކޮށްގެންނެވެ.

• Balance ބެލެންސް ކުރަންއުދަގޫވާތީ ކޮޅަށްހުންނަން ނުވަތަ ހިނގަން އުދަގޫވޭތޯ؟

• Eye ފެނުމުގައި އެއްވެސް މައްސަލައެއް އުދަގުލެއް އެބަހުރިތޯ؟

މިއިންކަމެއް ފާހަގަވާނަމަ އެއީ ހޮސްޕިޓަލެއްގެ އިމަރޖެންސީ ރޫމަށް ވަގުތުން ދާންޖެހޭކަމެކެވެ. އެންބިއުލާންސް 102 އަށް ގުޅަންވީއެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަވާށެވެ. ވީ އެންމެ އަވަހަކަށް, އާދެ! ހަމަ ވީހާވެސް އަވަހަކަށް ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމަށް ދާންވީއެވެ. އޯޕީޑީއަށް ނަންބަރެއް ނަގައިގެން އެކަމުގެ ޚާއްސަ ޑޮކްޓަރަށް ދައްކާކަށްނޫނެވެ.

ސްޓްރޯކްޖެހުމުން ފަރުވާ ދެނީ ކިހިނެއް؟

ސްޓްރޯކްޖެހުމުން ދޭންޖެހޭ ފަރުވާ ބިނާވެގެންދަނީ ޖެހުނު ސްޓްރޯކްގެ ބާވަތުގެ މައްޗަށެވެ. ސްޓްރޯކްގެ ބާވަތް ދެނެގަތުމަށްޓަކައި ސިކުނޑީގެ ސީޓީ ސްކޭނާއި އެމް އާރް އައި ހަދައެވެ. އަދި ބައެއްފަހަރު ސިކުނޑިއާއި ގުޅިފައިވާ ލޭހޮޅިތަކުގެ ސްކޭނާއި ހިތުގެ ސްކޭންވެސް ހަދައެވެ. މި ސްކޭންތަކުން އެ ޖެހުނު ސްޓްރޯކަކީ ލޭހޮޅިއެއް ބެދި ސިކުނޑިއަށް އޮކްސިޖަން ނުގޮސްގެން ޖެހުނު ސްޓްރޯކެއްތޯ ނުވަތަ ލޭ ހޮޅިއެއް ފަޅައިންގޮސް ސިކުނޑިއަށް ލޭ އެޅިގެންޖެހުނު ސްޓްރޯކެއްތޯ ދެނެގަނެވޭނެއެވެ.

ލޭ ހޮޅިއެއް ބެދިގެން އުޅޭނަމަ އެ ބެދިގެން ނުވަތަ ބަންދުވެގެން އުޅޭ ލޭ ހޮޅި ހުޅުވުމަށް ބޭހުންނާއި ލޭހޮޅިތަކަށް ކެތިޓަރ ލައްވައިގެން ކުރާ އޮޕަރޭޝަންތައް ކޮށްގެން ފަރުވާދެވެއެވެ. މި ފަރުވާތަކުން ޖެހިގެން އުޅޭ ސްޓްރޯކް ރަގަޅުވުމަށް އެހީތެރިވެދެއެވެ. ހަމަ އެހެންމެ, އިތުރަށް ޖެހިދާނެ ސްޓްރޯކްތަކުން ސަލާމަތްކުރުމަށް ލޭ ދިޔާކުރާބޭހާއި ކޮލެސްޓްރޯލް ދަށްކުރާ ބޭސްވެސް ދެއެވެ.

ލޭހޮޅިއެއް ފަޅައިގެންގޮސް ސިކުނޑިއަށް ލޭ އެޅިގެން ސްޓްރޯކް ޖެހިގެން އުޅޭނަމަ އިތުރަށް ސިކުނޑިއަށް ލޭ އެޅިޔަނުދީ އަދި ސިކުނޑި ދުޅަވިޔަނުދީ ހިފެހެއްޓުމަށް ބޭސްދެއެވެ. އަދި ލޭ ތުނިވާފަދަ ބޭހެއް ކަމުން އަންނަނަމަ އެފަދަ ބޭހެއްވެސް ނުދީ ހުއްޓުވާނެއެވެ. ހަމަ އެހެންމެ އޮޕރޭޝަންކުރަންޖެހޭ ޙާލަތްތަކުގައި އެ ލޭތައް ބޭރުކުރަން ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަށް ސިކުނޑީގެ އޮޕަރޭޝަންވެސް ކުރެއެވެ.

ސްޓްރޯކް ޖެހުމުގެ ރިސްކު އޮތީ ކޮންބަޔަކަށް!

ސްޓްރޯކްޖެހުމުގެ ރިސްކަށް ހުށައެޅޭ ކަންކަންގިނައެވެ. އޭގެތެރޭގައި

• ޢުމުރުން 40 އަހަރަށްވުރެ ދޮށިވުން

• ހިތުގެބަލި

• ލޭގެ ޕްރެޝަރު މަތިވުން

• ހަކުރުބަލި

• ކޮލެސްޓްރޯލް މަތިވުން

• ދުންފަތުގެ އިސްތިޢުމާލުކުރުން

• މަސްތުވާތަކެތި ބޭނުންކުރުން

• މާބޮޑަށް ބަރުދަން އިތުރުވުން

• ހެލިފެލިވެނުއުޅުމާއި ކަސްރަތުނުކުރުން

• ޢާއިލާގައި ހިތުގެބަލީގެ ނުވަތަ ސްޓްރޯކްޖެހިފައިތިބި މީހުން ތިބުން ފަދަ މިނޫންވެސް އިތުރު ކަންކަންހުރެއެވެ.

ސްޓްރޯކްޖެހުމުން ސަލާމަތްވެވިދާނެތަ؟

ހުރިހާ ސްޓްރޯކްތަކުން ރައްކާތެރި ނުވެވުނަސް ގިނަ ސްޓްރޯކްތަކަކީ އެޖެހުމުން ސަލާމަތްވެވިދާނެ ސްޓްރޯކްތަކެވެ. އަހަރެމެންނަށް ސްޓްރޯކްޖެހުމުގެ ނުރައްކާ ބޮޑުތަނުން ދަށްކޮށްލެވިދާނެއެވެ.

• ޑޮކްޓަރުގެ ލަފާގެމަތިން އެދެއްވާ ބޭސް ގަވާއިދުން ބޭނުންކުރަންޖެހޭނެއެވެ. ލޭގެ ޕްރެޝަރު ދަށްކުރާ ބޭސް, ކޮލެސްޓްރޯލާއި ހަކުރަށް އަދި ލޭ ތުނިކުރަން ދެއްވާބޭސް ވަކިން ފަހަގަކޮށްލެވެއެވެ.

• ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ ސުލޫކަށް ހެޔޮބަދަލުގެންނަން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެތި ބެނުންކުރުން ހުއްޓާލަން ޖެހެއެވެ. ގަވާއިދުން ކަސްރަތުކުރުމަށް ނިޔަތްގަނެ ހަފްތާގެ ގިނަދުވަސްދުވަހު މަދުވެގެން ބައިގަޑިއިރަށް ހިނގާލެވެތޯބަލަންވާނެއެވެ. ބަރުދަން ބަރުނަމަ ހިކުމާއި, ކެއުމުގައި މެވާ ތަރުކާރީގެބައި ގިނަކޮށް މަހުގެ ބާވަތްތަކާއި ތެޔޮއެއްޗެތި މަދުކުރުމަކީ ކުރެވިދާނެކަމެކެވެ. ހަމަ އެހެންމެ ކެއުމުގައި ހަކުރާއި ލޮނުގެ ނިސްބައި ދަށްކުރުން ފަދަ ކަންކަމަކީ އޭގެ ފައިދާ އިންތިހާއަށް ކުރާނޭ ކަންކަމެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox