ކުރިން އެއްބަސްވި ގޮތަށް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެ، ބިލިއަނަރު އެލޮން މަސްކް އެންމެ ފުރަތަމަ ވެސް ކުންފުނީގެ ވެރިން ވަޒީފާއިން ވަކިކޮށްފި އެވެ.
ޓްވިޓާގެ ޕޯސްޓުތައް މޮޑަރޭޓް ކުރަން މުޅިން އާ ކައުންސިލެއް ހަމަޖެއްސިކަން މަސްކް އިއުލާން ކުރި އިރު، ކުރިން އިސް މަގާމުތަކުގައި ތިބި އެންމެން ކުންފުންޏާ ވަކިވި އެވެ.
މަސްކް ބުނީ ޕޯސްޓުތައް މޮޑަރޭޓް ކުރާ ކައުންސިލްގައި "ތަފާތު ހިޔާލުތަކުގެ" މީހުން ތިބޭނެ ކަމަށެވެ. ކޮންޓެންޓާއި އެކަައުންޓްތަކާ ގުޅޭ ބޮޑެތި ނިންމުން ނިންމާނީ އެ ކައުންސިލުންނެވެ.
ކުންފުނިން ވަކިވި މީހުންގެ ތެރޭގައި ފިނޭންސް ފީޗް ނެޑް ސެގާލް އަދި ބޯޑުގެ ޗެއާމަން ބްރެޓް ޓެއިލާ ހިމެނެ އެވެ. ޗީފް އެގްޒެކްޓިވްގެ މަގާމުގައި ހުރި ޕަރަގް އަގްރަވާލް ވަޒީފާއިން ވަކިކުރި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އޭނާގެ ޓްވިޓާ ޕްރޮފައިލްގައި އަދިވެސް ލިޔެފައި ވަނީ އެއީ ސީއީއޯ ކަމަށެވެ.
މަސްކް ކުންފުންޏަށް ގެންނާނެ ބަދަލުތަކުގެ މާ ބޮޑު މައުލޫމާތެއް އާއްމެއް ނުކުރެ އެވެ. އެކަމަކު އޭނާ ބުނީ ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އެ ޕްލެޓްފޯމުގައި ލިބެން ޖެހޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު މަސްކް ކުރި ޓްވީޓެއްގައި ބުނީ ކުންފުނި ގަންނަނީ "ފައިސާ ގިނަކުރަން ނޫން" ކަމަށާއި އެކަން ކުރަނީ "އިންސާނިއްޔަތަށް އެހީވާން" ކަމަށެވެ.
ޓްވިޓާ ގަންނަަން ނިންމައި އެންމެ ފުރަތަމަ ވާހަކަ ދެއްކި އިރު މަސްކް ބުނީ އޭނާ ބޭނުންވަނީ ސްޕޭމް އެކައުންޓްތައް ޑިލީޓުކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ޕްލެޓްފޯމަކަށް ހަދަން ކަމަށެވެ.
އެކަަމަކު އޭގެ ދުވަސްކޮޅެއް ފަހުން، އެ ހުށަަހެޅުން އަނބުރާ ގެންދިޔައީ ފޭކު އެކައުންޓުތަކުގެ އަދަދާ ބެހޭ ގޮތުން ޓްވިޓާއިން ސައްހަ މައުލޫމާތު ނުދޭ ކަމަށް ބުނެ އެވެ.
ޓްވިޓާ ހިންގުމުގައި އިސްކޮށް އުޅޭ މީހުން އެ ތުހުމަތު ދޮގުކުރި އެވެ. އެ މީހުން ބުނީ މަސްކް ހުށަހެޅުން އަނބުރާ ގެންދިޔައީ މާ އަގުބޮޑުވުމުން ކަމަށެވެ.
ކުރިން އެއްބަސްވި ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޓްވިޓާއިން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ބުނީ އޮކްޓޯބަރު 28 ކުރިން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.








