ސިޑްނީ، އޮސްޓްރޭލިއާ (އޮކްޓޫބަރު 23) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އިން ކުޅުނު ދެ ވަނަ މެޗުގައި ނެދަލެންޑްސް އަތުން މޮޅުވި މެޗުގައި ވެސް ވިރާތު ކޯލީ ތަފާތު ދެއްކިއިރު، ހަނި ގޮތަކަށް އެއް ލަނޑުން ޒިމްބާބްވޭ އަތުން ބަލިވެ، ޕާކިސްތާނަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.
އިންޑިއާ އިން ސުޕަ 12ގެ ގްރޫޕް ދޭއްގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ހަތަރު ވިކެޓުން މޮޅުވިއިރު، އެ މެޗުގައި ވިރާތު ވަނީ 82 ލަނޑު އެއްކޮށްފަ އެވެ. އިއްޔެ ނެދަލެންޑްސް އަތުން 56 ލަނޑުން މޮޅުވިއިރު، ވިރާތު ވަނީ 62 ލަނޑު އެއްކޮށްފަ އެވެ. ވިރާތު މި ފަހަރުގެ ޓީ20 ވޯލްޑް ކަޕް މި ފެށީ ފުރަތަމަ ދެ މެޗުގައި ވެސް ނުބައިނުވެ އެވެ.
ނެދަލެންޑްސްއާ ދެކޮޅަށް އިންޑިއާ އިން އިއްޔެ ކުޅުނު މެޗުގައި އެ ޓީމުން ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އިންޑިއާ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 179 ލަނޑު އެއްކުރި އެވެ. ވިރާތުގެ އިތުރުން އިންޑިއާ ޓީމަށް ދެން އެންމެ ގިނަ ލަނޑު އެއްކޮށްދިނީ 53 ލަނޑު ހެދި ކެޕްޓަން ރޯހިތު ޝަރްމާ އާއި 51 ލަނޑު ހެދި ސޫރްޔަކުމާރް ޔާދަވް އެވެ.
ޖަވާބުގައި ނެދަލެންޑްސް އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 123 ލަނޑެވެ.
ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވި މާޔޫސްކަމުން އަރައިގަންނަން ނުކުތް ޕާކިސްތާން އިއްޔެ ކުުޅުނު މެޗުގައި ޒިމްބާބްވޭ އަތްދަށުވީ ފަހު ވަގުތު ހިތްދަތި ގޮތަކަށް އެއް ލަނޑުންނެވެ. މި މެޗުގައި ޓޮސް ދިމާވުމުން ކުޅެން އަރައި ޒިމްބާބްވޭ އިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހެދި އެވެ. ޒިމްބާބްވޭ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ލަނޑު ހެދި ސޯން ވިލިއަމްސް އެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. އެންމެ ލަނޑެއްގެ ފަރަގުން ބަލިވުމުން ޕާކިސްތާން ޓީމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. ހާއްސަކޮށް ފަހު ބޯޅައިގައި ޝާހިދު އަފްރީދީ އަށް ޓީމު މޮޅުކޮށްދޭން ފުރުސަތު އޮވެމެ، އޭގެ ބޭނުން ނުހިފުނީތީ އެވެ.
ޓީ20 ވޯލްޑް ކަޕްގެ ސުޕަ 12 ޓީމު ވާދަކުރާ ގްރޫޕް ދޭއްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ އިންޑިއާ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ދެކުނު އެފްރިކާ އެވެ. ޒިމްބާބްވޭ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ބަންގްލަދޭޝަށް ހަތަރު ވަނަ ލިބެނީ ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފަހަތުގައި އޮތް ދެ ޓީމު ކަމަށްވާ ނެދަލެންޑްސް އާއި ޕާކިސްތާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ އަށް ހޮވާއިރު، ގްރޫޕް ދޭއްގެ ގަދަ ދެ ޓީމުގައި ހިމެނެން ޕާކިސްތާނުން ދެން ކުޅޭ ހަތަރު މެޗުން މޮޅުވާން ޖެހޭނެ އެވެ.












