ބާސެލޯނާ (އޮކްޓޫބަރު 27) - ޖެހިޖެހިގެން ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސެލޯނާ ކެޓިއިރު، އެ ކަމުގެ ހިތާމައާ އެއްވަރަށް މާޔޫސްވާ އަނެއް ސަބަބަކީ ބާސެލޯނާ ސަޕޯޓަރުންނަށް ވެސް މީގެ ސަަބަބުން ކުރާނެ އަސަރު ވިސްނޭތީ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާްންޑޭޒް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވި މެޗަށް ނުކުތްއިރު، ވެސް އެ ޓީމު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާނެކަން ޔަގީންވެފަ އެވެ. އެއީ ރޭ އެ ގްރޫޕްގައި ކުރިން ކުޅުނު މެޗުގައި އިންޓަ މިލާނުން 4-0 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފައިވާތީ އެވެ.
ޒަވީ ބުނީ ބާސެލޯނާ ރޭގެ މެޗަށް ނުކުތްއިރު ވެސް ކަޓާފައިވާތީ، އެއީ މެޗަށް އެންމެ ރަނގަޅު ވިސްނުމެއްގައި ނުކުންނަން ބެލިއިރު، ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށެވެ.
"އެ ހުރިހާ ކަމަކާ އެކީ ވެސް ބާސެލޯނާގެ ސަޕޯޓަރުން ޓީމަށް އެ ދިން ސަޕޯޓް އަހަރެން ވަރަށް ބޮޑަށް ފާހަގަކުރަން. އެ މީހުންނަށް (ސަޕޯޓަރުންނަށް) ހައްގު ގޮތެއް ނޫން މި ދިމާވަނީ. އަހަންނަށް އޮތް މާޔޫސްކަމަކީ ޓީމު ފަހަތުގައި ސަޕޯޓަރުން އެ ގޮތަށް ތިބޭއިރު ވެސް އެ ވަރުގެ ލެވަލެއް އަހަރެމެންނަށް އަދިވެސް ނުދެއްކޭތީ،" ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުންޏެވެ.
"ހަގީގަތާ ކުރިމަތިލާންޖެހޭ، މި ވަގުތު މި ތިބީ ޗެމްޕިއަންސް ލީގު ލެވަލްގައެއް ނޫން. އަހަރެމެން މަސައްކަތް ކުރަންވީ ޓީމުގެ ހާލަތު ރަނގަޅުކޮށް، މަތީ ލެވަލްގައި ގަވާއިދުން ކުޅެން،"
ރޭގެ މެޗަށް ފަހު ބާސެލޯނާ ސަޕޯޓަރުންނަށް ހާއްސަ ވަގުތުކޮޅެއް ކްލަބްގެ ކުޅުންތެރިން ދަނޑުގައި ހޭދަކުރި އެވެ. ރޭގެ މެޗަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ ބާސެލޯނާ ދަނޑު، ކޭމްޕް ނައުގައި ފެންނާނެ ޗެމްޕިއަންސް ލީގުގެ ފަހު މެޗެވެ. އަންނަ އަހަރު ކޭމްޕް ނައުގެ ތަރައްގީގެ މަސައްކަތްތަކެއް ކުރާއިރު، ބާސެލޯނާ އިން ބޭނުންކުރާނީ އެ ސަރަހައްދުގެ އޮލިމްޕިކް ސްޓޭޑިއަމް އެވެ.
ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ބާސެލޯނާ އިން އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދިޔަ ފަހުން ކުޅުނު ދެ ސީޒަނުގައި ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ޖެހިފަ އެވެ. މެސީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ގުޅިފަ އެވެ.
މިއީ ބާސެލޯނާގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖެހިޖެހިގެން ދެ އަހަރު ކެޓި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގެ ކުރިން، އެންމެ ފަހުން ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް ކެޓީ 2000/2001 ވަނަ ސީޒަނުގަ އެވެ. ބާސެލޯނާ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާތީ ކުޅުނީ ޔުއެފާ ކަޕް (މިހާރުގެ ޔޫރޮޕާ ލީގު) ގަ އެވެ.












