ބާސެލޯނާ (އޮކްޓޫބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުން ކެޓުމާ އެކު ބާސެލޯނާ އަށް ލިބެން އޮތް އާމްދަނީގެ ބައެއް ގެއްލި އަނެއްކާ ވެސް ކުލަބުގެ މާލީ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓީ ގްރޫޕު ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުންނެވެ. އެ ގޮތުން، ރޭ ބަޔާން މިޔުނިކް އަތުން 3-0 އިން ބަލިވެ، އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ އެއްކޮށް ގެއްލިފަ އެވެ. ބަޔާނާ އެކު މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ އިންޓަ މިލާން އެވެ.
ސީޒަންގެ އެންމެ މުހިންމު މުބާރާތުން ކެޓުމުން ބާސެލޯނާ އަށް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް އާމްދަނީ އިން 20.2 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު މަދު ވާނެ އެވެ. ބާސެލޯނާ އިން ސީޒަނަށް ބަޖެޓު ހެދީ އެންމެ ދަށްވެގެން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެ ޓީމަށް ޖާގަ ލިބޭނެ ކަމަށް ބަލައިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ލިބޭ ޓީމްތަކަށް 9.6 މިލިއަން ޕައުންޑް (12 މިލިއަން ޑޮލަރު) ދޭއިރު، ކުއާޓާ ފައިނަލަށް ދަތުރުކުރާ ޓީމްތަކަށް 10.6 މިލިއަން ޕައުންޑް (13 މިިލިއަން ޑޮލަރު) ލިބެ އެވެ. މި އާމްދަނީ މި ފަހަރު ބާސެލޯނާ އަށް ގެއްލުނުއިރު، ޗެމްޕިއަންސް ލީގުގެ މެޗުތަކާއި އެހެނިހެން ކަންކަމުން ކުލަބަށް ލިބޭނެ އާމްދަނީ އަށް ވެސް މިކަަމުގެ ސަބަބުން އަސަރު ކުރާނެ އެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ސީޒަންގައި ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އާ ފިޔަވަޅުތަކެއް އަޅުއްވާނެ އެވެ. ސީޒަންގެ ފަހުކޮޅަށްދާއިރު، ރަނގަޅު އާމްދަނި އެއް ނުލިބިއްޖެ ނަމަ ކުލަބުގެ ހަަރަދުތައް ކުޑަކުރުމަށް ކުރިއެކޭ އެއްގޮތަށް ކުޅުންތެރިންގެ މުސާރައަށް ވެސް ބޮޑު ބަދަލެއް އައުން އެކަށީގެންވެ އެވެ.
މިދިޔަ ދެ ސީޒަންގައި ވެސް ބާސެލޯނާގެ ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހުނެވެ. އަދި އާ ސީޒަނަށް ކުލަބަށް ގެނައި ކުޅުންތެރިންގެ ބައެއް ބޯނަސްތަކަށް ވެސް އޮތީ ބަދަލުތަކެއް ގެނެސްފަ އެވެ.
ބާސެލޯނާގެ މާލީ ހާލަތަށް ބަލައި ކުލަބުގެ ބައެއް ކުޅުންތެރިން ޖެނުއަރީ ޓްރާންސްފާގައި ވިއްކާލުން ގާތްކަމަށް ވެސް މީޑިއާ ތަކުން ރިޕޯޓުކުރެ އެވެ. އަދި އާ ސީޒަންގައި އެ ކުލަބަށް ބަދަލުވި ބައެއް ކުޅުންތެރިން މިހާރު ކުލަބު ދޫކޮށްލަން ވިސްނަން ފަށާފައިވާ ކަމަށް ވެސް ބެލެވެ އެވެ.
ބާސެލޯނާގެ މާލީ ހާލަތު ގޯސްވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި ބާސެލޯނާ އިން ލޯނުތަކެއް ނަގާފައިވާއިރު އެ ކުލަބުން ވަނީ ޗެމްޕިއަންސް ލީގުގެ ޓީވީ ރައިޓްސްގެ ގޮތުގައި ލިބޭ އާމްދަނީ އިން ކުލަބުތަކަށް ލިބޭ އިންސައްތައިގެ އެޑުވާންސެއް ހޯދުމަށް ޔުއެފާގައި އެދިފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލި ޔޫއެފާ އިން ލިބެން އޮތް ލާރިކޮޅުވެސް ގެއްލުނީ އެވެ.
މި އުނދަގޫ ދަނޑިވަޅުގައި ހުރިހާ ސަޕޯޓަރުންވެސް ކެތްތެރިކޮށް ތިބެ ކުލަބުގެ ކޯޗާއި މެނޭޖްމަންޓަށް އިތުބާރު ކުރަން ރައީސް ލަޕޯޓާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.












