އަމްސްޓެޑަމް (އޮކްޓޫބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަޔަކްސް އަތުން 3-0 އިން މޮޅުވެ، ލިވަޕޫލް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި ބަޔާ ލެވަކޫސަންއާ 2-2 އިން އެއްވަރުވެ، މުބާރާތުން ކަޓައިފި އެވެ.
ޓޮޓެންހަމް ހޮޓްސްޕާސް އިން މިރޭ ފަހު ވަގުތު ޖެހި ގޯލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައެއް ނުގަތްއިރު، އެ ޓީމު ވަނީ ސްޕޯޓިން ލިޒްބަންއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން މޮޅުވިނަމަ ޓޮޓެންހަމަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ.
އެއްވަރުކޮށްލައިގެން ވެސް މިރޭ ދެ ވަނަ ބުރުގެ ފުރުސަތު އޮތް ލިވަޕޫލުން އަޔަކްސް ބަލިކުރީ މުހައްމަދު ސަލާހާއި ޑާވިން ނޫނޭޒް އަދި ހާވީ އެލިއަޓް ޖެހި ގޯލުތަކުންނެވެ. މި މެޗުގެ ކުރީކޮޅުގައި އަޔަކްސް އަށް ލީޑުނަގައިދޭން ސްޓީވެން ބާގްހައުސް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަޔަކްސްގެ ކެޕްޓަން، ޑޫސާން ޓަޑިޗް ޖެހި ބޯޅަ ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ވަނީ ބްލޮކްކޮށްފަ އެވެ.
މިއީ ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނު 150 ވަނަ މެޗެވެ. އެ އަދަދަށް ޗެމްޕިއަންސް ލީގުގައި 10 ކްލަބަކުން މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ހަތަރު ޓީމަކީ އިނގިރޭސި ކްލަބްތަކެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ މިރޭ ރޭންޖާސް އަތުން 3-0 އިން މޮޅުވެ، ފަސް މެޗުން 15 ޕޮއިންޓް ހޯދައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ނަޕޯލީ އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އަޔަކްސް އަށް ވަނީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރޭންޖާސް ފަސް މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

މިރޭގެ މެޗުގެ ތެރެއިން އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ރަބޯނާ ފްލިކެއް ފޮނުވާލަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
އެތުލެޓިކޯ ކުޅުނު މެޗުގައި ބަޔާ ލެވަކޫސަނުން ލީޑުނެގީ މޫސާ ޑިއާބީ ޖެހި ގޯލުންނެވެ. ޔަނިކް ކަރާސްކޯ ޖެހި ގޯލުން އެތުލެޓިކޯ އެއްވަރުކުރި ނަމަވެސް ކަލުމް ހަޑްސަން އޮޑޯއި ވަނީ އަލުން ލެވަކޫސަނަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ރޮޑްރީގޯ ޑި ޕޯލް އޭރިއާ ރޮނގުކައިިރިން ޖެހި ގޯލުން އެތުލެޓިކޯ އެއްވަރުކުރިއިރު، މެޗުން މޮޅުވާން އެ ޓީމަށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކަރާސްކޯ އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
ފުރަތަމަ ހަތަރު މެޗުން ބައިކޮޅަށް ލަނޑެއް ނުވަދެ، ނިންމާލި ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން މިރޭ ޕޯޓޯ ވަނީ 4-0 އިން މޮޅުވެ، ގްރޫޕް ބީގެ ދެ ވަނަ ޖާގަ ހޯދައި އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި ބްރޫޖް އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބުނުއިރު، އެތުލެޓިކޯ އަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ބަޔާ ލެވަކޫސަން އަށް ވަނީ ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ޓޮޓެންހަމް އެކެޑަމީގައި ކުރިން އުޅުނު މާކަސް އެޑްވާޑް އޭރިއާބޭރުން ޖެހި ގޯލުން ފުރަތަމަ ހާފުގައި ސްޕޯޓިން ލިޒްބަން އިން ލީޑުނެގި އެވެ.
ދެ ވަނަ ހާފުގައި ސްޕޯޓިންގެ ނަޒީނިއޯ އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދޭން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރި އެވެ. ޓޮޓެންހަމް އިން އެއްވަރުކުރީ މެޗުގެ 80 ވަނަ މިނިޓްގައި ރޮޑްރީގޯ ބެންޓަންކޫރު، ކޯނަރަކުން ފުއްމައިގެން އަރައި ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ކޭން ވަނީ ޓޮޓެންހަމް އަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ނިންމީ ކޭން އޭރިއާތެރެއިން ޖެހި މި ގޯލު އޮފްސައިޑް ކަމަށެވެ. އެ ނިންމުމާ މެދު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ޗެމްޕިއަންސް ލީގުގައި މި ފަހަރު އެންމެ ފޯރިގަދަކޮށް އޮތީ ގްރޫފް ޑީ އެވެ. ފަހު ދެ މެޗަށް އަންނަ ހަފްތާގައި ނުކުންނައިރު، ހަތަރު ޓީމަށް ވެސް އަމިއްލަ ބާރުގައި ދެ ވަނަ ބުރަށް ދެވެން އެބައޮތެވެ.
މި ވަގުތު ޓޮޓެންހަމް، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އަށް ތިން ވަނައިގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓް އަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. މިރޭ ފްރޭންކްފާޓް އަތުން 2-1 އިން ބަލިވި މާސޭ އޮތީ ތާވަލުގެ ފުލުގައި ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ.
ފަހު މެޗުގައި ފްރޭންކްފާޓް ނުކުންނާނީ ރަށުންބޭރުގައި ސްޕޯޓިންއާ ދެކޮޅަށެވެ. މާސޭ އަމިއްލަ ދަނޑުގައި ބައްދަލުުކުރާނީ ޓޮޓެންހަމްއާ އެވެ.
މިރޭގެ މެޗަށް ބަޔާން މިއުނިކާ ދެކޮޅަށް ބާސެލޯނާ، ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ދެ ވަނަ ބުރުގެ ދޮރު ބަންދުވެ، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޮޕާ ލީގުގައި ކުޅެން ޖެހިފަ އެވެ. އެއީ އިންޓަ މިލާން ކުޅުނު މެޗުން، ވިކްޓޯރިއާ ޕްލެޒެން 4-0 އިން ބަލިކޮށްފައިވާތީ އެވެ. މެޗަށް ނުކުތްއިރު ވެސް މާޔޫސްވެފައި އޮތް ބާސެލޯނާ ދަނޑުގައި ބަޔާން މިރޭ ވަނީ 3-0 އިން މޮޅުވެފަ އެވެ.
ބަޔާން ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް ފަސް މެޗުން ޕޮއިންޓެއް ނުލިބެ އެވެ.
ބާސެލޯނާ ދަނޑުގައި މިރޭ ބަޔާން އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެެވެ. ސަޑިއޯ މާނޭ ބަޔާްންގެ ފުރަތަމަ ގޯލު ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ. މިއީ ބާސެލޯނާގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅަތަކަށް ރަނގަޅު ވަގުތުގައި އަރައި، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، މާނޭ އާއި ޗޮޕޫ-މޯޓިން ޖެހި ގޯލުތަކެކެވެ.
މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހި ބެންޖަމިން ޕަވާޑް އެެވެ. މި ތިން ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖް ގްނަބްރީ އެވެ.
ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފައިވާ ޓީމުތަކަކީ ނަޕޯލީ، ލިވަޕޫލް، ކްލަބް ބްރޫޖް، ޕޯޓޯ، ބަޔާން މިއުނިކް، އިންޓަ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ އަދި ބެންފީކާ އެވެ.












