ބާސެލޯނާ، ސްޕެއިން (26 އޮކްޓޫބަރު) - މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ގްރޫޕް ސްޓޭޖުން ބާސެލޯނާ ކެޓުން ހައްގު ނޫން ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ ތިން ވަނައިގައި މި ވަގުތު އޮތް ބާސެލޯނާ އަށް ދެ ވަނަ ބުރުން ފުރުސަތު ލިބެން އޮތީ އެންމެ ގޮތެކެވެ. އެއީ އެ ޓީމަށް ބާކީ އޮތް ދެ މެޗު ކާމިޔާބުކުރުމާ އެކު ދެ ވަނައިގައި އޮތް އިންޓަ މިލާން ކުޅެން އޮތް ދެ މެޗުން ބަލިވުމެވެ. ބާސެލޯނާއިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އެއް މެޗު އެއްވަރުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.
މިރޭ ބަޔާން މިޔުނިކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މެޗާއި ބެހޭގޮތުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު މުބާރާތުން އެ ޓީމު ކެޓުން ހައްގު ނޫން ކަމަށެވެ. ކޮންމެ މެޗެއް ވެސް ނިމެނީ ވަރަށް ބަދުނަސީބުކޮށް ކަމަށާއި، ހަތަރު މެޗަށް ބަލާއިރު ވެސް ފެނުނީ އެކަހަލަ މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބުނާނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ވަރަށް ބަދުނަސީބޭ. ޕޮއިންޓް ތާވަލުން މި ފެންނަ މަންޒަރަކީ އެހާ ބޮޑަށް ޓީމުގެ ކުޅުން ދައްކައިދޭ މަންޒަރެއް ނޫން. އަހަރުމެންނަށް ދެ ވަނަ ބުރުގެ ޖާގައެއް ހައްގުވާ ވަރަށް ކުޅެވެނު. ނަތީޖާ ނަސީބު ދެރަކަމުން ދަށްކޮށް ދިޔައީ"
ބާސެލޯނާ އަށް ދެ ވަނަ ބުރުން ޖާގަ ލިބެން އޮތް ފުރުސަތާއި ގުޅޭގޮތުން ޒަވީ ބުނީ ކިތަންމެ ހަނި ފުރުސަތެއް އޮތް ކަމުގައި ވިޔަސް ޓީމުގެ އަމާޒަށް ބަދަލެއް ނާންނާނެ ކަމަށެވެ، ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ރަނގަޅު ފޯމެއްގައި ކުޅެ ރަނގަޅު ނަތީޖާ އަކަށް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.
"ހަނި ފުރުސަތެއް އޮތީ. އަހަރުމެންނަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތް ގޮތުގެ ވާހަކަ ދައްކައިގެން ކުރި އެރުން ލިބޭކަށް ނެތް. އިންޓަގެ ނަތީޖާތަކަށް ފޯކަސް ނުބަހައްޓައި އަހަރުމެންގެ ދެ މެޗު ނެގުން އަމާޒަކީ."
ޒަވީ ބުނީ ފުޓްބޯޅަ އަކީ ކޮންމެ ނަތީޖާއެއް، ހުރިހާ ފަހަރަކު މޮޅުވަނީ އެންމެ ހައްގު ޓީމް ނޫން ކަމަށެވެ.
ދާދި ފަހުން އިޓަލީގެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ނަތީޖާތައް ގޯސްކަމުން ބާސެލޯނާ އަށް މަލާމާތްކޮށް ވާހަކަދައްކައިފަ އެވެ.
މޮރީނިއޯ ބާސެލޯނާ ސިފަކުރީ ޗެމްޕިއަންސް ލީގުގައި ކަމެއް ނުކުރެވުނު މިޔަރުންގެ ގޮތުގަ އެވެ. އޭނާ ބުނީ ބައެއް ޓީމުތަކުން ބޮޑެތި ހަރަދުތައްކޮށް މޮޅުކަން ދައްކަން އުޅުނަސް ނަތީޖާތަކުން ފެންވަރު ފެންނަ ކަމަށެވެ.
ޒަވީ ބުނީ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިޔަސް ދެން އަމާޒު ހިފާނީ ޔޫރޮޕާ ލީގަށް ކަަމަށާއި، އެހާ ހިސާބުން މުބާރާތް ކާމިޔާބުކުރުމަކީ އަމާޒު ކަމަށެވެ. މޮރީނިއޯގެ ވާހަކަތަކަށް މާ ބޮޑު ރައްދެއް ދޭން ޒަވީ ބޭނުން ނުވި އެވެ.
ބާސެލޯނާ އާއި ބަޔާން މިޔުނިކް މިރޭ ވާދަކުރާއިރު މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ 12 ޕޮއިންޓާ އެކު ބަޔާނުން ވަނީ ޔަގީންކޮށްފަ އެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާއިރު، ދެ ވަނަގައި އޮތީ 7 ޕޮއިންޓާ އެކު އިންޓަ މިލާން އެވެ. އެ ޓީމު މިރޭ ނުކުންނާނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ކަޓާފައި އޮތް ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެވެ.












