ޕެރިސް (އޮކްޓޫބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޒްރޭލްގެ މެކަބީ ހައިފާ އަތުން 7-2 އިން ޕީއެސްޖީ ބޮޑު މޮޅެއް ހޯދިއިރު، 4-3 އިން ބެންފީކާ އަތުން ބަލިވެ، ޔުވެންޓަސް މުބާރާތުން ކަޓައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ޔުވެންޓަސް އަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ނެތެވެ. އެކަމަކު، ބަލިވުމުން އޮތް ހަނި ފުރުސަތު ވެސް ގެއްލި މުބާރާތުން ކެޓީ އެވެ. ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ބެންފީކާ އަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އާއި ހަތަރެއްގައި އޮތް މެކަބީ ހައިފާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ޖެހި ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލަކީ، ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ ކޮންމެ ކުޅުންތެރިއަކު ޖެހި ދެ ގޯލެވެ. އެ ޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކުރީ ނޭމާ އާއި ކާލޯސް ސޮލެއާގެ އިތުރުން މެކަބީ ހައިފާގެ ފަހަތަށް ކުޅޭ ސީން ޑޯލްބާގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގައި މެކަބީ ހައިފާގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގެ ފަހަތަށް ކުޅޭ އަބްދުﷲ ސެކް އެވެ.

ބެންފީކާގެ ރަފާ ސިލްވާ (ވ) ޔުވެންޓަސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ބެންފީކާ ދަނޑުގައި ރޭ އެންޓޯނިއޯ ސިލްވާގެ ލަނޑުން އެ ޓީމު 17 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، 21 ވަނަ މިނިޓްގައި މޮއިސް ކީން ވަނީ ޑޫސާން ވްލަހޯވިޗް ދިން ބޯޅަ އަކުން ގޯލެއް ޖަހައި ނަތީޖާ ހަމަަހަމަކޮށްދީފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް ޔާއޯ މާރިއޯ ވަނީ ބެންފީކާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފާ ސިލްވާ އިތުރު ގޯލެއް ޖަހައި، ބެންފީކާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. އަދި ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ރަފާ ސިލްވާގެ އިތުރު ގޯލެއް ފެނުނުއިރު، ބެންފީކާ އަށް ހަމަޖެހިލަން ފުރުސަތު ލިބުނެވެ.
ބަދަލަކަށް ކުޅެން އަރައި މެޗުގެ 77 ވަނަ މިނިޓްގައި ޔުވެންޓަސްގެ އާކަންޑިއުޒް މިލިކް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖެހޭގޮތެއްނުވެ، ޔުވެންޓަސް މެޗުން ބަލިވީ އެވެ.
ޗެމްޕިއަންސް ލީގުން ކެޓުމުން ޔުވެންޓަސްގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ އަށް އޮތް ޕްރެޝަރު ބޮޑުވެފައިވާއިރު، އޭނާ ބުނީ މި ވަގުތަށް ދެން ކުރެެވެން އޮތް ހަމައެކަނި ކަމަކީ ދެން ކުޅޭ މެޗުން މޮޅުވެ، ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީންކުރުން ކަމަށެވެ.
މިއީ 2013 ވަނަ އަހަރަށް ފަހު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނު ފުރަތަމަ ފަހަރެވެ.












