ވިއޭނާ، އޮސްޓްރިއާ (އޮކްޓޫބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެޑްބުލް ސަލްޒްބާގް އަތުން 2-1 އިން މޮޅުވެ، ޗެލްސީ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، އާރްބީ ލައިޕްޒިގު އަތުން 3-2 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ރެއާލް ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ރެއާލް ކޮޅަށް ރޭގެ މެޗުގެ 18 މިނިޓް ތެރޭ ލައިޕްޒިގުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ޖެހީ 13 ވަނަ މިނިޓްގައި ޖޮސްކޯ ގްވާޑިއޯލް ބޮލުންނެވެ. އޭގެ ފަސް މިނިޓް ފަހުން، ކްރިސްޓޮފާ އެންކުންކޫ ވަނީ ލައިޕްޒިގުގެ ލީޑުފުޅާކޮށްފަ އެވެ.
މެޗުގެ 41 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. ދެ ވަނަ ހާފަށް ކުޅެން އަރައި، ރެއާލުން އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުނުވަނިސް މެޗުގެ 81 ވަނަ މިނިޓްގައި ޓިމޯ ވާނާ ވަނީ ލައިޕްޒިގަށް ތިން ވަނަ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ރެއާލުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރޮޑްރީގޯ އެވެ.
މިއީ މިދިޔަ މެއި މަހު އަށް ވަަނަ ދުވަހުގެ ފަހުން ރެއާލް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ރެއާލް ވަނީ ބަލިނުވެ 20 މެޗު ފުރިހަމަކޮށްފަ އެވެ.
ރެއާލް ހިމެނޭ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ސެލްޓިކާއި ޝަހުތަރު ޑޮނެސްކް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު، ރެއާލް އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޝަހުތަރުގެ އޮތީ ހަ ޕޮއިންޓެވެ. ފުލުގައި އޮތް ސެލްޓިކަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.

ސަލްޒްބާގްގެ ދެ ކުޅުންތެރިން ކައިރިން ޗެލްސީގެ ކައި ހަވާޓްޒް ބޯޅަ ހިފައިގެންދަނީ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ބަލިވިއިރު، އެ މެޗަށް ފަހު އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލްގެ ވަޒީފާ ގެއްލުނެވެ. ދެން ޗެލްސީގެ ކޯޗުކަމާ ހަވާލުވި ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ފުރަތަމަ މެޗުގައި ވަނީ އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގައި ސަލްޒްބާގާ އެއްވަރުވެފަ އެވެ. އެކަމަކު، ދެން ކުޅުނު ތިން މެޗުން އޭސީ މިލާން ދެ ފަހަރާއި ރޭ ސަލްޒްބާގް އަތުން މޮޅުވެ، ޗެލްސީ މި ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެވެ.
ސަލްޒްބާގް ދަނޑުގައި ރޭ ކުުޅުނު މެޗުގެ 23 ވަނަ މިނިޓްގައި ޗެލްސީން ލީޑުނެގީ މަޓެއޯ ކޮވަސިޗް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ޖޫނިއާ އަޑަމޫ ޖެހި ލަނޑުން ސަލްޒްބާގް އެއްވަރުކުރި އެވެ. ޗެލްސީ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގައި ކައި ހަވާޓްޒް އެވެ.
މި ގްރޫޕްގެ އަނެއް މެޗުން ޑިނަމޯ ޒަގްރެބް އަތުން އޭސީ މިލާން ވަނީ ފަސޭހައިން މޮޅުވެފަ އެވެ. މިލާންގެ ލަނޑުތައް ޖެހީ މަޓެއޯ ގަބިއާ، ރަފައެލް ލެއާއޯ، އޮލިވިއޭ ޖިރޫޑް އަދި ޑިނަމޯގެ ރޮބާޓް ލުބިޗިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޗެލްސީ، ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސަލްޒްބާގަށް ވަނީ ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޑިނަމޯ ޒަގްރެބްގެ ވެސް ފަސް މެޗުން ހަތަރު ޕޮއިންޓް އެބައޮތެވެ.












