ލަންޑަން (އޮކްޓޫބަރު 25) - އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދާތަން ބަލަން ބޭނުން ނުވާ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ރޯނާލްޑޯ ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ބްރެޒިލްގެ ރޮނާލްޑޯ އަކީ ބްރެޒިލް އާއިއެކު ވޯލްޑް ކަޕްގެ ތަށި 2002ގައި ކާމިޔާބު ކުރި ކުޅުންތެރިއެކެވެ. މި އަހަރުގެ މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިއީ މިހާތަނަށް ކުޅޭ އެންމެ ވާދަވެރި އެއް މުބާރާތަށް ވާނެކަމަށެވެ. ސަބަބަކީ މުބާރާތުގައި ވާދަކުރާ ގިނަ ޓީމްތަކުގެ ފެންވަރު ރަނގަޅުވެފައި ހަމަހަމަ ވުމެވެ.
މި ގޮތުން މިފަހަރުގެ މުބާރާތަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ މެސީ ފަހު މުބާރާތަށް ވުން އެކަށީގެންވާތީ ގިނަ ގޮތްގޮތުން މި މުބާރާތުގެ ފޯރި ގަދަ ވާނެކަމަށް އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގެ "ދި ގާޑިއަން" ނޫހަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނީ މެސީ އަކީ ވޯލްޑް ކަޕް އުފުލާލުން ހައްގު ކުޅުންތެރިއެއް ކަމަށެވެ. އެހެން ނަމަވެސް، މެސީ އަށް މި މުބާރާތް ލިބެން އޭނާ ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އާޖެންޓީނާ ތަށި ހޯދަން އަހަރެން ބޭނުމެއް ނޫން. މެސީ އަށް ވޯލްޑް ކަޕެއް ހައްގު ހެއްޔޭ އަހައިފިއްޔާ އަހަރެންގެ ޖަވާބަކީ، އާނ އެކޭ! އޭނަ އަށް ހައްގު ހަމަ މި ތަށި. އެކަމަކު އާޖެންޓީނާ އާއިއެކު އޭނާ އަށް ތަށި ލިބެން އަހަރެން ހަމަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ބްރެޒިލް އާއި އާޖެންޓީނާގެ ވާދަވެރިކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ، އެ ވާދަވެރިކަމުގެ ތެރެއިން އޭނާ މެސީ އަށް ތަށި ދޭން ބޭނުންނުވާ ސަބަބު މެސީ ވެސް ގަބޫލުކުރާނެ ކަމަށެވެ.
"ދެ ގައުމުގެ ވާދަވެރިކަން އެންމެންނަށް ވެސް އިނގޭނެ. އަހަރެން ކުޅުނުއިރު ވެސް ހުރިހާ މެޗެއް ވަރަށް ފޯރިގަދަ ވާނެ. އެކަމުގެ ތެރެއިން މިވަރުގެ މުބާރާތެއްގައި އަހަރެން އާޖެންޓީނާ އަށް ތަށި ލިބޭކަށް ބޭނުމެއް ނޫން،"
މި އަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު އެހެން އަހަރުތަކެކޭ އެއް ގޮތަށް ގިނަ ބައެއްގެ ފޭވަރިޓުންގެ ތެރޭގައިވެސް ބްރެޒިލް އާއި އާޖެންޓީނާ ހިމެނެ އެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނީ 2002 ގަ އެވެ. އާޖެންޓީނާ އިން ވޯލްޑްކަޕްގެ ފައިނަލުގައި 2014 ގައި ކުޅުނު ނަމަވެސް އެ ފަހަރު ބަލިވީ އެވެ.












