ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް، ހުދުމުހުތާރުކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަމުން ގެންދަވާކަމުގެ ތުހުމަތުތަކާއެކު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ޝަކުވާތައް ބަންޑުންކޮށްލައިފި އެވެ.
ނަވާރަވަނަ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ކޮންޓްރޯލްކުރާއިރު، ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް މިއަދުގެ ޖަލްސާގައި ވަނީ ހޫނުވެފަ އެވެ.
މި ކޯޅުން އެންމެ ފުރަތަމަ ހޫނުވީ، މުޅި މަޖިލީހުގެ ކޮމިޓީން ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ދިރާސާކުރި ވަގުތުގަ އެވެ.
އެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތްރިލައިން ވިޕެއް ނެރެފައިވާއިރު، މަޝްވަރާކޮށްލުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް ވިދާޅުވެ ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެއާއެކު ދެ ފެކްޝަނުގެ މެދުގައި ކޯޅުން ބޮޑުވެ، ކޮމިޓީ ބައްދަލުވުން ވަނީ ހޫނުވެފަ އެވެ.

އެކަމާ ގުޅުވައި، ނަޝީދު ވަނީ ތްރީލައިން ވިޕު ނެރުނަސް، ކަމާގުޅޭ މާހިރުންގެ ލަފާ އަދި ހިޔާލު ނުހޯދައި ބިލު ފާސްކުރުމުގެ މަރުހަލާ ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިތަނަށް ކަމާގުޅޭ މާހިރުން އަޅުގަނޑު ގެންނާނަން. މިއަށްފަހުގައި ކޮމިޓީގެ ރިޕޯޓެއް އަނބުރާ ތަޅުމަށް ގެނެސް ވޯޓަށް މި އެހެނީ. އިރާދަކުރެއްވިއްޔާ މި ދެންނެވި ޑިމޮކްރެޓިކް އިޖުރާއަތްތައް އަޅުގަނޑު ހިފަހައްޓާނަން،" ނަޝީދު ވިދާޅުވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީއަށްފަހު، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ރޮޒެއިނާ ވަނީ ނަޝީދު މިއަދުގެ ކޮމިޓީ ކުރިއަށް ގެންދެވި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮމިޓީގެ ވަގުތު އިތުރުކުރަން މެމްބަރުން ހުށަހަޅައި އެކަމަށް ތާއީދު ލިބުމުން ނަޝީދު ވަނީ ވޯޓަށް ނާހައި ކޮމިޓީ ނިންމަވާލައްވައިފަ އެވެ. އަދި ކޮމިޓީގައި ވޯޓެއް ނަގައި، މެމްބަރުންގެ ތާއީދު ނެތި، ކޮމިޓީއަށް މާހިރުން ގެންނަން ނަޝީދު އަމިއްލައަށް ނިންމި ނިންމުމަށް ވެސް ރޮޒެއިނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މަޖިލީހުގެ ގަވައިދަކީ މިހާރު ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއް. މަޖިލީހުގެ ރިޔާސަތުގެ މޭޒުގައި އޮތް މަޖިލީހުގެ ގަވައިދާ، މެމްބަރުންގެ މޭޒުގައި އޮތް ގަވައިދަކީ ދޭއްޗެއް ހެން ވެސް އަޅުގަނޑުމެނަށް މިހާރު އެބަ ހީވޭ،" އޭނާ ވިދާޅުވި އެވެ.
ވަރަށް ޖަޒުބާތުގައި ރޮޒެއިނާ އިތުރަށް ވިދާޅުވީ މެމްބަރުންނަށް ވަގުތު ދިނުމުގައި އެކި މެމްބަރުންނަށް އެކި ގޮތަށް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި މެމްބަރުންނަށް ބަހުސްކުރަން ލިބޭ ވަގުތުގައި ނަޝީދު ބަހުސްގެ ތެރެއަށް ވަންނަވައި، ހުރިހާ ކަމެއްގައި އަމިއްލަ ވާހަކަތަކާއި ހިޔާލުތައް ދެއްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ސުވާލުގެ ގަޑީގައި މިނިސްޓަރު ދެއްވަންޖެހޭ ޖަވާބު ވެސް އެނގެނީ މަޖިލީހުގެ ރައީސަށް. މެމްބަރުން ކުރަންޖެހޭ ސުވާލު ވެސް އެނގެނީ މަޖިލީހުގެ ރައީސަށް. އަދި އެ ޖަވާބު ދިނީމާ، އޭގެ ތަރުޖަމާ ދެއްވަން އެބަ އުޅުއްވާ،" މިއީ މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރު ރިޔާސަތު ކަމަށް ސިފަކުރައްވަމުން ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ނަޝީދަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް، މަޖިލީހުގެ ރިޔާސަތަކީ ރައީސް އޮފީހެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކާއި އިހުތިޔާރުތައް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދަށް ނޯންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ މަޖިލިސް. މިތާނގާ ބާރު އޮންނާނީ މަޖިލީހުގެ މެމްބަރުންނަށް. ތި ގޮނޑީގައި އިންނަވާ ބޭފުޅަކީ މިތަނުގެ ކަންތައްތައް ސްމޫތުކޮށް ހިނގާތޯ އިންނަވާ ބޭފުޅެއް. މަޖިލީހުން ނުނިންމައި، މަޖިލީހުގެ ނަމުގައި ސިޓީތައް ތަންތަނަށް ފޮނުވައި، ކޮމިޓީތަކަށް މައްސަލަތައް ފޮނުވައި، މިކަންކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލިސް ހިނގާނެ ގޮތަކަށް މެމްބަރުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ނަޝީދު މަޖިލިސް ހިންގަވާ ގޮތުން މަސައްކަތް ކުރަން މެމްބަރުންނަށް އުނދަގޫވެފައިވާ ކަމަށެވެ.












