މޮރިޝަސްއާ އެއްކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަަސްވުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޗާގޯސް މައްސަަލައިގައި މޮރިޝަސްއާ އެއްކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުންކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ޗާގޯސް މައްސަަލައިގައި މޮރިޝަސްއާ އެއްކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުންކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގެ ދެކުނުގައިވާ ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމާ އެެއްކޮޅަަށް އެރުމަކީ ސަރަހައްދެއް ދޫކޮށްލަން އެއްބަސްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސް މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން މީގެ ކުރިން ދަމަހައްޓަމުން އައި ސިޔާސަތު ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. ސިޔާސަތު އެގޮތަށް ބަދަލުނުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، މިހާރު ކުރިއަށް ގެންދާ ބަހުސްގައި މެމްބަރަކު ދެއްކެވި ވާހަަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ.

"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،" ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ދެއްކެވި ވާހަކައަކަށް ރައްދުދެއެވަމުން ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން ނޫޅޭ ކަަމަށެވެ. އެކަމަކު މެމްބަރުން އެހެން ހީވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވާހަކައަށް ނަޝީދު ރައްދު ދެއްވުމުން ވެސް ޝަރީފު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށެވެ.

"ނޫން އިއްޒަތްތެރި ރައީސް، ހަގީގަތާ ހިލާފު ވާހަކައެއް. މަޖިލީހުގެ ރައީސް ތިޔަހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް ހިތާމަކުރަން،" ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ ދިވެހިންގެ ތަނެކޭ ޑިއަގޯގާސިއާ އަކީ"

ނަޝީދު ވިދާޅުވި ގޮތުުގައި އެމަނިކުފާނުގެ ވެރިކަމުގައި، ފޯޅަވައްސާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރެއްވި އެވެ. އެ މަޝްވަރާގައި ސަރުކާރުގެ އޭރުގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުކުުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ދަންނަވާނަން އަޅުގަނޑު އޭރު ގެންގުޅުނު ވިސްނުން. އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ އަޅުގަނޑުމެންގެ ތަނެކޭ ޑިއަގޯގާސިިއާ އަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް އެގައުމުން ކުރާ ދައުވާއަކީ ރާއްޖެއާ ގުޅޭ ކަމެއް ނޫން ކަމަށް ވެސް އޭރު ސަރުކާރުން ބުނި ކަމަށެވެ.

އެހެން ނަމަވެސް މޮރިޝަސްއާ ގުޅިގެން އިނގިރޭސި ސަރުކާރާ މަޝްވަރާއެއް ކުރަން އެމަނިކުފާނުގެ ސަރުކާރުން 2011 ވަނަ އަހަރު އެއްބަސްވި ކަމަށާއި އެއީ އެ ސަރަހައްދު (މަސްވެރިކަން ނުކުރެވޭނެހެންީ) ހިމާޔަތް ކުރަން އިނގިރޭސި ސަރުކާރުން ނިންމުމުން އެ މައްސަލައިގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ފޯޅައްސާ ބެހޭ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިނގިރޭސި ސަރުކާރާ ކުރި މަޝްވަރާގައި މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރެއްވި އެވެ.

"އެއްވާހަކައަކީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި ދިވެހިންނަށް ފާހަގަވެޔޭ، ސަގާފީ އަދި ތާރީހީ ހެކި އެކަމުގައި އެބަވެޔޭ،" ނަޝީދު ވިދާޅުވި އެވެ.

ދެވަނަ ނުކުތާއަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ އިންޑިއާ ކަނޑުގައި އިނގިރޭސިންގެ މަސްލަހަތު ތަންފީޒުކުރަމުން އައީ ރާއްޖެ މެދުވެރިކޮށް ކަމަށް ވުމެވެ.

"ތިން ވަނައަށް، ދިވެހި ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރަކަށް އެއްވެސް ބައެއް ގެއްލޭ ފަދަ އެއްވެސް ކަމެއްގައި އެއްބަސްވުމަކީ ދިވެހިސަރުކާރަށް ކުރެވެން އޮންނާނެ ކަމެއް ނޫނޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް އިނގިރޭސިން ކަނޑަައެޅި އިރު ވެސް އެ ސަރަހައްދުގެ އިން އަލުން ވަކިކޮށް ކަނޑަނާޅަން އެއްބަސްވި ކަމަށެވެ. އެހެންވެ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުގެ ބޮޑުމިނަކަށް ބަދަލެއް ނާދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox