މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ، ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ބަލަން ނިންމީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ގަޒިއްޔާގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލަ ކަމަށެވެ.
އެ މައްސަލަ ބެލުމާމެދު މަޝްވަރާ ކުރުމަށްފަހު ޖޭއެސްސީން ވަނީ މައްސަލަ ތަހުގީގު ކުރުމަށް ނިންމާ، އެކަމަށް ކޮމިޓީއެއް އެކުލަވާލާފަ އެވެ.
ގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި އައްޔަންކޮށްފައިވާ އަހުމަދު ނިޝާރު، އޭނާއާ ހަވާލުކޮށްފައިވާ ފުޅަދޫ ކޯޓަށް ވަޒީފާއަށް ނުކުތުމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ފުޅަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކު ނެތުމުގެ ސަބަބުން އެ ކޯޓު ވެސް ބަލަހައްޓަމުން ގެންދަވަނީ ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓެވެ. އޭނާ ސަސްޕެންޑުކޮށްފައި ވަނީ މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 14 ދުވަހުގެ މުއްދަތަކަށެވެ.














