ލަންޑަން (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަން ޔުނައިޓަޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެކޮޅުހެދި ކަމަށާއި އެކަމަށް އޭނާ އަށް އަދަބު ލިބެންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު، އެރިކް ޓެން ހާގް ބުނެފި އެވެ.
ޓޮޓެންހަމް އަތުން 2-0 އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވި މެޗު ނުނިމެނީސް ބެންޗު ދޫކޮށް ރޮނާލްޑޯ ޗޭންޖިން ރޫމަށް ދިޔަ މައްސަލަ ވަނީ ހޫނުވެފަ އެެވެ. އެ މެޗުގައި ރޮނާލްޑޯ އަށް ޔުނައިޓެޑްގެ ފުރަތަމަ 11 އިން ޖާގައެއް ނުލިބެވެ. ރޮނާލްޑޯ މެޗުގެ 89 ވަނަ މިނިޓުގައި ބެންޗު ދޫކޮށްދިޔައިރު، ޔުނައިޓެޑަށް އޮތް ފަސް ބަދަލުގެ ތެރެއިން އޭރު ކޮށްފައިވަނީ ތިން ބަދަލެވެ.
ރޮނާލްޑޯ އަށް އަދަބު ދިނުމުގެ ގޮތުން ޔުނައިޓަޑުން ވަނީ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ރޮނާލްޑޯ ބާކީކޮށްފަ އެވެ.
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުމަށް ރޮނާލްޑޯ ދެކޮޅު ހެދި ކަމަށެވެ. އަދި އޭނާގެ އަމަލުތަކަށް "އަދަބު ލިބެންޖެހޭ" ކަމަށް ޓެން ހާގް ބުންޏެވެ.
އެކަމަކު، ރޮނާލްޑޯ އަކީ އަދިވެސް ޔުނައިޓަޑްގެ ސްކޮޑުގައި މުހިންމު ކުޅުންތެރިއެއްކަން ޓެން ހާގް ފާހަގަކުރި އެވެ.
އަޔަކްސް ދޫކޮށް މި ސީޒަންގައި ޔުނައިޓެޑާ ހަވާލުވި ޓެން ހާގާއި ރޮނާލްޑޯގެ ގުޅުން ފެށުނީ ވެސް އެންމެ ރަނގަޅަކަށް ނޫނެވެ. އާއިލީ ސަބަބުތަކެއްގެ ކަމަށް ބުނެ، އޮސްޓްރޭލިއާ އާއި އޭޝިއާ އަށް ޔުނައިޓަޑުން ޕްރީ ސީޒަންގައި ކުރި ޓުއާތަކުގައި ރޮނާލްޑޯ ބައިވެރިއެއް ނުވެ އެވެ.
އޭގެއިތުރުން، ޓެން ހާގްގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ޕްރީ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ހާފު ޓައިމްގައި ރޮނާލްޑޯ ބަދަލުކުރުމާ އެކު، އޭނާ ވަނީ ދެ ވަނަ ހާފަށް މަޑުނުކޮށް ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ. އެ ފަހަރު ވެސް ޓެން ހާގްގެ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ރޮނާލްޑޯއާމެދު ފިޔަވަޅެއް ނާޅަ އެވެ.
ޓެން ހާގް ބުނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ މެޗު ނުނިމެނީސް ދިޔަ މައްސަލައިގައި ފިޔަވަޅެއް ނޭޅީ ފުރަތަމަ ފަހަރަށް އެފަދަ ކަމެއް ދިމާވުމުން ކަމަށެވެ. އަދި އެ މެޗަށް ފަހު ރޮނާލްޑޯގެ އިތުރުން އެހެން ކުޅުންތެރިންތަކެއް ވެސް މެޗު ނުނިމެނީސް ދިޔަ ކަމަށެެވެ.
"އެކަމަކު، ދެ ވަނަ ފަހަރަށް މިކަން ތަކުރާރުވީމާ ފިޔަވަޅު އަޅަންޖެހޭ. ރޮނާލްޑޯ ނެތްތަން މާދަމާ މެޗުގައި ދައްކާނެ. ސްކޮޑަށް ވެސް ލިބުނު އުނިކަމެއް ރޮނާލްޑޯ ނެތުމަކީ،" ޓެން ހާގް ބުންޏެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ޓެން ހާގް ބުނީ އޭނާގެ ވިސްނުމަކީ ސީޒަނުގެ ނިޔަލަށް ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކުރުން ކަމަށެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 21:30 ގަ އެވެ.












