ލަންޑަން (އޮކްޓޫބަރު 21) - ޔޫރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަތުން 1-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ، މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް އާސެނަލް އިން ކަށަވަރުކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ގްރެނިޓް ޝާކާ އެވެ.
އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރުވުމާ ގުޅިގެން ފަސްކޮށް، މިރެޔަށް ރީޝެޑިއުލްކުރެވުނު މި މެޗުން މޮޅުވެ، އާސެނަލް ވަނީ ގުރޫޕް އޭގެ އެއް ވަނައިގައި ޕީއެސްވީގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.
މި ގުރޫޕްގައި މީގެ ދެ ހަފުތާ ފަހުން މި ދެ ޓީމު ޕީއެސްވީގެ ދަނޑުގައި ކުޅޭ މެޗުން އާސެނަލް ޕޮއިންޓެއް ހޯދިޔަސް، އެ ޓީމަށް ގްރޫޕްގެ އެއް ވަނަ މަގާމު ކަށަވަރުވާނެ އެވެ.
"ވަރަށް އުފާވެއްޖެ މި މެޗުގައި ލަނޑު ޖެހުނީމަ. ކަނާތު ފައިން އެންމެ ފަހުން ލަނޑެއް ޖެހި ދުވަހެއް ހަނދާނެއް ވެސް ނުވޭ. ވަރަށް އުފާވެއްޖެ،" މެޗުން އާސެނަލް މޮޅުވި ލަނޑު ޖެހި، ސްވިޒަލެންޑްގެ މިޑްފީލްޑަރު ޝާކާ ބުންޏެވެ.
"ބަލިވިޔަސް، މޮޅުވިޔަސް އެކަމެއް ވާނީ ޓީމެއްގެ ގޮތުގައި. މި ވަގުތު ޓީމު މި އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި."
މި ސީޒަންގައި އާސެނަލް މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން 13 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓުރޯލް ކޮށްގެން ކުޅުނު އާސެނަލްގެ ގަބްރިއެލް މާޓިނޭލީ އާއި ބުކާޔޯ ސާކާ އަށް މެޗުގެ ފަހުކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
އާސެނަލްއާ ވާދަވެރި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ފޯވަޑް ރޫޑް ވެން ނިސްޓަރޯއީގެ ކޯޗުކަމުގެ ދަށުން ކުޅެމުންދިޔަ ޕީއެސްވީ އަށް މުޅި މެޗުގައި ވެސް ލިބުނީ މަދު ފުރުސަތުތަކެކެވެ.












