ޕެރިސް (އޮކްޓޫބަރު 20) - އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންނަކީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އެންމެ ގިނައިން ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ ބްރެޒިލް ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ މެސީގެ ފަހު ވޯލްޑް ކަޕެވެ. މެސީ، 35، ވަނީ މި މުބާރާތަށް ފަހު ދެން ވޯލްޑް ކަޕެއްގައި ފެނުމުގެ ފުރަސަތު ކުޑަކަމަށް ބުނެފަ އެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕާއި ގުޅޭގޮތުން ފްރާންސްގެ ނޫހަކަށް އިންޓަވިއު ދެމުން މެސީ ބުނީ އާޖެންޓީނާއާ އެކު މުބާރާތް ކާމިޔާބުކުރުމަކީ އަބަދު ވެސް އުއްމީދު ކަމަށެވެ. އެހެން ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އެންމެ ފުރުސަތު ބޮޑީ ފްރާންސާއި ބްރެޒިލް ކަމަށް މެސީ ވަނީ ބުނެފަ އެވެ.
"އަހަރެން ބޭނުންވަނީ އަބަދުވެސް އާޖެންޓީނާ މޮޅުވާން. ވަރަށް ރަނގަޅު ޓީމެއް އެބައޮތް. އެކަމަކު، ފޭވަރިޓުންނަކީ ކޮބައިހެއްޔޭ އަހައިފިއްޔާ އަހަރެންގެ ޖަވާބަކީ ފްރާންސް އާއި ބްރެޒިލް" ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ބުންޏެވެ.
މެސީ ބުނީ ފޭވަރިޓުންގެ ލިސްޓުގެ ކުރީގައި މި ދެ ޓީމު ހިމަނާ މައިގަނޑު ސަބަބަކީ ދެ ޓީމުގައި ވެސް ތިބި ކޯޗުން ކަމަށެވެ. ދެ ކޯޗުންނަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން މި ދެ ޓީމާ އެކު މަސައްކަތްކޮށް ގާތް ގަނޑަކަށް އެއް ކުޅުންތެރިންތަކަކާ އެކު ކުޅުމުގެ އެއް ވައްޓަފާޅިއެއް ހިފަހައްޓަމުން އަންނަ ދެ ކޯޗުން ކަމަށް ވުމެވެ.
"އެއްކޮށް ކުޅޭ ބައިވަރު ކުޅުންތެރިން އެބަ އުޅޭ. މިސާލަކަށް ފްރާންސް. ވަރަށް ބައިވަރު ދުވަސްވެއްޖެ ޓީމުގެ ގިނަ ކުޅުންތެރިން ކުޅޭތާ. ރަނގަޅު ނަތީޖާތަކެއް ވެސް ނެރެމުން އެ އަންނަނީ. އެހެންވީމަ ފްރާންސަށް ފުރުސަތު ބޮޑު. ދެން އޮތީ ބްރެޒިލް. އެމީހުންނަކީ އަބަދު ވެސް ފޭވަރިޓުން،" އާޖެންޓީނާއާ އެކު ފަސް ވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ މެސީ ބުންޏެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއާ އެކު ކެޕްޓަން މެސީ އަށް އޮތް ފުރަތަމަ އިމްތިހާނަކީ ސައުދީ އަރަބިއްޔާ އެވެ. އޭގެ ފަހުން އޭގެ ފަހުން ދެ ވަނަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ފަހު މެޗުގައި ނުކުންނާނީ ޕޮލަންޑާ ދެކޮޅަށެވެ.
ބްރެޒިލް އަށް ބަލާއިރު ބްރެޒިލް އޮތީ ސާބިއާ، ސްވިޒަލެންޑް އަދި ކެމަރޫން އާއިއެކު ގްރޫޕް ޖީ ގަ އެވެ. ފްރާންސް އޮތީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާ އާއިއެކު ގްރޫޕް ޑީގަ އެވެ.
ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފަށާނީ ގަތަރާއި އެކުއެޑޯ ވާދަކުރާ މެޗުން، އަންނަ މަހުގެ 20 ވަނަ ދުވަހުގަ އެވެ.












