އިސްލާމިކް ބޭންކު އޮފް މޯލްޑީވްސް (އެމްއައިބީ)ގެ ކާޑުން ކުރާ ވިޔަފާރީގެ ދެ ޕަސެންޓަށް ވާ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
"އެމްއައިބީ ކޭޝްބެކް އިޒް ބެކް"ގެ ނަމުގައި ފެށި ޕްރޮމޯޝަންގައި 250ރ. އަށްވުރެމަތިން ކުރާ ކޮންމެ ވިޔަފާރިއެއްގައި އެމްއައިބީ ޕީއޯއެސް މެޝިންއަކުން އެ ބޭންކުގެ ކާޑު ބޭނުންކޮށްގެން ފައިސާ ދައްކާ ނަމަ އެ ބިލްގެ ދެ ޕަސެންޓަށް ވާ ފައިސާ ކަސްޓަމަރުގެ އެކައުންޓަށް އަނބުރާ ޖަމާކުރާނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާއިރު އެމްއައިބީ އިން ވަނީ ވިސާ އާއިލާ ކާޑުގެ ނަމުގައި ހާއްސަ ކާޑެއް ދާދި ފަހުން ތައާރަފުކޮށްފަ އެވެ. އަމިއްލަ އެކައުންޓުގެ ފައިސާ ކަނޑައަޅާ އުސޫލުގެ ދަށުން ބޭނުންކުރެވޭ ގޮތަށް ދެވޭ ކާޑެކެވެ. ވަރަށް ގިނަ އަދަދެއްގެ ކަސްޓަމަރުން އެ ބޭފުޅުންގެ އަނބިން ނުވަތަ ދަރިންނަށް މިކާޑު މިހާރު ދެމުންގެންދާ ކަމަށް ބޭންކުން ބުނެ އެވެ.
މީގެ އިތުރުން އެމްއައިބީއިން ވަގުތުން ލިބޭ ވިސާކާޑެއް ވެސް ދެމުންގެންދެ އެވެ. އެމްއައިބީގެ ކޮންމެ ބްރާންޗަކަށް ޒިޔާރަތް ކުރެއްވިޔަސް ވަގުތުން މިކާޑު ލިބެ އެވެ.








