ޓިއުރިން (އޮކްޓޫބަރު 19) - މި ފަހަރުގެ ޔުވެންޓަސްއާ އަލުން ގުޅުމަށް ފަހު ކަކުލުގެ އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ، އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ޕޮގްބާ އެނބުރި ދަނޑަށް ނުކުންނަން ތައްޔާރުވިއިރު، ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަނިޔާއިން ރަނގަޅުވެ، ކާންޓޭ އެނބުރި އަންނަން ހަތަރު މަސް ނަގާނެ ކަމަށް ބެލެވޭއިރު، މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ އަށް ކުޅެވޭނެ ގޮތެއް ނެތެވެ.
ޕްރީ ސީޒަނުގައި ޕޮގްބާ، 29، އަަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ފުރަތަމަ ފަހަރަށް ޔުވެންޓަސްގެ ޕްރެކްޓިހުގައި ބައިވެރިވާން ފެށީ އިއްޔެ އެވެ.
ޕޮގްބާ އަލުން މެޗެއްގައި ބައިވެރިވާނެ ސީދާ ތާރީހެއް މިހާތަނަށް ޔުވެންޓަސް އިން ހާމަކޮށްފައިނުވި ނަމަވެސް ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަަމަ، މި މަސް ނިމުމުގެ ކުރިން ޔުވެންޓަސްގެ މެޗުތަކުން ޕޮގްބާ ފެންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޔުވެންޓަސްގެ މެޗުތަކުގައި ޕޮގްބާ ބޭނުންކުރުމުގައި އަވަސް އަރުވާލައިގެން ގޮތެއް ނިންމަން އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބޭނުމެއް ނުވެ އެވެ. އެކަމަކު، ނަތީޖާ ނެރެން ޕްރެޝަރު ބޮޑުވެފައިވާތީ އާއި އަލެގްރީގެ ވަޒީފާ ދެމެހެއްޓުމަށް ވެސް ޓީމުގެ ހާލަތު ރަނގަޅުކުރަން ޖެހޭތީ ޕޮގްބާ މެޗުތަކަށް ލުން އަވަސް ވުމުގެ ފުރުސަތު ބޮޑެވެ.
ޕޮގްބާ ހުރީ އަންނަ މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ފިޓްވުމުގެ އަޒުމުގަ އެވެ. ފްރާންސުން ވޯލްޑް ކަޕަށް ނަގާ ސްކޮޑު އިއުލާނުކުރަން އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މަހުގެ 9 ވަނަ ދުވަހެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އޮގަސްޓް 14 ވަނަ ދުވަހު، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އަނިޔާވި ފަހުން، ކާންޓޭ، 31، އަދި މެޗެއް ނުކުޅެ އެވެ. ކުޑަހުޅަށް ލިބުނު އެ އަނިޔާއިން ރަނގަޅުވެ، ޕްރެކްޓިހުގައި ބައިވެރިވާން ފެށި ފަހުން ކާންޓޭގެ ފަލަމަސްގަނޑަށް އަނިޔާވި އެވެ.
ކާންޓޭ ވަނީ ލިބުނު އަނިޔާގެ ތަފްސީލް ދެނެގަންނަން ސްޕެޝަލިސްޓަކަށް ދައްކައިފަ އެވެ. ފްރާންސްގެ މެޑިކަލް ޓީމާއި ޗެލްސީގެ ޑޮކްޓަރުންގެ ލަފަޔާ އެކު ސްޕެޝަލިސްޓަށް ދެއްކުމަށް ފަހު ކާންޓޭ އަށް ޖެހުނީ އޮޕަރޭޝަނެއް ކުރާާށެވެ. އެ ގޮތަށް ނިންމުމުން، މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ފެނުމުގެ ފުރުސަތު މި އޮތީ ގެއްލިފަ އެވެ.
ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން މި ފަހަރު ތަށި ދިފާއުކުރުމުގެ އަމާޒުގައި ނުކުންނައިރު، ވޯލްޑް ކަޕްގައި އެ ޓީމު ކުޅޭ ފުރަތަަމަ މެޗުގައި އަންނަ މަހުގެ 22 ވަނަ ދުވަހު ކުޅޭނީ އޮސްޓްރޭލިއާއާ އެވެ.












