އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް އެންމެ ފުރަތަމަ ގެންގުޅުއްވި އިގްތިސާދީ ސިޔާސަތުތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޑުވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސުން އާއްމު ގޮތެއްގައި ހިޔާލު ފާޅު ނުކުރައްވަ އެވެ. އެހެން ނަމަވެސް، އާދީއްތަ ދުވަހު ބައިޑެން ވިދާޅުވީ ޓްރަސްގެ "މިނީ ބަޖެޓަށް" ފަހު އިގްތިސާދަށް ލޮޅުންތައް އަރާނެ ކަމަށް ކުރިން ވެސް ލަފާކުރެވުނު ކަމަށެވެ.
އޮރެގޮންގެ އައިސްކްރީމް ވިއްކާ ފިހާރައެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑެން ވިދާޅުވީ އެ ސިޔާސަތުތަކަކީ ގޯހެއް ކަމަށް ދެކުނީ އެމަނިކުފާނު އެކަނި ނޫން ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި އެންމެ ބޮޑެތި މަހުޖަނުންގެ ޓެކްސް ކުޑަކުރުމަކީ އަޅުގަނޑަށް އެއްބަސްވެވޭ ސިޔާސަތެއް ނޫން. އެކަމަކު ގޮތް ނިންމާނީ އިނގިރޭސިވިލާތުން، އަޅުގަނޑެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅުން ވަރުގަދަ ކުރުމަށް ބައިޑެން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަަށް ފާހަގަވެ، މީގެ ކުރިން އެކި ފަރާތްތަކުން ފާޑުކިޔާފައިވެ އެވެ.
އިނގިރޭސިވިލާތާ އެކު އޮތް ގުޅުމުގެ ބަދަލުގައި ބައިޑެން ބޮޑަށް އިސްކަން ދެއްވަނީ އަޔަލޭންޑް، ފްރާންސް އަދި ޖަރުމަނުވިލާތާ އެކު އޮތް ގުޅުން ވަރުގަދަ ކުރުމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބައިޑެންގެ އިތުރުން އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ވެސް ތިބީ އިނގިރޭސިވިލާތުގެ ސިޔާސަތުތަކާ ހެދި ސުވާލު މާކެއްގެ ތެރޭގަ އެވެ.
ބައެއް ލީޑަރުން އިނގިރޭސިވިލާތަށް ޖޯކު ޖަހަމުންދާ އިރު، ގްރީސްގެ ބޮޑު ވަޒީރު ކިރިއާކޯސް މިޓްސޮޓަކިސް ސަންޑޭ ޓައިމްސަށް ދެއްވި އިންޓަވިއުގައި ވެސް ޖޯކު ޖެއްސެވި އެވެ.
"އައިއެމްއެފްއާ މަޝްވަރާ ކުރުމުގައި އެހީ ބޭނުންވާ ނަމަ އަޅުގަަނޑުމެން މި ތިބީ ތައްޔާރަށް،" ގްރީސްގެ މާލީ ނުތަނަވަސްތަކަމަށް އިޝާރާތްކޮށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން އިގްތިސާދީ ލޮޅުންތައް ކުރިމަތިވެފައިވާ ބައެއް ގައުމުތަކުގެ ފައިސާގެ އަގު އިނގިރޭސި ޕައުންޑަށް ވުރެ ވަރުގަދަ ކަމަށް ބުނެ ވެސް ބައެއް ޑިޕްލޮމެޓުން ދަނީ ވާހަކަ ދައްކަމުންނެވެ.










