ބާސެލޯނާ (އޮކްޓޫބަރު 15) - ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓިޔަސް ބާސެލޯނާގެ. މާލީ ހާލަތު މާ ބޮޑަށް ގޯސް ނުވާނެ ކަމަށް އެ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ވެސް ބާސެލޯނާ ވަނީ ވިއްސަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މި ފަހަރު ވެސް އެކަން ތަކުރާރުވުމުގެ ފުރުސަތު ބޮޑެވެ.
ގްރޫޕް ސީގެ މި ހަފްތާގެ މެޗުތަކަށް ފަހު، އެއް ވަނައިގައި ބަޔާން މިއުނިކް އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް އަދި ޕޮއިންޓެއް ނުހޯދެ އެވެ.
ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ބަޔާންއާ އެކު މި ގްރޫޕުން ނޮކައުޓް ބުރުގެ އަނެއް ޖާގަ ލިބެން އޮތީ އިންޓަ ނޫނީ ބާސެލޯނާ އަށެވެ. އިންޓަ އިން ދެން ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އަނެއް ބުރު ޔަގީންވާނެ އެވެ. އިންޓަ އަށް ދެން އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން ވެސް މޮޅެއް ނުލިބި، ބާސެލޯނާ ކުޅޭ ދެ މެޗުން މޮޅުވެގެން އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ދެމި އޮވެވޭނެ އެެވެ.
އެކަމަކު، ބާސެލޯނާ ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް، އިންޓަގެ މެޗުތަކުގެ ނަތީޖާ އަށް ބަލަން ޖެހޭނެ އެވެ. އެއީ އިންޓަ ދެން އޮތް ދެ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވިޔަސް، ޖެހިޖެހިގެން ދެ ވަަނަ އަހަރަކު ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.
މިދިޔަ އަހަރުތަކުގައި ބާސެލޯނާ އިން ހަރަދުކޮށްފައި ހުރި ގޮތުން އެ ކްލަބް މާލީ އަޑިގަނޑަކުން ސަލާމަތްކުރަން ލަޕޯޓާ އަށް އޮތީ ގޮންޖެހުން ބުރަ މަސައްކަތެކެވެ. މި ފަހަރު ވެސް ޗެމްޕިއަންސް ލީގުގައި މަދުވެގެން ކުއާޓާ ފައިނަލާ ހަމައަށް ނުގޮސްފިނަމަ ބާސެލޯނާގެ މާލީ ކަންކަން ހަމަޔަކަށް އެޅުވެން އޮތީ ކްލަބްގެ އެެހެން ހިއްސާއެއް ވިއްކާލައިގެން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެ ރިޕޯޓްތަކަށް އިޝާރާތްކޮށް ލަޕޯޓާ ވިދާޅުވީ ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
"ތެދެއް، ޗެމްޕިއަންސް ލީގުގައި ކުރިއަށް ނުދެވިއްޖެނަމަ އޭގެ އަސަރު ކުރާނެ. އެއީ ހަމައެކަނި 30-40 މިލިއަން ޔޫރޯ (ޑޮލަރު) އެއް ނޫން. ޔޫރަޕްގައި ވާދަކުރާނަމަ އަހަރެމެންނަށް ފަސޭހަވާނެ. އެހެން ނޫނީ ޖެހޭނީ ސްޕޮންސަރުން ހޯދަން، ހިއްސާ ވިއްކައިގެން ވިޔަސް ހައްލެއް ހޯދަން،" ލަޕޯޓާ ވިދާޅުވި އެވެ
ބޭނުންވާ ވަރަށް ސީޒަނުގައި އާމްދަނީ ނުލިބިއްޖެނަމަ ކަންތައް ކުރަން ޖެހޭނެ ގޮތުގެ "ޕްލޭން ބީ" އެއް އެބައޮތް ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.
ލަޕޯޓާ ވިދާޅުވީ މި ސީޒަނަށް ތައްޔާރުވާން ބާސެލޯނާ އިން ގެނައި ކުޅުންތެރިންނަކީ ރަނގަޅު އިންވެސްޓްމަންޓްތަކެއް ކަމަށެވެ. އަދި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒާ އެކު ޓީމެއް ބިނާކޮށްގެން ކުރިއަށްދާން މިހާރު ކުރިއަށްދާ ޕްރޮޖެކްޓާ މެދު އަދިވެސް ފޮނު އުންމީދުތަކެއް ކުރާ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
މި ހަފްތާގައި ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯ މެޗަކީ އަނެއްކާ ވެސް ބާސެލޯނާ ރަނގަޅު ފޯމެއްގައި ކުރިއަށްދާން ބަލާއިރު ނަތީޖާއެއް ނެރެން ޖެހޭ މެޗެއް ކަމަށް ލަޕޯޓާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.












