ޖަމީލު ދީދީގެ "މެންދުރެއްގެ ޝުޢޫރު"; ޒަމާނާއި ވަގުތުގެ ތަޞްވީރެއް

- އާޓްވޯކް: އަބްދުﷲ ޝަފީއު/އަދަދު

- އާޓްވޯކް: އަބްދުﷲ ޝަފީއު/އަދަދު

ޒަމާނާއި ވަގުތު އަދި އޭގެ ފަނާވަނިވި ޒާތަކީ އަދަބިއްޔާތުގައި އެ މައުޟޫއެއްގެ މައްޗަށް، އަބަދުމެ ބަޙުޘް ކުރެވޭ މަޢުޟޫއެކެވެ. ދުވާލުގެ ވަގުތުތަކާއި އިންސާނާގެ ޙަޔާތުގެ އެކި މަރުހަލާތަކާ އެއްގޮތްކުރާ ކުރުމަކީވެސް އާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ތަކުރާރުކޮށް އެ ވާހަކައެއްގެ އަޑުއަހައި އެއިން ޢިބުރަތް ޙާސިލުކުރަންޖެހޭ ފަދަ މުހިއްމު ވާހަކަތަކެކެވެ. ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް އޭނާގެ އާރާއި ބާރު އެންމެ ގަދަވާ ދުވަސްވަރެއް އަންނަކަން ޔަޤީންވާ ފަދައިން، އެ މަރުހަލާވެސް އެހެން މަރުހަލާތަކެކޭ އެއްފަދައިން ފާއިތުވެގެން ދާނެކަންވެސް ޔަޤީންވެއެވެ. ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް، އަލްމަރުޙޫމް އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ޅެން "މެންދުރެއްގެ ޝުޢޫރު"ގައި އެ ވިދާޅުވަނީ މި ވާހަކަތަކެވެ.

ސިފަކުރައްވަނީ އެއް ދުވަހެވެ. އެ ދުވަހުގެ އެކި ދަންފަޅި އާއި އެ ދަންފަޅިތަކުގައި ދުނިޔެ ޅެންވެރިޔާއަށް ދައްކާ މަންޒަރުތައް ބަދަލުވަމުންދާ ގޮތެވެ. ހެނދުނުގެ ފިންޏަކަށް، މެންދުރުގެ ދިލަ ހޫނަކަށް، އަދި ހަވީރުގެ ފިންޏަކަށްވެސް، ދުވަހުގެ ވަކި ދަންފަޅިއެއްގައި މެނުވީ އޭގެ ޖާހާއި ހައިބަތު ދައްކާނޭ ފުރުޞަތު ދުނިޔެ ނުދޭ ވާހަކައެވެ. އުސްތާޛުގެ މުއްސަނދި ބަސްކޮށާރުން ކޮންމެ ޞަދުރަކާއި ޢަޖުޒެއް ޖަރީކުރައްވަމުން ގެންދަވާފައިވަނީ، މިއިން ކޮންމެ ލަފުޒަކުން ދުނިޔޭގައި ކަންކަން ހިނގާ ގޮތާމެދު އެތައް ދަރުސެއް ލިބޭނޭ މަގުންނެވެ.

އެންމެ ފުރަތަމަ ޅެންވެރިޔާގެ ހިތުގައި މި ޚިޔާލުތައް އުފެދެން މެދުވެރިވި ސަބަބު ބަޔާންކުރައްވާ ޅެންވެރިޔާ ވިދާޅުވަނީ:

"މެންދުރުގެ ހޫނުން އުފެއްދި ޚިޔާލެކޭ މި އުދުއްސަނީ،

މެންދުރަށް ފަހު އަންނަނިވި ފިނިކަން ހަނދާނަށް ގެންނަނީ.

ތޫނުތުޑުހިމަކަށިތަކެއްހެން ތޮރުފެމުންދާ ދިލަ އުދާސް،

ހޫނުކުރިކުރިހެން ސިކުޑި އަދު ނިއުޅެމުން އޮޅެމުންދަނީ."

އެ ޚިޔާލުތައް އުފެދުނީ މެންދުރުގެ ހޫނު، ދިލަ އުދާސް، ތުނޑު ހިމަ، ތޫނު ކަށިތަކެއްހެން ޅެންވެރިޔާގެ ހަށިގަނޑުގެ ތެރެއަށް ތޮރުފެމުން ގޮސް، ސިކުނޑިއަށް ހޫނުވެ، ޚިޔާލުތައް ނިއުޅެމުންދިޔަދިޔަހެން ކަމަށް މި ވިދާޅުވަނީ ހާދަހާވާ ފަށުވި ޢިބާރާތްތަކަކުންނެވެ. ވަޒަނެއް، ފިލިކޯޅިއެއް، ބަނޑުވަށް އަކުރެއް ކާފިޔާއެއް ޤުރުބާންނުކޮށް، ޚިޔާލުތައް ބަންޑުން ކުރައްވާފައި އެވަނީ މުއްސަނދި ބަސްކޮށާރަކުން އޮފުއަރުވަމުންނެވެ. މެންދުރުގެ ހޫނު ސިފަކުރެއްވުމަށް، "ހޫނު"، "ދިލަ" އަދި "އުދާސް" މި ފަދަ ލަފުޒުތަކެއް ބޭނުންކުރެއްވީ، އެ ނަންއިތުރުތަކަށް ބާރުދޭ ސިފަކުރުންތަކާ އެކުގަ އެވެ. އެގޮތުން، ތޫނު، ތުނޑުހިމަ ކަށިތަކެއް ހެން ތޮރުފެމުންދާ ހޫނޭ ވިދާޅުވަމުން، އެއީ ހެނދުނުގެ ބޭސްއަވި ފަދަ އަރާމު ހޫނެއް ނޫންކަން ދޭހަވެއެވެ. އެ ހޫނުގެ ބާރާއި، އެ އަސަރުތައް ހަށިގަނޑުގެ އެންމެ ފުނަށް ކުރާކަން ދޭހަވެއެވެ. އެ ހިނދު، ހަނދާނަށް މި އަންނަނީ ކޮން ކަމެއްހެއްޔެވެ؟ މި ގަދަ ހޫނަށް ފަހު މެންދުރު ފަހުގެ ފިނިކަން އަންނާނޭ ކަމެވެ. އެ ދިލަ ހޫނަކީ ދާއިމީ ކެކުޅުމެއް ނޫންކަމެވެ.

އެ ބަޔާނަށް އިތުރަށް ބާރު ދެއްވަމުން ކުރިއަށް ހުރި ބައިތުތަކުގައި ދުވަހުގެ ފާއިތުވެދިޔަ ސާއަތްތަކަށް އިޝާރާތްކުރައްވަނީ ހުވަފެނީ ގަލަމެއްގެ އެހީގައެވެ. މެންދުރުގެ ގަދަ ހޫނުގައި، މެންދުރުފަހުގެ ފިނީގެ ހުވަފެން ދެކެން ހުންނަ ހިނދު، ފަތިހާއި ހެނދުނު އެ ތަޖުރިބާކުރި ފިނިކަން މަތީން ޅެންވެރިޔާ ހަނދާން އާކުރެއެވެ. އެހެންނަމަވެސް އިސާހިތަކު، އޭރު އެ ފެނުނު މަންޒަރުވެސް ފަނާވެ ގޮސް، އެ ފިނިކަން ދެއްކި ހުވަފެންތައް، މެންދުރުގެ އަތްވާއި ހޫނާއެކު ބިލާހަކަށް ވެގެންދިޔަކަމަށް ޅެންވެރިޔާ ސިފަކުރައްވައެވެ. ޅެންވެރިޔާ ވިދާޅުވެއެވެ.

"އޭރުދުށް ހުރިހައި މަނާޒިރު ވީ ބިލާހަކަށޭ ތެދޭ،

ބޭރުފުށުގައި ހުންނަ އޮފު ކެޑުމުންނެ ހުރިގޮތް ވިސްނެނީ."

މިހާ ހިސާބުން މި ތަޢާރަފުކުރައްވާ ޚިޔާލާއެކު، ޅެންވެރިޔާ އެ ސިފަކުރައްވާ ދުވަހެއްގެ ދަންފަޅިތައް އިންސާނާގެ ޙަޔާތާއި އެ ނޫންވެސް ބައެއް ތަޖުރިބާތަކާ ގުޅުވާލާނޭ ފުރުޞަތު ދެއެވެ. ފަތިހާއި ހެނދުނަކީ ޅަފުރާކަމަށް ބަލައިގެން، މެންދުރަކީ ޒުވާން ޢުމުރުކަމަށް އަދި ހަވީރާއި ރޭގަނޑަކީ މުސްކުޅި ފުރާކަމަށް ބަލައިގެން މި ބައިތުތަކަށް އިންސާފުކޮށްލަމާ ބަހީއެވެ. "ބޭރުފުށުގައި ހުންނަ އޮފު ކެޑުމުންނެ ހުރިގޮތް ވިސްނެނީ" އޭ ވިދާޅުވުމުން ދިރިއުޅުމުގެ ޙަޤީޤީ ކުލަތައް ފެންނަނީ ޅައިރު، މައިންބަފައިންނާއި މުޖުތަމަޢުގެ ހިޔާވަހިކަމާއި ރައްކާތެރިކަމުގެ ތެރޭ، "ޢުމުރާ ގުޅޭ ގޮތަށް" ކަންކަން ސިފަކޮށްދިނުމުގެ ތެރޭ، ބޭރުފުށުގައި ލާފައި ހުންނަ "ވަރުނީސް" ކަހާލުމުންނޭ ވިދާޅުވާހެން ހީވާކަހަލައެވެ. މައުސޫމިއްޔަތުގެ އޮފު ކެނޑި، ދުނިޔޭގެ ހިތި ޙަޤީޤަތަށް އިންސާނާ ހުށަހެޅެނީ ފުރާފުރިހަމަވެ، ދުނިޔެއަށް ލޯހުޅުވުމުންނެވެ. އެހެން ނަމަވެސް އިންސާނާގެ އެ ދައުރު، އާރާއި ބާރާއެކު، ހުރިހާ ޙަޤީޤަތަކާ ކުރިމަތިލުމުގެ ޤާބިލިއްޔަތުގެ ދައުރުވެސް ދެމިއޮންނަނީ ހަމަ ހިނދުކޮޅަކަށެވެ.

ފަތިހުގެ އިރު އުޑުގައި "ހިރުތަކެއްހެން" އެ ޖެއްސި ކުލަތައް ދުވަހުގެ ވަގުތުތައް ގުނަމުންދާއިރު، ގެއްލެމުންދާކަމާއި، އެކި މާ ގަސްތަކުގައި ދުވަހުގެ ފެށުން އިޢުލާންކުރި ދޫނިތަކުގެ "ނަޝީދު"ތައް ނުވަތަ ލަވަތައްވެސް ހޭލަމުންދާ ދުނިޔޭގެ އެހެން އަޑުތަކުގެ ތެރެއަށް ގެއްލެމުންދާކަމާއި، ކަނޑުން އަރައިގެން އައި ފަތިހުގެ ތެތްފިނި ރޯޅިތައްވެސް އޮބާލާކަން ޅެންވެރިޔާ ސިފަކުރައްވަނީ މި ދުނިޔެއަކީ ވަގުތީ މައިދާނެއް ކަމާއި، ދުނިޔޭގެ ކޮންމެ މަރުހަލާއަކީވެސް އަޖަލު ކަނޑައެޅިފައިވާ ނުވަތަ "މުއްދަތު ޖަހާފައިވާ" މަރުހަލާތަކެއްކަން ހާމަކުރައްވަމުންނެވެ.

ޤުދުރަތުގެ މި ރީތި ދުވަހު މަރުޙަލާތަކުގެ ތެރެއިން އަހަރެމެންނަށް ހަނދާންކޮށްދެނީ ދުނިޔަވީ ވަގުތުގެ ފަނާވަނިވި ޒާތެވެ. ޅެން ނިންމަވާލައްވަމުން ޖަމީލް ދީދީ ވިދާޅުވެއެވެ.

"ދާގޮތޭމީ އެބުރެމުން ދުނިޔޭގެ އެބުރޭ ސޯބުތައް،

ތާއަބަދު ކޮންފިންޏަކަށް ކޮންހޫނަކަށްތޯ އޮވެވެނީ.

ކޮންމެފަދަ ހޫނެއްވިއަސް މެންދުރުގެ އަވިގަދަ ވަގުތުގާ،

ކޮންމެ މެންދުރަކަށްފަހުން ފިނިކަން ހަވީރުގެ އަންނަނީ.

ވަރަށް މުހިއްމު ވާހަކައެކެވެ. މިއީ ދުނިޔޭގެ ސޯބުތައް އަބަދުވެސް އެނބުރެމުންދާ ގޮތެވެ. ހޫނަކަސް، ފިންޏަކަސް މި ދުނިޔޭގައި ތާއަބަދު އޮތުމުގެ ބާރެއް ނޯވެއެވެ. އަދި އިންސާނާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އާރާއި ބާރާއި، ޖާހާއި މަޤާމު ފެނުމުން، އެ ދުނިޔަވީ ދަހިވެތިކަމުގައި ބޮޑާކަން ދައްކަމުންދާ އިންސާނާއަށް، އަޖަލު އަންނާނޭކަންވެސް ހަނދާންނެތެނީބާވައެވެ؟ އެންމެ ފަހު ބައިތުގައި ޅެންވެރިޔާ އެ ހަނދާންކޮށްދެއްވަނީ ކޮންމެ ފަދަ ހޫނެއް މެންދުރު ވިޔަސް، ހަވީރުގެ ފިނިކަން އަންނާނޭ ވާހަކައެވެ. ދެގޮތަކަށް މާނަކުރެވިދާނެއެވެ. ޒުވާންކަމުގެ ހޫނުކަން ކެނޑި ގައިބާރުދާނޭކަމުގެ ޔަޤީންކަން އެބަލިބެއެވެ. ބާރުވެރިންނަށްވެސް ދާއިމަށް އެގޮތުގައި ނުތިބެވޭނޭކަމުގެ ޔަޤީންކަން އެބަ ލިބެއެވެ. އަނިޔާ ލިބޭ މީހާއަށް، އަނިޔާގެ ހޫނު ނިމި، ފިނިކަން ލިބޭނޭކަން އެބަ އެނގެއެވެ.

"މެންދުރެއްގެ ޝުޢޫރު" ޒަމާނާއި ވަގުތުގެ ތަޞްވީރެއް ކުރަހައިދެނީ ޢާއްމު ދިރިއުޅުމުގައި އަވަދިނެތި ގަނަތެޅެމުންދާ ސިކުނޑިތަކަށް ސުކޫތެއް ގެނެސްދެމުންނެވެ. މި ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި، ޢުމުރުގެ ކޮންމެ މަރުޙަލާއަކީވެސް ނިމޭނޭ މަރުޙަލާއެއްކަން ހަނދާންކޮށްދެމުންނެވެ. މި ޅެމުގައި ސީދާ ގޮތެއްގައި، ވަގުތުގެ ބޭނުންހިފަންވީ ގޮތެއްގެ އިރުޝާދު ޅެންވެރިޔާ ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މި ޅެން ކިޔާލާ ހިނދު، ތިމާގެ ދިރިއުޅުމުގެ ވަގުތުތަކުގެ ހިސާބުތައް މުރާޖަޢާ ކޮށްލަން ކިޔުންތެރިޔާއަށް މަޖުބޫރުކުރުވައެވެ. ތިމާގެ ދިރިއުޅުމުގެ އެކި މަރުޙަލާތައް ހޭދަކުރެވުނީ ކޮންގޮތަކަށްތޯ ސުވާލުކުރަން މަޖުބޫރުކުރުވައެވެ. ދުވަހެއްގެ ދަންފަޅިތަކެކޭ އެއްފަދައިން ތިމާގެ ދިރިއުޅުމުގެ ދަންފަޅިތައްވެސް ބަދަލުވެ، ހާލަތްތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަދަލުވަމުންދާކަން ހަނދާންކޮށްދެމުންނެވެ. ދިރިއުޅުމުގެ މަޤްޞަދު ހަނދާންކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox