ބާސެލޯނާ (އޮކްޓޫބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން 4-2 އިން ބަލިކޮށް ބަޔާން މިއުނިކް މުބާރާތުގެ ދެ ވަނަ ބުރު ޔަގީންކުރިއިރު، އަމިއްލަ ދަނޑުގައި 3-3 އިން އިންޓަ މިލާނާ އެއްވަރުވެ، ބާސެލޯނާ މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ރޭގެ މެޗުތަކަށް ފަހު، ގްރޫޕް ސީގެ އެއް ވަނައިގައި ބަޔާން އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އަށް އަދި ޕޮއިންޓެއް ނުހޯދެ އެވެ.
ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، މި ގްރޫޕުން ނޮކައުޓް ބުރުގެ އަނެއް ޖާގަ ލިބެން އޮތީ އިންޓަ ނޫނީ ބާސެލޯނާ އަށެވެ. އިންޓަ އިން ދެން ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އަނެއް ބުރު ޔަގީންވާނެ އެވެ. ބާސެލޯނާ އަށް އޮތީ އިންޓަ އަށް ދެން އެއް މެޗުން ވެސް މޮޅެއް ނުލިބި، ބާސެލޯނާ ކުޅޭ ދެ މެޗުން މޮޅުވުމެވެ.
ބާސެލޯނާ ބާކީ އޮތް ދެ މެޗުން މޮޅުވިޔަސް، އިންޓަގެ މެޗުތަކުގެ ނަތީޖާ އަށް ބަލަން ޖެހޭނެ އެވެ. އެއީ އިންޓަ ދެން އޮތް ދެ މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅުވިޔަސް، ޖެހިޖެހިގެން ދެ ވަަނަ އަހަރަކު ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.
ބާސެލޯނާ ދަނޑުގައި ރޭ ލީޑުނެގީ އެ ޓީމުންނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ސާޖީ ރޮބާޓޯ ނެގި ހުރަހަކަށް އަރައި އޮސްމާން ޑެމްބެލޭ ވަނީ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި 23 މިނިޓް ތެރޭ އިންޓަ އިން ނަތީޖާ އަނބުރާލި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި އޭރިއާތެރެއަށް އަރައި، އިންޓަގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެ ޓީމަށް އެއްވަރުކޮށްދިނެވެ. އަދި މެޗުގެ 63 ވަނަ މިނިޓްގައި އިންޓަގެ ލަޓާރޯ މާޓީނޭޒް ބާސެލޯނާ އޭރިއާތެރެއިން ޖާގައެއް ހޯދައި، ގޯލަށް ބޯޅަ ފޮނުވާލި އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި އޭރިއާތެރެއިން ރޮބަޓް ލެވަންޑޯސްކީ ވަނީ ގޯލެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެކަމަކު، މެޗުގެ 89 ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން ރޮބިން ގޮސެންސް ވަނީ އިންޓަ އަށް އަލުން ލީޑުނަގައިދީފަ އެވެ. އިންޓަ މޮޅުވާނެ ކަމަށް ބަލައިގެން ހުއްޓައި، އިތުރު ވަގުތުގައި ލެވަންޑޯސްކީ ވަނީ ބޮލުން ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ.
ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ފުރަތަމަ ހާފުގައި ބަޔާނުން ހަތަރު ގޯލު ޖެހި އެވެ. ސަޑިއޯ މާނޭ ލީޑުނަގައިދިންއިރު، ދެ ވަނަ ގޯލު ޖެހީ ތޯމަސް މުލާ އެވެ. އަނެއް ދެ ލަނޑު ވެސް ޖެހީ ލެއޯން ގޮރެޓްޒްކާ އެވެ. ވިކްޓޯރިއާ އިން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ގޯލުތައް ކާމިޔާބުކުރީ އެޑަމް ވިކަނޯވާ އާއި ޖޭން ކްލިމެންޓް އެވެ.












