ބާސެލޯނާ (12 އޮކްޓޯބަރު) - ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު ފުރަތަމަ މެޗުތަކަށް ފަހު ބާކީ ދެ މެޗު އޮއްވައި، އިޓަލީގެ ނަޕޯލީ އާއި ބެލްޖިއަމްގެ ކްލަބް ބްރޫހޭ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ނަޕޯލީ ވަނީ މިރޭ އަމިއްލަ ދަނޑުގައި އަޔަކްސް އަތުން 4-2 އިން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. އެތުލެޓިކޯ މެޑްރިޑް ދަނޑުގައި އެއް ކުޅުންތެރިއަކު މަދުކޮށް، ބްރޫހޭ އިން ވަނީ 0-0 އިން އެއްވަރުކޮށް، އަނެއް ބުރަށް ދަތުރުކޮށްފަ އެވެ.
ގްރޫޕް ސްޓޭޖުގައި މިހާތަނަށް ބްރޫހޭ ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ. އަނެއްކޮޅުން، މިއީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ އެއް ވަނައިގައި ނަޕޯލީ އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. ތިން ވަނައިގައި އޮތް އަޔަކްސް އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ރޭންޖާސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މިރޭ މި ގްރޫޕްގައި ރޭންޖާސް ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާނެ އެވެ.
ކްލަބް ބްރޫހޭ އޮތީ ގްރޫޕް ބީގެ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ އެތުލެޓިކޯ އެވެ. ތިން ވަނައިގައި އޮތް ޕޯޓޯ އާއި ހަތަރެއްގައި އޮތް ބަޔާ ލެވަކޫސަން އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

އެތުލެޓިކޯގެ ގްރީޒްމަން (ވ) ފޮނުވާލާ ބޯޅައެއް ހުއްޓުވަން ބްރޫހޭގެ ކީޕަރު، މިންޔޮލޭ މަސައްކަތް ކުރަނީ
ނަޕޯލީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 16 މިނިޓް ތެރޭ އެ ޓީމުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ހަތަރު ވަނަ މިނިޓްގައި ހާވިން ލޮޒާނޯ ބޮލުން ޖެހި ގޯލުން ލީޑުނެގި އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ނަޕޯލީގެ ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ވާތު ފައިން އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޑޭވީ ކްލާސެން ބޮލުން ގޯލެއް ޖަހައި، އަޔަކްސް އަށް ފަރަގު ކުޑަކޮށްދިނެވެ.
އަޔަކްސް އިން ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 62 ވަނަ މިނިޓްގައި ނަޕޯލީގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ކްވިޗާ ކްރަވަޝްކާލިއާ އެވެ. މިއީ އަޔަކްސްގެ ޑިފެންޑަރު، ޔޫރިއަން ޓިމްބާ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމައި ދިން ޕެނަލްޓީ އެެކެވެ.
މެޗުގެ 83 ވަނަ މިނިޓްގައި އަޔަކްސް އަށް ލިބުނު ޕެނަލްޓީ އަކުން ސްޓީވެން ބާގްވެއިން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ ތިން ޕޮއިންޓް ނަޕޯލީ އަށް ކަށަވަރުކޮށްދިން ގޯލު ޖެހީ އަޔަކްސްގެ ޑިފެންޑަރު ޑޭލީ ބްލިންޑް ހެދި ގޯހަކުން ވިކްޓަ އޮސީމެއިން އެވެ.
އަށާރަ ފަހަރު ބެލްޖިއަމްގެ ޗެމްޕިއަންކަން ހޯދާފައިވާ ކްލަބް ބްރޫހޭ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅުނު 10 ފަަހަރު ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. މި ފަހަރު އެ ޓީމަށް ބަލިނުވެ، ބައިކޮޅަށް ގޯލެއް ވެސް ނުވަދެ، އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު އެތުލެޓިކޯ މެޑްރިޑް އިން ބްރޫހޭ ކޮޅަށް ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މެޗުގެ 83 ވަަނަ މިނިޓްގައި ކްލަބް ބްރޫހޭގެ ކަމާލް ސޯވާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން އޭގެ ފައިދާނަގައިގެން މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖެހުމާ ވަރަށް ގާތަށް އެތުލެޓިކޯ އިން ޖެހިލި އެވެ. އެ ގޮތުން ކުޑައޭރިއާތެރެއިން އެ ޓީމުގެ އަލްވާރޯ މޮރާޓާ އާއި މަޓެއުސް ކޫންޏާ ޖެހި ޝޮޓްތައް ކްލަބް ބްރޫހޭގެ ކީޕަރު ސިމޯން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.












