ގާނޫނީ ވަކީލުންނާއި ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހިޔާލުތައް ހޯދުމަށާއި ބާ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުމުގެ ގޮތުން ކޮންފެރެންސެއް މިއަދު ފަށައިފި އެވެ.
"ރެއިޒް ދަ ބާ" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފެރެންސްގައި ވަކީލުންގެ ހިޔާލު މައިގަނޑު ގޮތެއްގައި ހޯދަނީ ބާ ކައުންސިލުން އެކުލަވާލާފައިވާ ލަނޑުދަނޑިތަކާއި، އެ ކައުންސިލުން އަލަށް ތައާރަފު ކުރުމަށް ވިސްނަމުންދާ ހިދުމަތްތަކާ ގުޅޭ ގޮތުންނެވެ.
ހ. މީރުމާގެ ކީރަން މާލަމުގައި ކުރިއަށްދާ ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ގިނަ އަދަދެއްގެ ވަކީލުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، މިހާރުގެ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އަދި، ގާނޫނީ ދާއިރާއިންނާއި ޝަރުއީ ދާއިރާއިން ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނާއި، ބާ ކައުންސިލުގެ ރާއްޖޭގެ ޑިވެލޮޕްމަންޓަލް ޕާޓްނަރުންނާއި ބޭރުގެ ޑިވެލޮޕްމަންޓަލް ޕާޓްނަރުން ވެސް ކޮންފެރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި، ބާ ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދާއި، ބާ ކައުންސިލްގެ މިހާރުގެ ރައީސް އިސްމާއީލް ވިޝާމް ވާހަކަ ދެއްކެވި އެވެ.
ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބަންޑާރަ ނައިބުގެ އިތުރަށް ވަކީލުން އިންތިހާބު ކުރެވޭ މެންބަރުންތަކެއްގެ މައްޗަށް އެކުލެވޭ އެގްޒެކެޓިވް ކޮމިޓީއެއް ހިންގުމާ ހަވާލުވާ ގޮތަށް އޮންނަ އެ ކައުންސިލްގެ މައިގަނޑު ޒިންމާއަކީ ވަކީލުން ރެގިއުލޭޓް ކުރުމެވެ.
ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. އަދި، ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ.












