މިއުނިކް (އޮކްޓޫބަރު 8) - ޖަރުމަނު ލީގުގައި މިރޭ ފަހު ވަގުތު ގޯލު ޖަހައި ބޮރޫޝިއާ ޑޯޓްމަންޑުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ 2-2 އިން އެއްވަރުކޮށްފި އެވެ.
މި ނަޠިޖާއާ އެކު ޑޯޓްމަންޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖެހިޖެހިގެން އަށް މެޗުން ބަޔާން އަތުން ބަލިވުމަށް ފަހު، ބަޔާނުން ދަމަހައްޓަމުން އައި އެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނައުމެވެ. އެންމެ ފަހުން ބަޔާނަށް ލީގުގައި ޑޯޓްމަންޑް ބަލިނުކުރެވި މެޗެއް ނިންމާލަން ޖެހުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.
މިރޭގެ މެޗުން މޮޅުވެގެން ބަޔާނާއި ޑޯޓްމަންޑަށް ވެސް ލީގުގެ އެއް ވަނަ އަށް ޖެހިލެވެން އޮތް ނަމަވެސް އެއްވަރުވުމުން އެ ދެ ޓީމު ވެސް އޮތީ ތިން ވަނަ އާއި ހަތަރު ވަނައިގަ އެވެ.
ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ޔޫނިއަން ބާލިން އާއި ދެ ވަނައިގައި އޮތް ފްރެއިބާގަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބަޔާނާއި ހަތަރެއްގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.

ޑޯޓްމަންޑްގެ ބެލިންހަމް (ވ) އަތުން ބޯޅަ ހޯދަން ބަޔާންގެ ސާނޭ މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޑޯޓްމަންޑް ދަނޑުގައި މިރޭ ބަޔާނުން ލީޑުނެގީ 33 ވަނަ މިނިޓްގައި ލެއޯން ގޮރެޓްޒްކާ ޖެހި ގޯލުންނެވެ. މިއީ ޖަމާލް މުސިއާލާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޮރެޓްޒްކާ އޭރިއާބޭރުން ތިރިތިރިން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ، މެޗުގެ 53 ވަނަ މިނިޓްގައި ލެރޯއި ސާނޭ ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާބޭރުން ސާނޭޭ ޖެހި ބާރު ބޯޅަ ގޯލަށް ވަނީ ޑޯޓްމަންޑްގެ ކީޕަރު އަލެކްސަންޑަ މާޔާ އަތުގައި ޖެހިފަ އެވެ.
މި މެޗުގައި ޑޯޓްމަންޑުން ތަފާތު ދެއްކީ 70 ވަނަ މިނިޓްގައި ބަދަލަކަށް އެރި ފްރާްންސްގެ ފޯވާޑް އެންތަނީ މޮޑެސްޓް އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި ޔޫސެފާ މޫކޯކޯ އޭރިއާތެެރެއިން ޑޯޓްމަންޑްގެ ފުރަތަމަ ގޯލު ޖެހީ މޮޑެސްޓް ދިން ބޯޅައަކުންނެވެ. ސަތާރަ އަހަރުގެ މޫކޯކޯ ޖެހި މި ގޯލާ އެކު އޭނާ ވެފައިވަނީ ބަޔާން އާއި ޑޯޓްމަންޑް ކުޅޭ "ޑާ-ކްލަސިކާ" މެޗުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ބަޔާނަށް މައްސަލަ ދިމާވީ މެޗުގެ އިތުރު ވަގުތުގެ ކުރީކޮޅުގައި އެ ޓީމުގެ ކިންގްސްލީ ކޯމަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.
ބަޔާންގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޑޯޓްމަންޑުން ކުރިއަށް ޖެހި އެއްވަރުކުރީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ ނިކޯ ޝްލޮޓާބެކް ނެގި ހުރަހަކުން މޮޑެސްޓް ބޮލުންނެވެ.
ޖަރުމަނު ލީގުގައި މިރޭ ބަޔާ ލެވަކޫސަން އިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ޝާލްކާ ބަލިކޮށްފަ އެވެ. މިއީ ލެވަކޫސަންގެ ކޯޗުކަމާ ޒަބީ އަލޮންސޯ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.












