ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީ ފޯރުކޮށްދޭން އެމެރިކާއިން ނިންމުމުން ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ސީދާ ހަމަލާ ބަދަަލުކުރަންޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެނެޓޮލީ އެންޓޮނޯވް ވިދާޅުވީ އެމެރިކާއަކީ ހަނގުރާމައިގެ ބައިވެރިއެއް ކަމަށާއި ޔޫކްރެއިނަަށް އެހީވުމުން ރަޝިއާއަށް ނުރައްކާވާ ކަމަށެވެ.
އެމެރިކާއިން އިއުލާން ކުރީ އަސްކަރީ އެހީގެ ގޮތުގައި އިތުރު 625 މިލިއަން ޑޮލަރު ކަނޑައެޅުމަށެވެ. ރަޝިއާގެ ފައުޖާ ދެކޮޅަށް ޔޫކްރެއިނުން ބޮޑެތި ކުރިއެރުން ހޯދަނީ އެމެރިކާއިން ފޯރުކޮށްދޭ ކުރިއަރާފައިވާ ހަތިޔާރާއި އުޅަނދު އަދި ޓެކްނޮލޮޖީއިން ކަމަށް ބެލެވެ އެވެ.

މިދިޔަ އޯގަސްޓު މަހުން ފެށިގެން ޔޫކްރެއިނުން އަންނަނީ ހަނގުރާމައިގައި ކުރިއެރުންތައް ހޯދަމުންނެވެ. އެމެރިކާއިން ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަސްކަރީ އެހީގެ ގޮތުގައި ޖުމްލަ 17 ބިލިއަން ޑޮލަރު ކަނޑައަޅާފަަ އެވެ.
އަސްކަރީ ގޮތުން އިތުރަށް ގުޅިގެން ކުރެވޭނެ ކަންކަމާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން، ނައިބު ރައީސް ކަމަލާ ހެރިސް އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.










