އަހަރެންގެ ނުވަ އަހަރުގެ ދަރިފުޅު ކުރި މައުސޫމު ސުވާލެކެވެ. "މަންމާއެވެ. އެސް.ޓީ.އޯ ކައިރީގައްޔާއި އޭ.ޑީ.ކޭ ކައިރީ އެ ތިބޭ "ފަޤީރު ކުދިންނަށް" އެއްވެސް މީހެއް އެއްޗެއް ނުދެނީ ކީއްވެގެންހެއްޔެވެ؟ ފަޤީރު ކުދިންގެ ވާހަކަ ބުނާއިރަށް އެންމެންވެސް އެއީ ގޯސް ކުދިންނޭ އެ ބުނަނީ ކީއްވެގެންހެއްޔެވެ؟ ފަޤީރުންނަށް އެންމެ ގޯހީ ދިވެހިންދޯއެވެ؟"
މިއީ ކުޑަ ކުއްޖެއްގެ ހިތުގައި އުފެދޭ ސުވާލުތަކެވެ. ދުނިޔެއަށް ރަނގަޅަށް ލޯ ނުހުޅުވޭ އެ ޅަ ސިކުނޑިއަށް ކަންމަތީ ޕާކުގައި ދެމިފައި އޮންނަ "ޕާޓޭ" ވެސް ފެންނަނީ އެހީ ބޭނުންވެފައިވާ ފަޤީރެއްގެ ސިފައިގައެވެ. މަހަކު އެއްފަހަރު "އަނބިމީހާ ވިހައިގެން" ބޯނޭ އެއްޗެއް ނެތިގެން ކިރުދަޅު ހޯދަން ސަލާންޖަހާ މީހާއަށް އެހީނުވެ އޭނާ ފޮނުވާލުމުން ގޯސް މި ވަނީ މައިންބަފައިންނެވެ. މި ފަދަ ކޮންމެ ކަމެއް ހިނގުމުން، ގެއަށް އައިސް ބޮޑެތި މީހުން "އެއްކަލަ ކަހަލަ މީހަކާ" ދިމާވި ވާހަކަ ދައްކާއިރު، ނޫންކަމަށް ހަދައިގެން އަޑުއަހަން ތިބޭ ކުޑަކުދިންނަށް ފެންނަނީ ރަޙުމުކުޑަ އާބާދީއެކެވެ.
އެ ތުއްތު ކުއްޖާއަށް، އެކްސްޓޯޝަން ސްކީމްތައް ފަދަ މަކަރާއި ހީލަތުން ފައިސާ އަތުލާ މީހުންގެ ވާހަކަ، އެކުއްޖާ އިންސާނުންގެ ނަޞްލަށް ކުރާ އިތުބާރު ނުގެއްލޭނޭ ފަދަ ގޮތަކަށް ކިޔައިދީ ދޭހަކޮށްދޭނީ ކިހިނަކުންހެއްޔެވެ؟ ފޮތްތަކުގައި އެ އޮންނަނީ ނިކަމެތިންނަށް އެހީތެރިވެދޭން އިރުޝާދު ދީފައެވެ. ނިކަމެތިންގެ ގޮތުގައި ފެންނަ މީހުންގެ ތެރެއިން އަސްލު ނިކަމެތިންނާއި ފޭކު ނިކަމެތިން ވަކިކުރާނޭ ގޮތެއް ފޮތަކު ނޯވެއެވެ. މަސްތުވާތަކެތީގެ ވަބާ ފަދަ ނޭއްގާނީ ކަންކަމަށް ދެވި ހިފައިގެންގޮސް ހޭބުއްދި ފިލާފައިވާ މީހާއަށް ފައިސާގެ އެހީ ނުދިނުން މުހިއްމުވާ ސަބަބެއް ފޮތަކު ނޯވެއެވެ. ކާބޯތަކެތި ފަދަ އެއްޗެއް ދިއްކޮށްލުމުން އެމީހުން އޭގައި ނުހިފާ ސަބަބު ބަޔާނެއް ނުކުރެއެވެ. އަދި ކިއެއްތަ، އެފަދަ މީހެއްގެ ޙަޤީޤަތް އެނގިއްޖެނަމަ، އޭނާއަށް އެހީތެރިވެދެވޭނޭ ގޮތެއްވެސް ފޮތަކު ނޯވެއެވެ. ފޮތުގައި އޮންނަނީ ފަޤީރުންނާއި ނިކަމެތިންގެ ވާހަކައެވެ. އެފަދަ މީހުން ސިފަކޮށްފައި އެ އޮންނަ ގޮތަށް ލޯމައްޗަށް ފެންނަ "ހެދިގެންއުޅޭ މަކަރުވެރިންނާއި ހީލަތްތެރިންގެ ވާހަކައެއް ނުކިޔަވައިދެއެވެ.
އިރެއްގައި އަހަރެމެން ދިވެހިންނަކީ، މަގުމަތީ ސަލާންޖަހަން، ނުވަތަ ނިދާނޭ ތަނެއް ނެތިގެން އަށިއަށިމަތީގައްޔާއި ފޮށިފޮށިމަތީ ނިދަން އުޅޭ މީހުން ދެ އަތުން ގުނާލެވޭހާ މަދުވާނޭކަމަށް، ފަޚުރުވެރިކަމާއެކު ދައުވާކޮށް އުޅުނު ބަޔަކީމުއެވެ. އެހެންނަމަވެސް މިއަދު، ފަތިސްދަޅައިގައި މާލޭގެ ހިމޭން މަގުތަކަށް ހިތްފަސޭހަކޮށްލުމަށް ނިކުމެލިޔަސް ފެންނަނީ ޕާކުތަކުގެ އަށިއަށި މަތީ ކަރުދާސް ފޮށި އަޅައިގެން ނިދަން ތިބޭ އެކި ޢުމުރުގެ މީހުންނެވެ. ކައިރީގައި ބާއްވާފައި އޮންނަ ފައިވާން ޖޯޑުގެ ދެކިބަ އެއްގޮތެއް ނޫނެވެ. ލައިގެން އޮންނަ ގަމީހުގައި އޮންނަނީ ލައްޖަހާފައެވެ. އަޑެއް އިވުމުން ތެދުވެ ދެކޮޅު ބަލާލާފައި އަލުން އޮށޯންނަނީ، އަމިއްލަ ޙާލާމެދު ލަދުވެތިވުންވެސް ފަހަނައަޅައިގޮސްފައިވާ މިންވަރަށް ނިކަމެތިވެފައިވާކަން ހާމަކޮށްދެމުންނެވެ. މި މަންޒަރުތައް ތުއްތު ލޯތަށް، ކިއެއްތަ އަހަރެމެން ބޮޑެތި މީހުންނަށް ފެނުނަސް، ހަމްދަރުދީ ނުވެވި ނުދެއެވެ. އޭނާ އެ ޙާލަތަށް ދާން މަޖުބޫރުކުރުވީ ކޮން ސަބަބެއްތޯ ހިތާ ހިތާ ސުވާލުކުރެވެއެވެ. އޭނާގެވެސް އާއިލާއަކާއި މައިންބަފައިން ތިބޭނޭކަން ދެނެހުރެ، އޭނާގެ ހިތުގައި އުފެދޭނެ ހިތާމަވެރި ޝުޢޫރުތައް އަންދާޒާކޮށްލެވެއެވެ.
އެހެންނަމަވެސް، އެ ހަމްދަރުދީގެ ދޯނި، އޯގާގެ ބަނދަރަށް ނަގިލި ނުލަނީސް، ބުއްދީގެ މާލިމީ ހުންގާނު ހިފައެވެ. އެއީ ކޮންކަހަލަ މީހެއްތޯ ސުވާލުކުރަން މަޖުބޫރު ކުރުވައެވެ. އެހީގެ އަތެއް ދިއްކޮށްލައިފިނަމަ، އޭގެ ނާޖާއިޒު ފައިދާ ނަގާނެތޯ ސުވާލުކުރަން މަޖުބޫރުކުރުވައެވެ. އަބަދުވެސް ވިސްނަން ވާނީ އެންމެ ގޯސްތަކަށް ކަން އަންގައިދެއެވެ. އެއީ އަމިއްލަ ނަފުސާއި މުދަލުގެ ސަލާމަތްހޯދުމަށް ކުރާ ކަމެއްކަމަށް ބުނެ، ރީތި ބަހަނާއެއް ދައްކައިދެއެވެ. މިއީ ޙާލަތުގެ މަޖުބޫރީއެވެ. މުޖުތަމަޢަށް އައިސްފައިވާ "ތަހުޒީބެވެ". މިކަމުގެވެސް ހުރިހާ ގެއްލުމެއް ޙަޤީޤަތުގައި ނިކަމެތި މީހާއަށެވެ. މި މަންޒަރުތަކަށް ހެކިވަމުން، އުޅެބޮޑުވާ ޖީލުގެ ޙާލަތަކީ އަދި ކޮބައިކަން ޚިޔާލަށް ގެންނަންވެސް އުނދަގުލެވެ.
****








