ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް 42 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށް މެމްބަރަކު ވިދާޅުވުމުން އެމަނިކުފާނު މިއަދު އެކަން ދޮގުކުރައްވައި، ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު މަގާމުގައި އިންނެވީ "ކޮމްޕްރޮމައިޒް" ވެވަޑައިގެންފައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 42 މެމްބަރެއްގެ ސޮއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އަތްޕުޅުގައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގޭކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕްރޮމައިޒް ވެފައި ތިޔަ އިންނެވީ. ސާޅީސް ދެ މެމްބަރުންގެ ސޮއި ފައްޔާޒު އަތުގައި އޮވެގެން ކޮމްޕްރޮމައިޒް ވެފައި އިއްޒަތްތެެރި ރައީސް ތިޔަ އިންނެވީ،" ޝިޔާމް ވިދާޅުވި އެެވެ.
ޝިޔާމް ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ "ކޮމްޕްރޮމައިޒް ވެފައިވާ" ހާލުކޮޅެއްގައި އެމަނިކުފާނު އެއްވެސް މަގާމެއްގައި ނުހުންނަވާނެ ކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް ދެއްވާ ކަަމަށެވެ. އެހެން ނަމަވެސް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އިސްކޮށް ހުންނަވައިގެން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި މި މަޖިލީހުގެ 12 ވަރަކަށް އިއްޒަތްތެރި މެމްބަރުން އޭގައި ސޮއި ވެސް ކުރެއްވި. ދެން އިއްޒަތްތެރި މެމްބަރުންނަށް ޔަގީންކަން އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން. އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން އަދި މާބޮޑު އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް އިތުބާރުކުރައްވާ ކަމާ، މި މަޖިލިސް މިގެންދާ ގޮތުގައި ގެންދެވޭނެކަމާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެމަނިކުފާނާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވުމުންނެވެ.
ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން ރައީސް ސޯލިހާ ނަޝީދާ ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ. ނާޒިމަށް އޭރު ތުހުމަތު ކުރި މައްސަލަ އޭނާގެ މައްޗަށް ފަހުން ސާބިތުވެސް ވި އެވެެ.












