މެންޗެސްޓާ (އޮކްޓޫބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 6-3 އިން ބަލިވި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނޭރުވީ އޭނާ އަށް ބޭއިހުތިރާމް ނުކުރަން ވެގެން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ފިލް ފޯޑެން ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދިއިރު، ޔުނައިޓެޑުން ލަނޑުތައް ޖެހީ އެންޓޮނީ އާއި އެންތަނީ މާޝިއަލް އެވެ. މި މެޗުގައި ޔުނައިޓެޑުން އެއްވެސް ވަރަކަށް ރޮނާލްޑޯގެ ބޭނުމެއް ނުހިފަ އެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ސަބަބެކެވެ.
އަހަރެން، އޭނަ (ރޮނާލްޑޯ) ނޭރުވީ އޭނާގެ ބޮޑު (ފުރިހަމަ) ކެރިއަރަށް ބޭއިހުތިރާމް ނުކުރަން ވެގެން. އެއީ އަހަރެމެންނަށް ނުކުޅެވޭއިރު، އެ ފެންވަރުގެ ކުޅުންތެރިއަކު އެރުވެން ނޯންނާނެ،" ޓެން ހާގް ބުންޏެވެ.
"ދެން އޮތް ކަމަކީ، އަހަރެމެން މާޝިއަލް އެރުވުމުގެ އެޑްވާންޓޭޖް ވެސް ބޮޑު. އެއީ މާޝިއަލް އަށް ވަގުތު ދޭންޖެހޭކަން ސާބިތުކޮށްދިން. މި ވަގުތު އަހަރެން ބޭނުމެއް ނެތް ސީދާ ސަބަބުތަކެއް ބުނަން. އެކަމަކު، މާޝިއަލް އެރުވުން ރަނގަޅުކަން އެ އޮތީ ފެންނަން،"
ޓެން ހާގްގެ މި ވާހަކަތަކަށް ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރޯއީ ކީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޓެން ހާގްގެ ވާހަކަތަކަށް ޔުނައިޓެޑްގެ ކުރީގެ ފުލްބެކް، ގެރީ ނެވިލް ތާއީދުކުރި އެވެ.
ކީން ބުނީ ރޮނާލްޑޯ އަކީ ޔުނައިޓެޑުން މިހާރު އެ ދައްކާ ކުޅުމަށް ބަލާއިރު، އެ ފެންވަރުގެ ޓީމެއްގެ ބެންޗުގައި އިންނަން ޖެހޭ ވަރުގެ ކުޅުންތެރިއެއް ނޫން ކަމަށެވެ.

ރޭގެ މެޗުގެ ތެރެއިން ޓެން ހާގް (ވ) އާއި ގާޑިއޯލާ.
"ރޮނާލްޑޯ އަކީ ބެންޗު ހޫނުކުރަން އިންނަން ޖެހޭ ކުޅުންތެރިއެއް ނޫން. އޭނާ އަކީ ފުޓްބޯޅަ ތާރީހުުގައި ވެސް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަންނަށް ފެންނަ ހަމައެކަނި މަންޒަރަކީ ޔުނައިޓެޑުން އެ ދަނީ ރޮނާލްޑޯ އަށް ބޭއިހުތިރާމް ކުރަމުންކަން،" ކީން ބުންޏެވެ.
ދާދި ފަހުން، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ވަނީ ވޯލްޑް ކަޕްގެ ކުރިން ރޮނާލްޑޯ އަށް ކްލަބް ލެވަލްގައި އެކަށީގެންވާ ވަރަށް މެޗު ނުލިބޭނަމަ އޭނާ މުބާރާތަށް އަންނައިރު، ރަނގަޅު ފޯމެއްގައި ހުންނަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ފަހުން ރޮނާލްޑޯ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ދެ މެޗުގަ އެވެ.
ޓެން ހާގް ބުނީ ރޭގެ މެޗުގައި ސިޓީ އަތުން ޔުނައިޓެޑް ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ މެޗުން މޮޅުވާން ނޫނީ ނަތީޖާ ނެރެން ކުޅުންތެރިން ޓީމެއްގެ ގޮތުގައި އަމިއްލަ ނަފްސަށް އިތުބާރު ނެތުން ކަމަށެވެ.
ރޭގެ މެޗަކީ 2014 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީން ޔުނައިޓެޑް އަތުން ޖެހިޖެހިގެން ތިން މޮޅު ހޯދި ފުރަތަމަ ފަހަރެވެ. މިއީ ލީގުގައި ޔުނައިޓެޑް ސިޓީ އަތުން ބަލިވި 18 ވަނަ ފަހަރެވެ. މި އަދަދަށް ޔުނައިޓެޑް ދެން ލީގުގައި ބަލިވެފައިވަނީ ދެ ޓީމެއް އަތުންނެވެ. އެ ދެ ޓީމަކީ ލިވަޕޫލާއި ޗެލްސީ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުގެ އެޓޭކް ރަނގަޅު ކަމަށާއި އެކަމަކު، ޓީމެއްގެ ގޮތުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ރޭގެ މެޗުން ވެސް ފާހަގަވި ކަމަށެވެ.












