އާސެނަލް އެއް ވަނައިގައި، ޗެލްސީ މޮޅުވިއިރު، ލިވަޕޫލް އެއްވަރު

Oct 1, 2022, 4:28 PM
އާސެނަލް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އާސެނަލް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް 3-1 އިން ބަލިކޮށް އާސެނަލް ލީގުގެ އެއް ވަނަ މަގާމު ދިފާއުކުރިއިރު، ޗެލްސީން ފަހު ވަގުތު، 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް އާ ކޯޗު ގްރަހަމް ޕޮޓާގެ ކޯޗުކަމުގައި ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގައި މިރޭ ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ކުޅެގެން 3-3 އިން އެއްވަރުވެފަ އެވެ. މިއީ ބްރައިޓަންގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ ރޮބާޓޯ ޑި ޝާބީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލް އެއް ވަަނަ މަގާމު ދިފާއުކުރީ ކުޅުނު އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ސިޓީން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިނަމަ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މިރޭ އާސެނަލުން ލީޑުނެގީ 20 ވަނަ މިނިޓްގައި ތޯމަސް ޕާޓޭ ޖެހި މޮޅު ގޯލުންނެވެ. އޭރިއާބޭރުން ބެން ވައިޓް ދިން ބޯޅަ ޕާޓޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ޓޮޓެންހަމް އިން އެއްވަރުކުރީ މެޗުުގެ 31 ވަނަ މިނިޓްގައި ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ. މިއީ ރިޗާލިސަން އަށް އާސެނަލް އޭރިއާތެރެއިން ގަބްރިއެލް މަގާޅައެސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ކޭން އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުންބޭރުގައި އެންމެ ފުރަތަމަ 100 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ.

އާސެނަލްގެ ސަލީބާ (ކ) ޓޮޓެންހަމްގެ ކޭން ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ގަބްރިއެލް ޖީސޫސް ވަނީ އާސެނަލަށް އަލުން ލީޑުނަގައިދީފަ އެވެ. އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ޝޮޓެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ހެދި ގޯހެއްގެ ފައިދާނަގައި ޖީސޫސް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ޓޮޓެންހަމް އިން ކުރި މަސައްކަތް އުނދަގޫވީ މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ފުލްބެކް، އެމަސަން ރޯޔާލް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެމަސަން އަށް ރަތް ކާޑު ދެއްކީ އާސެނަލްގެ ގަބްރިއެލް މާޓިނެލީ އަށް ކުރި ފައުލަކަށެވެ.

ޓޮޓެންހަމްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އާސެނަލުން މެޗުގެ 67 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖެހި އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ގްރޭނިޓް ޝާކާ އެވެ.

ޗެލްސީ ކޮޅަށް މިރޭ ކްރިސްޓަލް ޕެލަސް އިން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ޖޯޑަން އަޔޫ ނެގި ހުރަހަކުން އޭރިއާތެރެއިން އޮޑްސަން އެޑޮއާޑް ޖެހި ގޯލެކެވެ. ޗެލްސީ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މެޗުގެ 38 ވަނަ މިނިޓްގައި އޮބާމަޔަން ޖެހި މި ގޯލަކީ ޗެލްސީއާ ގުޅުނު ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި މެޗުން ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ކޮނާ ގެލަގާ އެވެ. މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކްރިސްޓަލް ޕެލަސް އަށް ކުޅުނު ގެލަގާ މި ގޯލު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ބްރައިޓަންގެ ޓްރޮސާޑް (ވ) ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި 17 މިނިޓް ތެރޭ ބްރައިޓަން އަށް ދެ ގޯލުގެ ލީޑެއް ނަގައިދިނީ ލެއަންޑްރޯ ޓްރޮސާޑް ޖެހި ދެ ގޯލުންނެވެ. އެކަމަކު، މެޗުގެ 33 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް އުންމީދެއް ހޯދައިދީފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭ ދެ ގޯލު ޖަހައި ލިވަޕޫލުން ލީޑު ނެގި އެވެ. ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ ފިރްމީނޯ އެވެ. ލީޑުނެގީ ބްރައިޓަންގެ ޖޭމްސް ވެބްސްޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ބްރައިޓަން އަށް މެޗުން އެއް ޕޮއިންޓް ހޯދައިދިން ގޯލު ޖެހީ މެޗުގައި ހެޓްރިކް ހެދި ޓްރޮސާޑް އެވެ. އޭނާ މި ގޯލު ޖެހީ 83 ވަނަ މިނިޓްގަ އެވެ. ޓްރޮސާޑަކީ ލީގުގައި ލިވަޕޫލް ދަނޑުގައި އިދިކޮޅު ޓީމަށް ކުޅެމުން ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި ތިން ވަނަ ކުޅުންތެރިޔާ އެވެ.

މި މެޗުން ހޯދި ޕޮއިންޓާ އެކު ބްރައިޓަން އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަަނައިގަ އެވެ. ޗެލްސީ ފަސް ވަނައިގައި އޮތީ ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ހަތް މެޗުން 10 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ނުވަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox