ރިޝްމާ: ހިތްވަރާއި ވަރުގަދަ އަޒުމުން މިސާލު ދައްކައިދިން ލީޑަރު

މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޝްމާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޝްމާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދާދި ފަހުން ރާއްޖޭގައި ނިމުނު ދެކުނު އޭޝިއާގެ ގައުމުތަކުގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕް ފެށުމުގެ އެއް ހަފްތާ ކުރިން ގައުމީ ޓީމްގެ ޕްރެކްޓިސްގައި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ރިޝްމާއާ ބައްދަލުވި އެވެ. އެ ދުވަހު އަޅުގަނޑު އޭނާއާ ސުވާލެއް ކޮށްލީމެވެ.

"ތިއީ ގަސްތުގައި ދޫކޮށް ފަހާފައި އޮތް ޕްރެކްޓިސް ޖާޒީ އެއްތަ؟، ހީވަނީ ގޯންޏެއް ހެން،"

އަބަދުވެސް ހިނިތުންވުމާ އެކު ފެންނަ ރިޝްމާ ހިނިގަނޑެއް ޖަހާލާފައި ދިން ޖަވާބުން ސާބާ މުބާރާތަށް ފިޓުވުމަށް އޭނާ ކުރި ބުރަ މަސައްކަތް ވަޒަންކޮށްލެވުނެވެ.

"މިއީ ކިޑް (ދަރިފުޅު) ލިބުމަށް ފަހު މީގެ ހަތަރު މަސް ކުރިން ގައުމީ ޓީމު ޕްރެކްޓިސް އަށް ނުކުތްއިރު ލި ޖާޒީ. އޭރު މީހާ ހުރި ގޮތް އެހެންވީމާ އަންދާޒާ ކޮށްލާ" ރިޝްމާ ބުންޏެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ރިޝްމާ ކަރުގައި މެޑަލް އަޅުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ނިމުނު ސަރަަހައްދުގެ ދެ ވަނަ އަންހެން ސާބާ ޗެމްޕިއަންޝިޕުގައި ރިޝްމާ ދެއްކި ކުޅުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރިއަކު ދެއްކި އެންމެ ތަފާތު އެއް މޮޅު ހުނަރުވެރި ކުޅުމެވެ. ގައުމީ ޓީމާ އެކު އޭނާ ތިން މެޗުގައި ދައްކައިދިން ލީޑާޝިޕާއި ދެއްކި ހިތްވަރުން ފިލާވަޅު ނުލިބޭނެ އެއްވެސް މީހެއް ނެތެވެ.

ބޯޅަ ހޯދަން ފުންމަމުން، ޑައިވްކުރަމުން އެ ގުރުބާން ވަނީ ގައުމީ ޓީމަށް ރީތި ނަމެއް ހޯދައިދިނުމުގެ އަޒުމުގަ އެވެ. އަމިއްލަ ފަސްގަނޑުގައި ރަން މެޑަލް ހޯދަން ބޭނުންވެ، އެކަމަށް ނުކުތްނަމަވެސް ޖެހުނީ ލޯ މެޑައްޔާ އެކު ފުއްދާލާށެވެ. ނަމަވެސް ހަގީގީ ޗެމްޕިއަނެއްގެ ނަމޫނާ ރިޝްމާ ދެއްކި އެވެ.

މުބާރާތުގެ ވާދަކުރި ހަތަރު ޓީމުގެ ހުރިހާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ސްކޯ ކުރި ކުޅުންތެރިއަކީ ރިޝްމާ އެވެ. ތިން މެޗުގައި 56 ޕޮއިންޓު އޭނާ އެކަނިމާ އެކަނި ސްކޯ ކުރި އެވެ. މީގެ ތެރެއިން 33 ޕޮއިންޓަކީ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ސްކޯކުރި ޕޮއިންޓެވެ.

ލަންކާ މެޗުގެ ތެރެއިން ރިޝްމާ ސްކޯ ކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތުގައި ދެ ވަނަ އަށް އެންމެ ގިނަ ރީބައުންޑު ނެގި ކުޅުންތެރިއަކީ ރިޝްމާ އެވެ. ޖުމްލަ އަދަދަށް ބަލާއިރު، 52 ރީބައުންޑު ރިޝްމާ ތިން މެޗުގައި ނެގިއިރު، އޭނާ އަށް ވުރެ ކުރީގައި އޮތީ 53 ރީބައުންޑާ އެކު ޗެމްޕިއަންކަން ހޯދި ސްރީ ލަންކާގެ ސަސަންތީ ސަމަރަސިންގޭ އެވެ. ރާއްޖޭގެ އެޓޭކާއި ޑިފެންސަށް ބަލާއިރުވެސް ރިޝްމާ ފަހަތަށް ޖައްސާލެވޭ އެއްވެސް ކުޅުންތެރިއެއް ނެތެވެ.

މުޅި މުބާރާތުގައި އެންމެ ގިނަ ބޯޅަ "ސްޓީލް" ކުރި ކުޅުންތެރިއަކީވެސް ރިޝްމާ އެވެ. ޖުމްލަ 19 ބޯޅައެއް އިދިކޮޅު ކުޅުންތެރިން އަތުން އޭނާ ހޯދިއިރު، މުބާރާތުގައި އެންމެ ގިނަ ބޯޅަ ބާސްކެޓަސް ވައްޓާލި ކުޅުންތެރިއަކީވެސް ރިޝްމާ އެވެ.

މުބާރާތުގައި ރިޝްމާގެ ސްޓެޓްސްތަކަށް ބަލާއިރު ހައިރާންނުވާނެ ބަޔަކު ނެތެވެ. އޭނާ ކޯޓުމަތީގައި ކުރި ބުރަ މަސައްކަތަށް ތައުރީފު ހައްގެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވާން ދަނިކޮށް ފަހު ވަގުތު ގާތް ގާތުގައި ދެ ސްކޯއެއް ކޮށް ރާއްޖެ އަށް މެޗުން މޮޅުވުމުގެ އުއްމީދު ހޯދައިދިން ކުޅުންތެރިއަކީ ރިޝްމާ އެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ފިޒިކަލީ އެންމެ ވަރުގަދަ ޓީމް ކަމަށްވާ ސްރީ ލަންކާގެ ކުޅުންތެރިންނަށް ދޫނުދީ އެންމެ ފަހު ވަގުތާ ހަމައަށް އޭނާ މަސައްކަތްކުރި އެވެ. ކޮރު ޖަހަމުން މެޗުގެ ގިނަ ވަގުތު އޭނާ ކުޅުނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން އަޅަމުން ދިޔަ ވޭނުގެ އެއްވެސްކަމެއް މޫނުމަތިން ދައްކާވެސް ނުލަ އެވެ.

މުސްތަގުބަލަށް ބައްޓަންވެފައި އޮތް ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އަންހެން ބާސްކެޓް ޓީމުގެ ލީޑަރުކަން ކުރަމުން ދިޔަ ރިޝްމާ ލަންކާ މެޗުގެ ފަހު ކުއާޓާގައި ކޯޓުން ބާލަން ޖެހުނީ ފިޔަވަޅު ނޭޅޭ ވަރަށް އޭނާގެ ކަކުލަށް އަނިޔާ ވުމުންނެވެ.

އޭގެ 24 ގަޑިއިރު ތެރޭގައި ބޫޓާނާއި ދެކޮޅަށް އަނެއްކާ ވެސް ރިޝްމާ ނުކުތީ ވަރުގަދަ މެސެޖެއް ވެސް ދެމުންނެވެ. މަތި މަތިން ގާޑު އަޅައިގެން ނުކުމެ އޭނާ އެ ދައްކައިދިނީ ކުޅިވަރުގެ ރީތި އަޚުލާގާއި ވަރުގަދަ ނަމޫނާ އެކެވެ.

ދެން އޮތީ މި މުބާރާތުން ދިވެހި ޓީމަށް ރަން ވަނަ އެއް ހޯދަން އޭނާ މިދިޔަ 10 މަސްދުވަހު ވީ ގުރުބާނީގެ ވާހަކަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެވަނަ ދަރިފުޅު ލިބި ހުރިހާ ގޮތަކުން ވެސް ދިރިއުޅުގެ ގިނަ ކަންކަން ބަދަލުވި އެވެ. ތުއްތު ދަރިފުޅަށް ދޭން ޖެހޭ ވަގުތާއި ލޯބި ދިނުމުގައި އަވަދިނެތި އުޅެމުންދިޔައިރު ވެސް އެނބުރި ކޯޓަށް ނުކުންނަން އޭނާ އައީ އިންތިޒާރު ކުރަމުންނެވެ. އޭގެ ހަ މަސް ފަހުން ގައުމީ ސްކޮޑުގެ ފަރިތަކުރުންތަކަށް ނުކުތްއިރު ސާބާ މުބާރާތަށް އޮތީ އެންމެ ހަތަރު މަހެވެ.

ހަށިގަނޑަށް އައި ބަދަލާ އެކު ބަރުދަން އިތުރުވެ، މީހާ ހުރީ އެއްކޮށް ބަރުހެލިވެފަ އެވެ. ވަރުގަދަ މުބާރާތަށް ރިޝްމާ ފިޓުވެދާނެ ކަމަށް އޭރު ގިނަ ބަޔަކު އުފެއްދި އެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާ ދިޔައީ އެ ސުވާލުތަކަށް މަޑު މަޑުން ޖަވާބު ދެމުންނެވެ.

ގައުމީ ޓީމުން ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ދިޔަ ތަމްރީން ދެ ދަތުރުގައިވެސް ބައިވެރިވީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. އާއިލާގެ ބައެއް މެންބަރުންނާއި، އެމްބީއޭ އަދި ޓީމުގެ އެހެން ކުޅުންތެރިންގެ އެހީތެރިކަމާ އެކު ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން ޕްރެކްޓިސްތަކުގައި ފުރިހަމައަށް ބައިވެރިވެ، ޓީމަށް އޭނާގެ ފުރިހަމަ ބޭނުން ހިފޭވަރަށް ގަދަ އަޅާ މަސައްކަތްކުރި އެވެ.

ނޭޕާލް އަތުން ރާއްޖެ މޮޅުވި މެޗަށް ފަހު ރިޝްމާ އާއި ޒިލާލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މަންމަގެ ޒިންމާތަކުގެ ހިޔަނި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް އެޅުނަ ނުދިނެވެ. ހަމަ އެގޮތަށް ގައުމީ ވާޖިބު އަދާކުރުމުގައި ތުއްތު ދަރިފުޅު ބަހަނާއަކަށް ދައްކާން ޖެހޭނެ ހާލަތެއް ނުދެއްކި އެވެ. އެހާ ވެސް ފުރިހަމައަށް އޭނާ އެކަންކުރި އެވެ.

"އަސްލު ރިޝްމާ އަކީ ބޮޑު އިންސްޕިރޭޝަނެއް ހަމަ. މަންމަގެ ޒިންމާތައް ބަރާބަރަށް އަދާކުރި، ވައިފެއްގެ ބައިވެސް ފުރިހަމައަށް އަދާކުރި. އާއިލީ ކަންކަމާއި، އަނެއްކާ ކިޔެވުމުގެ ކަންކަންވެސް ދިޔައީ ބަރާބަރަށް. ކޭމްޕުގައި ހުރެ ކޮލެޖުގެ ބައެއް ޓެސްޓުވެސް ހެދި. އެކަން ވެސް ކުރަމުން މިހާ ހިސާބަށް އައީ. އަޅުގަނޑު ހަމަ ސެލިއުޓް ކުރަން ރިޝްމާގެ ޑެޑިކޭޝަނަށް" ރިޝްމާގެ ފިރިމީހާ އަދި ގައުމީ ފިރިހެން ޓީމްގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލު (ޒިލާ) ބުންޏެވެ.

ކުޅިވަރުގެ ލެޖެންޑަކަށް ވަނީ ގިނަ ގުރުބާނީތަކެއްވެ ގިނަ ނަމޫނާތަކެއް ދައްކައިގެންކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ރިޝްމާ އަކީ އޭގެ ވަރުގަދަ މިސާލެކެވެ. ރާއްޖޭގެ އަންހެން ބާސްކެޓަށް ލިބިފައިހުރި ވަރުގަދަ ރަނެކެވެ. ގައުމީ ޓީމަށް ކުޅޭ އާ ކުޅުންތެރިންނަށް ހިތްވަރުދީ ހަގީގީ ލީޑަރެކެވެ. އާއިލާއެއް ބިނާ ކުރަމުން ކުޅިވަރުގެ އެންމެ އުހުގައި ފިޔަޖަހާލެވޭނެކަން ދައްކަމުން އަންނަ ނަމޫނާ ކަނބަލެކެވެ. އޭނާ އަކީ ހަމަ ޔަގީނުން ވެސް ދިވެހި އަންހެން ބާސްކެޓްބޯޅައިގެ އެންމެ އަލިގަދަ އެއް ދަންމަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox