ދެކުނުގެ މަސްވެރިކަމާއި ސަތޯ ރަހާއާ އޮތީ ނުހަނު ބޮޑު ގުޅުމެކެވެ. އުތުރުން ދެކުނަށް 54 މޭލު ހުންނަ މާސިންގާ ހުވަދޫ ކަނޑުގައި އޮންނަ މި ތިލައަކީ އޭގެ ވަށައިގެން ޝައުގުކުރަނިވި ވާހަކަތަކެއް ހުރި ތަނެކެވެ. ބުނެވޭ ގޮތުގައި އެތަނަށް ނަން ދިނީ އެ ސަރަހައްދުގައި ހުރި ކަނޑުގެ ދިރުންތަކަށް ޝައުގު އުފެދި އެ ސަރަހައްދަށް އެންމެ ފުރަތަމަ ފީނި ޖަޕާނުގެ ޑައިވަރެއް ކަމަށްވާ ސަތޯއަށް ނިސްބަތްކޮށެވެ.
ތުންތުންމަތިން ކިޔާ އުޅޭ ގޮތުގައި އޭނާ އެ ތަނަށް ޑައިވިން ކުރަނިކޮށް ބޮޑު ކަކުންޏެއްގެ ހޮރު ތެރެއަށް އޭނާ ވަން ވަގުތު އެ ކަކުނި އަލުން އައިސް ހޮރަށް ވަދެ އޭނާއަށް ހަމަލާދީ މަރާލީ އެވެ. މި ވާހަކަ ތަފާތު އެކި ގޮތްގޮތަށް ކިޔައި އުޅެ އެވެ. މިއަދާ ހަމައަށް ވެސް، އެ ހާދިސާގެ އަސްލު އެނގިފައެއް ނުވެ އެވެ.
ނަމަވެސް، މިހާތަނަށް އައިއިރު ސަތޯ ރަހަ އުފެދިފައިވާ ގޮތާއި އެތަނުގައި ހުރި ދިރުންތަކާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އެއްކުރެވިފައެއް ނުވެ އެވެ.
ރާއްޖޭގެ ކަނޑުތަކުގެ ފުނުގައިވާ ސިއްރުތައް ހޯދައި ދިރާސާކުރުމަށް ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރާއި، އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓް ނެކްޓަން ގުޅިގެން ފެށި 35 ދުވަހުގެ "ނެކްޓަން މިޝަން" އިން ވަނީ ސަތޯ ރަހާގެ ހަގީގީ ފުންމިން ހޯދާފަ އެވެ.
ސަތޯ ރަހާގަ އާއި އެ ސަރަހައްދުގައި މަސްމަހާމެހީގެ ގިނަ ބާވަތްތަކެއް އުޅެ އެވެ. ވަކިން ހާއްސަކޮށް ކަނޑުތަކުގެ އިކޯސިސްޓަމުގައި ބެލެންސް ހިފެހެއްޓުމުގެ މޭސްތިރިޔާ ކަމަށްވާ މިޔަރު ގިނަ އަދަދަކަށް އުޅެ އެވެ. އަދި، ދޮށީގެ މަސްވެރިކަމުގައި ވެސް އެއީ ދެކުނުގެ މަސްވެރިންގެ މެދުގައި ނަން ހިނގާ ސަރަހައްދެކެވެ.

މިތަނަށް [ސަތޯ ރަހަ] ކަޅުބިލަ މަސް އަންނަ ސަބަބު އެނގެން ބޭނުން. އަދި، އެ މަސްތައް އެހެން ތަނަކަށް ނުގޮސް މި ސަރަހައްދުގައި ތިބެނީ ކީއްވެތޯ އެނގެން ބޭނުން،" މި މަސައްކަތާ ގުޅޭގޮތުން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ޑރ. އަހްމަދު ރިޔާޒް ވިދާޅުވި އެވެ.
އެކަން ކުރުމަށް އެންމެ މުހިންމު ކަމަކީ އެތަނުގެ ފުންމިން ދެނެގަތުން ކަމަށްވާއިރު އެކި މެޕުތަކުގައި ހުރި އަންދާޒާތައް ތަފާތެވެ. އެގޮތުން، ބައެއް ޗާޓުތަކުގައި ސަތޯ ރަހާގެ ކުންނު ހުންނަނީ ކަނޑުގެ 15 މީޓަރު އަޑީގައި ކަމަށް ބުނެފައި ވީ ނަމަވެސް އަނެއް ބަައި ޗާޓުތަކުގައި އެ އަދަދު ހުރީ 300 މީޓަރުގަ އެވެ.
ޔަގީން އަދަދެއް ހޯދުމަށް ނެކްޓަން މޯލްޑިވްސް މިޝަނުން 12 ގަޑިއިރު ވަންދެން ސަތޯ ރަހާ މަތީގައި ދުއްވި އެވެ. އެއީ ސޯނާ ބޭނުންކޮށްގެން މަލްޓި ބީމް މެޕިން ފުރިހަމަ ކުރުމަށެވެ.
އެ ހޯދުންތަކުން އެނގުނު ގޮތުގައި ސަތޯ ރަހާއަކީ 15 ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ. އަދި، ސަމިޓް ނުވަތަ ރަހާގެ ކުންނަކީ ކަނޑުގެ ސަތަހައިން 300 މީޓަރު އަޑި ކަމަށް ވަނީ ހޯދިފަ އެވެ. އަދި، އެންމެ ފުން ތަނުގައި 1500 މީޓަރު ހުންނާނެ ކަމަށް އެ މިޝަނުން ބުނެ އެވެ.
މިއާއެކު ސަތޯ ރަހާ ނުވަތަ ސަތޯ ތިލައަށް ނަން ދިން ހާދިސާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެދެ އެވެ. ޑައިވިން އާންމުކޮށް ކުރަނީ އެންމެ އަޑިއަށް ވެސް 30 މީޓަރަށް ކަމަށްވާއިރު ޖަޕާނުގެ ޑައިވަރު ސަތޯއަށް އެ ރަހައާ ހަމައަށް ޑައިވް ކުރެވުނުތޯ އެވެ؟ އަދި، ފުލޯކު ވާހަކަތަކުގައި ބުނާ ގޮތަށް ބޮޑު ކަކުންޏެއް ހަމަލާ ދިންތޯ އެވެ؟
ކޮންމެއަކަސް، މިއީ ކަނޑުގެ ދިރުންތަކާއި ގުޅޭ ގޮތުން މުހިންމު މައުލޫމާތުތަކެއް އެނގިގެންދާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ދެކުނުގެ މަސްވެރިކަމުގައި ސަތޯ ރަހާއިން އަދާކުރާ ދައުރާއި އެތަނުގައި ދިރުންތައް އުފެދި އާލާވާ ސަބަބުތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.
"ނެކްޓަން މޯލްޑިވްސް މިޝަން" އަށް އެ ސަރަހައްދަށް ދެވުނު ދުވަހަކީ ކަނޑު ގަދަ ދުވަހެއް ކަމުން އެއްވެސް ސަބްމާސިބަލް އެއް ބޭނުން ކުރެވޭ ގޮތެއް ނުވެ އެވެ. އެހެންކަމުން ސަތޯ ރަހާގެ އަޑީގައިވާ ސިއްރުތައް އަދިވެސް މިވަނީ ނުހޯދި އެވެ.
ނެކްޓަން މިޝަން - ކަނޑުތަކަށް މުހިންމު
ވ. އަތޮޅުން ފެށިގެން ދެކުނުގެ ކަނޑުތަކުގެ އެކި ސަރަހައްދުތަކުގައި ހައި-ޓެކް ދެ ސަބްމާސިބަލްސް އާއެކު ޑޭޓާ ނެގުމުގެ މަސައްކަތް އެ މިޝަނުން އަންނަނީ ކުރަމުންނެވެ. މި ދެ ހައި-ޓެކް ސަބްމެރިންގެ ތެރެއިން އެއް ސަބްމާސިބަލްސް ގައި 1000 މީޓަރު ފުނަށް ދެވޭނެ އެވެ.
ތިރީސް ފަސް ދުވަހުގެ މި އެކްސްޕެޑިޝަންގައި ބައިވެރިވާ ސައިންޓިސްޓުންގެ ޓީމުގައި ދިވެހި 10 ބޭފުޅުންގެ އިތުރަށް، ޔޫކޭ، އިންޑިއާ، ސައުތު އެފްރިކާގެ މެރިން ތަޖުރިބާކާރުން ހިމެނެ އެވެ. މި ޓީމު ގޮވައިގެން އާރުވީ އޮޑީސީ ނަމަކަށް ކިޔާ އެކްސްޕެޑިޝަން ބޯޓުގައި ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދުތަކުގައި ޑޭޓާ ކަލެޓް ކުރުމަށް ދުއްވާނެ އެވެ. އަދި، މި އުޅަނދުގެ ދެ ސަބްމާސިބަލް، ޑައިވްތަކުގައި ބޭނުންކުރާނެ އެވެ. ކޮންމެ ސަބްމާސިބަލް އެއްގައި ކެޕްޓަންގެ އިތުރުން ތިބެވޭނީ ދެ ސައިންޓިސްޓުންނަށެވެ.







