ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 29) - ކުރިން ޗެލްސީ އާއި ބްރެޒިލް ގައުމީ ޓީމުން ފާހަގަވި މިޑްފީލްޑަރު ރަމިރޭސް ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.
ކުޅުން ހުއްޓާލިއިރު ރަމިރޭސްގެ އުމުރަކީ 35 އަހަރު އެވެ. އޭނާ ރިޓަޔާކުރިކަން އިއުލާނުކުރީ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖަކަށް ފަހު އެވެ. ރަމިރޭސް ހުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބްރެޒިލްގެ ޕަލްމެއިރާސް ދޫކޮށްލި ފަހުން ޓީމަކާ ނުގުޅި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖްގައި ރަމިރޭސް ވަނީ އޭނާގެ 14 އަހަރުގެ ކެރިއަރުގައި ކްލަބް ލެވަލާއި ގައުމީ ޓީމުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާތީ އެކަންކަން އެ ގޮތަށް މެދުވެރިކޮށްދޭން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ ދެ ކުޅުންތެރިން ކައިރިން ރަމިރޭސް (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަމިރޭސް ބޭނުންވަނީ ރިޓަޔާމެންޓަށް ފަހު ފުޓްބޯޅައާ ދުރުގައި ތަފާތު އެހެން މާހައުލެއްގައި މަސައްކަތް ކުރުމަށެވެ. ރަމިރޭސް ވަނީ ބްރެޒިލް ގައުމީ ޓީމަށް 52 މެޗު ކުޅެދީފަ އެވެ. އަދި އެ މެޗުތަކުގައި ހަތަރު ގޯލު ޖެހި އެވެ.
ރަމިރޭސް ކެރިއަރު ފެށީ ބްރެޒިލްގެ ކްލަބް، ޖޮއިންވިލް އިންނެވެ. އޭގެ ފަހުން ބްރެޒިލްގެ ގަދަބާރު ކްރުޒޭރޯ އަށް ކުޅުމަށް ފަހު ޔޫރަޕްގައި އޭނާ ފުރަތަމަ ގުޅުނީ 2009 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އަށެވެ. އެ ޓީމުގައި ރަމިރޭސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2010 ވަނަ އަހަރު ކާލޯ އަންޗެލޮޓީ ވަނީ ޗެލްސީ އަށް ރަމިރޭސްގެ ސޮއި ހޯދައިފަ އެވެ.
ޗެލްސީން ވަނީ އެ ފަހަރު ރަމިރޭސް ގަންނަން 25 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީގައި ހޭދަކުރި ފަސް ސީޒަނުގައި ރަމިރޭސް ވަނީ އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގު، އިނގިރޭސި އެފްއޭ ކަޕް، އިނގިރޭސި ލީގު ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ޗެލްސީން އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު ސެމީ ފައިނަލުގައި ބާސެލޯނާ ދަނޑުގައި ރަމިރޭސް ވަނީ މޮޅު ގޯލެއް ޖަހައިފަ އެެވެ.

2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮަޅަށް ރަމިރޭސް ގޯލު ޖަހަނީ.
ރަމިރޭސް، ޗެލްސީ ދޫކޮށްލުމަށް ފަހު، 2016 ވަަނަ އަހަރު ސޮއިކުރީ ޗައިނާގެ ޖިއާންސޫ ސަނިން އަށެވެ. އެ ޓީމަށް ތިން އަހަރު ކުޅުމަށް ފަހު، 2019 ވަނަ އަހަރު ބްރެޒިލްގެ ޕަލްމެއިރާސް އަށް ބަދަލުވި އެވެ. އެ ޓީމުގައި ހޭދަކުރީ އެއް ސީޒަނެވެ.
ފުޓްބޯޅަ ކެރިއަރުގައި ރަމިރޭސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލް އާއި ބްރެޒިލް އަދި އިންގްލެންޑްގައި ކްލަބް ލެވަލްގައި ހޯދި ކާމިޔާބީތައް ހިމެނެ އެވެ. އޭނާ ވަނީ ބެންފީކާއާ އެކު ޕޯޗުގީސް ލީގާއި ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޕަލްމެއިރާސްއާ އެކު ދެކުނު އެމެރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކޮޕަ ލިބެޓަޑޯރެސް ކާމިޔާބުކޮށްފަ އެވެ.
އޭގެ އިތުރުން ބްރެޒިލް ގައުމީ ޓީމާ އެކު 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ލޯ މެޑަލްގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފީފާ ކޮންފެޑެރޭޝަން ކަޕް ހިމެނެ އެވެ.












