ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިންގެ އަދަދު އިތުރުކުރަން ރޭވުންތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ދިވެހި އަސްކަރިއްޔާއާ އަލަށް ގުޅުނު 185 ސިފައިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ވޭތުވެ މިދިޔަ ހަތަރު ވަރަކަށް އަހަރު، ދިވެހި އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގައި ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އަދަދުގެ ގޮތުން ސިފައިންގެ ލަސްކަރުގައި އަންހެނުން އަދިވެސް މަދުކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.
"މިހާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަންޖެހޭ،" ޅ. މާފިލާފުށީގައި އިއްޔެ ބޭއްވި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި މާރިޔާ ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 1989 ވަނަ އަހަރު އެވެ. އޭރު އަންހެން ސިފައިންނަށް އޮތް ޒިންމާއަކީ އިދާރީ މަސައްކަތްތައް ކުރުމެވެ. ނަމަވެސް، މިއަދު އެކި ދާއިރާތަކުގައި އަންހެން ސިފައިން އެބަ ތިއްބެވެ. އިސް ރޭންކުތަކުގައި ވެސް އަންހެނުން ހަރަކާތްތެރިވެ އެވެ.
އަންހެނުންނަށް ދިވެހި އަސްކަރިއްޔާގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ތަނަވަސްކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު އިލްތިމާސް ކުރެއްވީ އަންހެން ކުދިން ސިފައިންގެ ހިދުމަތާ ގުޅުމަށެވެ.

ފުރުސަތުތައް ގިނަ މި ހިދުމަތާ ގުޅުމަށް ދިވެހި އަންހެން ކަނބަލުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.
ހަތަރު މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ އަސްކަރީ ހިދުމަތާއި ގުޅުމަކީ ތިމާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރަކާއި ދިވެހި ރައްޔިތުން ދެކެ ވާ ލޯތްބެއް، އަދި ވަތޮނަށް ވާ ގުރުބާނެއް ކަމަށެވެ.
"ސިފައިންގެ މީހާ މި ހިދުމަތާއި ގުޅުންވެސް، އަދި މި ހިދުމަތުގައި ދެމިހުރުންވެސް ބިނާވާންވާނީ ގައުމާއި ދިވެހި ރައްޔިތުންނަށް އޮތް މިދެންނެވި ގަދަރާއި ލޯބީގެ މައްޗަށް،" މާރިޔާ ވިދާޅުވި އެވެ.
ސިފައިންގެ މީހަކަށް ވުމަކީ، މާރިޔާ ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ފަރުދީ ބައެއް ހައްގުތައް ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި ދޫކޮށްލައި، ނަފުސަށްވުރެ ގައުމު އިސްކުރަން ނިންމާ ނިންމުމެކެވެ.
ސިފައިންގެ މީހާ އަބަދުވެސް އެންމެ އިސްކުރަން ޖެހޭނީ ހަވާލުކުރާ މިޝަން ކާމިޔާބުކުރުމަށް ކަމަށާއި ކޮމާންޑަރުންގެ އަމުރު އައުމުން ސިފައިންގެ މީހާއަށް އޮންނާނީ "ޔޭސް މޭމް، ނުވަތަ ޔޭސް ސާ އޭ ބުނެ، ފަހު ނޭވަޔާ ޖެހެންދެން މިޝަން ހާސިލްކުރުމަށް މަސައްކަތްކުރުން" ކަމަށް މާރިޔާ ވިދާޅުވި އެވެ.
ވަނަތައް ހޯދި ދަރިވަރުން
މި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން އެކި ދާއިރާތަކުން ވަނަތައް ހޯދި ފަރާތްތަކަށް އިއްޔެ އެވޯޑު ވެސް ދިނެވެ.
- ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު: ޕްރައިވެޓް ޤާސިމް އަރުޒަން ޝަކީބު
- ޝަހީދު އަލިރަސްގެފާނު ކޮމްޕެނީގެ އެއްވަނަ ދަރިވަރު: ޕްރައިވެޓް ޔައީޝް ސައިފުﷲ
- ޝަހީދު ޙުސައިން އާދަމް ކޮމްޕެނީގެ އެއްވަނަ ދަރިވަރު: ޕްރައިވެޓް މުޙައްމަދު މުއާދު
- އަމާޒަށް ބަޑިޖެހުމުން އެއްވަނަ: ޕްރައިވެޓް އަޙްމަދު އާރިފު
- ހަށިހެޔޮކަމުން އެއްވަނަ: ޕްރައިވެޓް މުޙައްމަދު މުއާދު
- ހެވިކަމަށް އެއްވަނަ: ޕްރައިވެޓް މޫސާ ޔާނިޝް











