ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ޖިއްދާގައި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރަައްވައިފި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ބައްދަލުވުމުގައި މަޝްވަރާ ކުރީ ހަކަތައިގެ ސެކިއުރިޓީ، ސަރަހައްދީ މައްސަލަތައް އަދި ރަޝިއާއިން ހަނގުރާމައިގެ ތެރެއިން ހައްޔަަރުކޮށްފައި ތިބި އެމެރިކާ ރައްޔިތުން ދޫކުރުމުގައި ސައުދީ އަރަބިއްޔާއިން އަދާކުރާ ދައުރާ މެދު ކަމަށެވެ.
ސައުދީ އަރަބިއްޔާ މެދުވެރިވެގެން މިހާތަނަށް ރަޝިއާއިން ވަނީ ހަނގުރާމައިން ހައްޔަރު ކުރި 10 މީހުން ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދެ މީހުން ހިމެނެ އެވެ. އެހެންވެ، އެމެރިކާގެ އޮފިޝަލުން ސައުދީ ވަލި އަހުދަށް ޝުކުރު ދެންނެވި އެވެ.
އޭގެ އިތުރުން ޔަމަނު ހަނގުރާމައާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ދިޔަ އެވެ. އދ. މެދުވެރިވެގެން ޔަމަނުގައި މިހާރު ގާއިމްކޮށްފައި އޮތް ވަގުތީ ސުލްހަ ނިމޭނީ އޮކްޓޯބަރު ދެ ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ މުއްދަތު އިތުރު ކުރަން ހޫތީ ހަނގުރާމަވެރިން ދެކޮޅު ހަދަ އެވެ.










