ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކެވެ. ދިވެހި މުޖުތަމަޢުގެ ތެރެއަށް އިންޑިޔާ ބައްރުން ބޭރުގެ ކުލަވަރުތައް، މަޑުމަޑުން، ފަރުވާތެރިކަމާއެކު ވަންނަންފެށި ޒަމާނެވެ. 1960ގެ އަހަރުތަކުގައި އިންޑިޔާ ބައްރުން އަހަރެމެން ހޯދި ބިޑިހެދުންތަކާއި ކިއްލި ގޮށި ހަރުވާޅުގެ ފެށަންތައް ދޫކޮށް، ފައިކުރި ފުޅާ ބެލްބޮޓަމްތަކާއި ފަޓުލޫނާއެކު، "ބޯހޯ" ފެށަންތަކަށް އޭރު ދިވެހިން ދިޔައީ ތަޢާރަފުވަމުންނެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ދިވެހިން ހޭނެމުންދިޔައީ، އާ ނިޒާމާއެކު އައި ޒަމާނީ ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔަމުންނެވެ. ފަތުރުވެރިކަމާއެކު ފަންނާނުންނަށް ވަނީ އާ ދިރުމެއް ލިބިފައެވެ. ފަތުރުވެރިންނަށް ޚިދުމަތްދޭން ލިބުނު ހުއްދަ ތަކާއެކު ދިވެހި ޚިދުމަތްތެރިކަމުގެ ސިނާޢަތް ދިޔައީ އިހަށް ނުލިބޭ މިނިވަންކަމެއް ތަޖުރިބާ ކުރަމުންނެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ހައިޝަމް މުޙައްމަދު ރާޝިދު، މީގެ އަށް އަހަރު ކުރިން "ދޮންބަނކުލޮ"އަށް ދައުވަތު ދިނީ އެ ޒަމާނަށް "ނަށާލަން" ދާށެވެ. ޑިންބަ މިއުޒިކުން ރިލީޒްކުރި ހައިޝަމްގެ "އޮޑިހަނު" އަލްބަމަށް އަށް އަހަރު ވެފައިވާއިރު، އަލުން އަޑުއަހާލާއިރުވެސް ބާ ނުވާ އެއް ލަވަޔަކީ "އާދޭ ނަށާލަން" މި ލަވައެވެ. ފުރަތަމަ އަޑު އަހާއިރު އަންހެން ކުއްޖެއް ގާތު ތިމަންނާޔާ އެކު "އައިސް ގެ" އަށް ނަށާލަން އަންނާށޭ ބުނާ ލަވައެކެވެ. ސާފު ސީދާ ޢިބާރާތްތަކެކެވެ. ކުރީގެ ބޭންޑްތައް ކަމުގައިވާ "އެމޭޒަން ޖޭޑް" އަދި "ކުވިކްސޭންޑް" ފަދަ ބޭންޑްތަކާއި ވަކި ވަކި ފަންނާނުންގެ ތެރެއިން ބޮންގޯ ނަސީރު، ޕެނަމާ ޝަފީޤު އަދި ބެންހާ ހަބީބު ފަދަ ފުންނާބު އުސް މޫސީގާރުންނަށް ދޭ "ޓްރިބިއުޓް"އެކެވެ.

"ކުވިކްސޭންޑް" ބޭންޑު އައިސްގޭގައި: (ކ-ވ) ވަޑި އިސްމާޢީލް، ޑރ ޢަބްދުއްސައްތާރު ޔޫސުފު، ޢަލީ ނައީމު، ޕެނަމާ ޝަފީޤު، އަދި ބެންހާ ހަބީބު -- ފޮޓޯ:ފޭސްބުކް/ރަންޒަމާން
އެހެންނަމަވެސް އަހަރެންނަކީ ކޮންމެ ލަވައެއްގެވެސް ސިއްރުތަކެއް ވާކަމަށް ޤަބޫލުކުރާ މީހަކަށް ވާތީ، މި ލަވައިގެވެސް އިތުރު، ފޮރުވިފައިވާ މާނަތަކެއް ހުރިތޯ ބަލާލާހިތްވިއެވެ. ލަވަ ރިލީޒްކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. ހަލަބޮލި ރިޔާސީ އިންތިޚާބެއް ނިމި އާ ރައީސެއްގެ ވެރިކަމުގެ އަލަތު ދުވަސްތައް ގުނަމުންދަނީއެވެ. ސިޔާސީ މައިދާނުގެ ހަލަބޮލިކަމާ އެއްވަރަށް ކުށްކުރުމާއި، މާރާމާރީ އިތުރުވަމުންދިޔައެވެ. މިނިވަންކަމާއި ޙައްޤަށް ދައުވާކޮށް އަޑުއުފުލާ މީހުންގެ ޝުޢޫރުތަކުން މިނިވަން ނޫސްވެރިކަން "ހަތިޔާރު އަޅައިގެން" ތިބީ، ބަދަލުތަކާއި އިސްލާޙުތަކަށް މަގުފަހިކުރުމަށެވެ. މި ހުރިހާ ބޮޑެތި އަދި އަސާސީ މައްސަލަތަކުގެ ތެރޭގައި ފަންނުވެރިކަމާއި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ބޭނުންކުރަން މަޖުބޫރުވެފައިވަނީ ޕްރޮޕެގެންޑާ ހަތިޔާރެއްގެ ގޮތުގައެވެ. ކޮންމެވެސް ބައެއްގެ ފިކުރެއްގެ އަގާއި އަޑު އުފުލުމަށެވެ.
މި ފަދަ ހަލަބޮލި މާހައުލެއްގައި އެއަށްވުރެ އަމާން ދުވަސްތަކަކަށް އެދެވުމަކީ އާ ޝިޢާރެއް ނޫނެވެ. އަނެއްކާވެސް 70ގެ އަހަރުތަކަށް ދާން ހިނގާށެވެ. ފަންނާނުންނަށް އައި ޢީދެކެވެ. މުޅި ދުނިޔޭގައި އޭރުގެ ޒުވާނުން އުފުލަމުންދިޔަ "ހަނގުރާމައަށްވުރެ ސުލްޙަ އިސްކުރުމުގެ" ޝިޢާރުގެ އަޑު ދިވެހިންގެ ތެރޭގައިވެސް ގަދައެވެ. ފަންނުވެރިކަން ފިޔަޖަހާނީ ސުލްޙަ މަސަލަސްކަމުގެ ތެރޭގައޭ ބުނެއުޅޭ ނޫންހެއްޔެވެ؟ ދިވެހިންވެސް ދެކެމުން އައީ އެ ދުވަސްތައް ކަމުގައި މިއަދުގެ ޒުވާނުންނަށް ސިފަވާފަދަ ހެކިތައް ތާރީޚު އެބަދައްކައެވެ. އޭރުގެ މިލިއުޅުމާއި އޭރު އުފަންވަމުންދިޔަ އާ ޘަޤާފަތްތަކުންނެވެ. އައިސް ގޭގެ މާހައުލު އޭރުގެ މީހުން ކިޔައިދޭއިރު، އޭރު ހުޅަނގުގައި މަޝްހޫރުވަމުންދިޔަ "ސްޓޫޑިއޯ 54" ފަދަ ތަންތަން ސިފަވޭ ނޫންހެއްޔެވެ؟ ނުވަތަ މިއީ، އަހަރެމެން، އެ ޒަމާން ނުދެކޭ މި ޒަމާނުގެ ޒުވާނުންނަށް މާޒީ "ރޮމޭންޓިސައިޒް" ކުރެވުމުން ނުވަތަ ޖަމާލިއްޔަތުގެ ލޮލަކުން މާޒީއަށް ބެލުމުން ކުރެވޭ އިހުސާސެއްހެއްޔެވެ؟

ކުރީގެ މަޝްހޫރު މިއުޒިކް ބޭންޑު، އެމޭޒަން ޖޭޑްގެ ފަންނާނުން ފެންނަ ޕޯސްޓަރެއް. -- ފޮޓޯ: ފޭސްބުކް/ޖޯސެފް ޑެސްމޮންޑް
"އާދޭ ނަށާލަން" މި ލަވައިގައި ހައިޝަމް ދޮންކަނބުލޮއަށް އެ ދަޢުވަތުދެނީ މިހާރުގެ ހަލަބޮލިކަން ދޫކޮށް، މާޒީގެ އަމާންކަމުގެ ތެރެއަށް ގެއްލިގެން ދިޔުމަށޭ ބުނާނޭ ޖާގަ، އެހުންތެރިޔާއަށް އެބައޮތްކަމަށް އަހަރެން ޤަބޫލުކުރަމެވެ. މިހާހިސާބުން ސުވާލު އުފެދެނީ ހައިޝަމް ދޮންކަނބުލޮއަށް "ނަށާލަން" ދޭ ދައުވަތުގެ ފަހަތުގައިވާ ކަންތައްތަކާ މެދުގައެވެ. މާޒީއަށް ތިމަންނަ އާ އެކު ހިނގާބަލާށޭ ބުނެ، ނަށަން ނޫން ކަމެއް ކުރާންވެސް ދަޢުވަތު ދެވިދާނޭ ޖާގަ އޮއްވާ ނެށުން، މި ޚާއްޞަކުރަނީ ކީއްވެގެންބާވައެވެ؟
އަދަބިއްޔާތާއި ޅެންވެރިކަމުގައި ނެށުމަކީ އޭގެން އެތައް މާނައެއް ނެގޭ ހަރަކާތެކެވެ. ޖަލާލުއްދީން ރޫމީ ނެށުން މާނަކުރާ ގޮތަކީ ޅެންވެރިކަން ދިރާސާކުރާ އިރު، އަހަރެން ވަރަށް ބޭނުންކުރާހިތްވާ މާނަކުރުމެކެވެ.
"ތިމާ ހަލާކުވެގެންގޮސް ހުޅުވިގެން ދާހިނދު ނަށާށެވެ. ތިމާގެ ގައިގައި ހުރި މަލަންގަނޑު އަމިއްލައަށް ވީދާލާ ހިނދު ނަށާށެވެ. ތަޅާފޮޅަމުންވެސް ނަށާށެވެ. ތިމާގެ ލޭގެ ތެރޭގައިވެސް ނަށާށެވެ. ތިމާއަށް ފުރިހަމަ މިނިވަން ލިބޭ ހިނދު ނަށާށެވެ."
ޖަލާލުއްދީން ރޫމީ ނެށުން ސިފަކުރައްވަނީ "މެވްލެވިއްޔާ"އަށް އިޝާރާތްކުރައްވަމުންނެވެ. އެތް އަތް މައްޗަށް ނަގައިގެން އަނެއް އަތް ތިރިކޮށްލައިގެން ހުރެ އެނބުރެމުން ނަށާ، އެ ނެށުމަކީ އެ ނެށުމުގެ ތެރެއިން ނެށުންތެރިޔާ އެނބުރެމުންދާ މިންވަރަކުން ދުނިޔަވީ ކަސްތޮޅުތައް ދޫކުރަމުން ގޮސް ޙަޤީޤަތާ ހަމައަށް ތިމާ ހުސްކޮށްލާ ހުސްކޮށްލުމެއްކަމުގައި އެ ސިފަކުރުންތަކުން ސިފަކުރައްވައެވެ.
މަޝްހޫރު އިނގިރޭސި ޅެންވެރިޔާ މާޔާ އެންޖަލޯގެ ޅެން "ސްޓިލް އައި ރައިޒް"ގައި ނެށުން ސިފަކުރަނީ ލަދުވެތި މާޒީއަކުން އުއްމީދުގެ މުސްތަޤުބަލަކަށް ކުރާ ދަތުރުގެ އިންތިޤާލީ މަރުޙަލާއެއް ގޮތަށެވެ.
އެހެންގޮތަކަށް ބުނާ ނަމަ ޅެންވެރިކަމުގައި ނެށުން ރަމްޒުކުރެވޭ އެކި ގޮތްގޮތަށް ބެލިކަމުގައިވިޔަސް ފެންނަނީ ކޮންމެވެސް ކަމަކުން ހޯދޭ މިނިވަންކަމެކެވެ. ނަށާލައިގެން ހުރިހާ ފިކުރުތަކާ ދުރަށް ދެވޭ ކަމަށެވެ. އުއްމީދު އަތުލެވޭ ކަމަށެވެ.
އެހެންކަމަށް ވާނަމަ، ހައިޝަމްގެ ލަވައިގައި ލޯބިން "ދޮންގޮއްޔެ" އަދި "ދޮންކަނބުލޮ"އަށް އެ ދަޢުވަތު ދެނީ ތިމަންނައާ އެކު މިހާރަށް ވުރެ އުޖާލާ މާޒީއެއްގެ ތެރެއަށް ގެއްލި، އޭނާ ތަހައްމަލުކުރަމުންދާ ހުރިހާ ދުނިޔަވީ ބުރައެއްގެ ކިބައިން ހިނދުކޮޅަކަށް ނަމަވެސް، ސަލާމަތްވުމަށް ކަމަށް ބެލެވޭނޭ ޖާގަ، ލަވައިގެ ޅެންވެރިކަން އެބަދެއެވެ.
މުޅި ލަވަޔަށް ބަލާއިރު، އެންމެ ރީތީ އެ ޒަމާން ސިފަކޮށްދީފައިވާ ގޮތެވެ. އެންމެ ފަހު ސިފަކުރުމަކަށް ލަވަކިޔުންތެރިޔާ ސެޓިން ޔަޤީންކޮށްދެނީ މި ނަކަލުކުރާ ޢިބާރާތްތަކުންނެވެ.
"މިޔަރެއްގެ އަނގައިގާ އައިސްގޭގައި ކުޅެލަނީ
މިޔަރެއްގެ އަނގައިގާ އައިސްގޭގައި ކުޅެލަނީ މިއުޒިކޭ ކުޅެލަނީ"

1970 ގެ އަހަރުތަކުގައި "ކުވިކްސޭންޑް" ބޭންޑުން އައިސްގޭގައި މިއުޒިކު ކުޅެނީ --ފޮޓޯ: ފޭސްބުކް/ރަންޒަމާން
އައިސް ގޭގެ ސްޓޭޖުގެ ފޮޓޯއެއް ނުފެންނަ، ނުވަތަ އެ ތަނުގެ ތަޖުރިބާ ނުލިބޭ މީހަކަށް، މިއީ ވަރަށް އޮޅުން އަރާނޭ ޢިބާރާތްތަކަކަށް ވެދާނެއެވެ. މި ސިފަކުރަނީ އޭރުގެ އައިސް ގޭގެ ސްޓޭޖެވެ. ފަރުމާކޮށްފައި ވަނީ މިޔަރެއްގެ އަނގައިގެ ސިފައިގައެވެ.
އެހެންނަމަވެސް، މި ސިފަކުރުމުން، އެ ދުވަސްތައް މާޒީވެ ގޮސްފައިވާކަން ރަމްޒުނުވޭ ހެއްޔެވެ. އެ މިނިވަން، އުފާވެރި މާހައުލުގައި "މުއްދަތު ހަމަވާ ތާރީޚެއް" ޖަހާފައިވާކަމުގެ އިހުސާސް މިއަދު ނުކުރެވޭ ހެއްޔެވެ. އެ މެހެފިލުގައި މުނިފޫހިފިލުވަމުންދިޔަ ދިޔުން، އަހަރެމެންނަށް މިއަދު ޖަމާލިއްޔަތުގެ ފިލްޓަރަކުން ފެނުނު ނަމަވެސް، އޭރު އެ މިޔަރު ރަމްޒުކޮށްދެނީ އޭރުގެ އެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސުންގަޑި އަންނަން ގާތްވެފައިވާކަން ކަމަށް ބެލިދާނެތޯއެވެ.

އައިސްގެ -- ފޮޓޯ: ފޭސްބުކް/ރަންޒަމާން
މި ގޮތަށް ރަމްޒީ މާނަޔަކުން ލަވައިގެ ކޮންމެ ލަފުޒެއްގައި ފޭރާން އަޅުވަން ވެއްޖެނަމަ، ވިއްސާރަދުނީގެ ހުރިހާ ކުލަޔަކުންވެސް ފޭރާން އެޅުވިދާނެއެވެ. އެހެންނަމަވެސް މިހާ ހިސާބުން ކުރުކޮށްލާނަމަވެ. "އާދޭ ނަށާލަން" މި ލަވައަކީ ފުރަތަމަ އަޑުއެހުމުގައި އާދައިގެ ލަވައެކެވެ. މިއުޒިކުގެ ލެނބުންތަކުގެ ސަބަބުން، ނުނަށާން ހުއްޓަސް މަޑުމަޑުން ދެކޮޅަށް ކިރިލެވޭގޮތްވެއެވެ. ސާދާ ޅެންވެރިކަމެއްގެ ސަބަބުން ލަވައިގެ ޅެން ހިތުދަސްވާން އެންމެ އަޑުއެހުމެއްވެސް ފުދެއެވެ. އެހެންނަމަވެސް ކޮންމެ އަޑުއެހުމަކުން، އެ ލަވައިގެ ސާދާކަމުގެ ފަރުދާ ކެހި، ފުން އެތައް ޝިޢާރުތަކެއް ފާޅުވަމުންދެއެވެ. އަށް އަހަރަށް ފަހުވެސް، މި ލަވަ އާވެއާވެ މި ހުންނަނީ މި ސަބަބާހުރެކަން ގައިމެވެ.








