ހާސިލުކުރާ ތައުލީމާ އެއްވަރަށް އުޅުމާ އަހުލާގު ރީތިކުރުމަށް މަސައްކަތްކުރަން އިސްކަންދިނުމަކީ ފޭރާން ހެޔޮ މުޖުތަމައެއް ހޯދަން މަސައްކަތްކުރާއިރު އިސްކަންދޭންވީ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ވިލާކޮލެޖުގެ ދަސްވެނިންނަށް ސަނަދު ދިނުމަށް ބޭއްވި ހަފްލާގައި، ބައިވެރިންނަށް ނަސޭހަތްތެރިވަމުން ފައިސަލް ވިދާޅުވީ، ތައުލީމީ މީހުން ވާންޖެހޭނީ ބަހުގެ އިތުބާރު ހިފޭ، ނަފްސުގެ ގަދަރާއި އިއްޒަތް ހިމާޔަތް ކުރާ ކަރާމާތްތެރި ބަޔަކަށް ކަމަށެވެ. މުޖުތަމައުގެ ތެރޭގައި ހިފަހައްޓަންޖެހޭ ގަދަރު ދޫކޮށްނުލާނެ ބަޔަކަށް ކަމަށެވެ.
"ހެޔޮ ގޮތުގައި ނޫނީ އެއްވެސް ކަމެއް ނުކުރައްވަން އަޒުމް ކަނޑައަޅަންވީ. ގޯލްޑް މެޑެލް ހޯދަންވީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި. މީހުންނާ މުއާމަލާތުކުރާއިރު ވެސް ގޯލްޑް މެޑަލް، އުޅުމުގައި ވެސް ގޯލްޑް މެޑަލް. އެއީ އެންމެ ރީތި ގޮތް،" ފައިސަލް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، އިޖުތިމާއީ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ކަމަށެވެ. ސަރުކާރުން ވެސް އެކަން ގަބޫލުކުރާ ކަމަށާއި މަސައްކަތްކުރަނީ މިއީ ފޭރާން ހެޔޮ މުޖުތަމައަކަށް ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް، އިޖުތިމާއީ ހަމަޖެހުން ގާއިމް ކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމަށާއި، އެކަންކަން ކުރެވޭނީ ތައުލީމީ ގަދަރުވެރި، އަދި އިލްމީ ބޭފުޅުންގެ ފަރާތުން އެ އުޅުމާއި އަހުލާގު ނަމޫނާކޮށްދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.













