އިންޑިއާގެ ނާގްޕޫރުގައި ދާދިފަހުން ކުރިއަށްދިޔަ މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ދަސްވި ކަންތައްތަކުގެ ފައިދާ ކުރިއަށް އޮތް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގައި ކުރާނެ ކަމަށް ރިވައިވަލް ސްޕޯޓްސް ކްލަބުން ބުނެފި އެވެ.
މަހަރާޝްތުރާ ޗެލެންޖްގައި ރިވައިވަލްގެ ހަތަރު ކުޅުންތެރިން ކަމަށްވާ އަހުމަދު ތޯއިފް މުހައްމަދު، ޒަޔާން ޝަހީދު ޒަކީ، ރިޝްވާން ޝިޔާމް އަދި ހައިޝަމް އިބްރާހިމް ކުޅުނުއިރު، ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވެސް ވާދަކުރި އެވެ.
ރިވައިވަލްގެ ޓީމާ އެކު ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ކުލަބުގެ ހެޑް ކޯޗު ނަޝްފާން މުހައްމަދު އެވެ. ނަޝްފާން ވަނީ މިދިޔަ މަހު ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
މަހަރާޝްތުރާ ޗެލެންްޖްގައި ރާއްޖެ އަށް އެންމެ ރަނގަޅު ނަތީޖާ އެއް ހޯދައިިދިނީ މިކްސް ޑަބަލްސްގެ ގަދަ 16 ބުރުގައި ކުޅުނު ޒަޔާން އާއި ނަބާގެ ޕެއާ އެވެ. ގަދަ 16 ބުރުގައި ޒަޔާން އާއި ނަބާގެ ޕެއާ ބަލިވީ އިންޑިއާގެ ގައުސް ޝައިކް އާއި މަނީޝާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ 21-10، 21-12 އިންނެވެ.

ކޮމަންވެލްތު ގޭމްސްގެ މިކްސް ޑަބަލްސް މެޗެއްގެ ތެރެއިން ޒަޔާން (ކ) އާއި ނަބާ.--- ފޮޓޯ: ގެޓީއިމޭޖަސް
ރިވައިވަލްގެ ކެޕްޓަން ޒަޔާން ބުނީ މަހަރާޝްތުރާ ޗެލެންޖަކީ ޖުމްލަކޮށް ބަލާއިރު ވަރަށް ރަނގަޅަށް ދިޔަ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތަށް ދިޔައިރު، ޓާގެޓްކުރީ ވަރަށް ރަނގަޅު ޕާފޯމަންސްތަކެއް ދައްކައިގެން މި އަހަރު ކުރިއަށް ހުރި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.
"އެ ގޮތަށް ބަލާއިރު ކްލަބް އެންމެން ވެސް ހަމަ ކޯޗު ހިތްހަމަޖެހޭ ވަރަށް ޕާފޯމްކުރި، އަދި މަސައްކަތް ކުރަން ޖެހޭ އޭރިއާތަށް ވެސް ފާހަގަކުރެވިއްޖެ. ދެން މިހާރު މި އޮތީ ވަރުގަދަ އަށް ޓްރެއިނިންތައް ކުރިއަށް ގެންދިއުން. ދެން، މި މުބާރާތުގައި (މަހަރާޝްތުރާ ޗެލެންޖްގައި) ދިމާވި ކަންތައްތައް ރަނގަޅުކުރުން އަންނަ މަހު ރާއްޖޭގައި އޮތް އިންޓަނޭޝަނަލް ޗެލެންޖްގެ ކުރިއަށް،" ޒަޔާން ބުންޏެވެ.
ޒަޔާން ބުނީ އޭނާ އާއި ނަބާ އަށް މަހަރާޝްތުރާ ޗެލެންޖްގެ މިކްސް ޑަބަލްސްގެ ގަދަ 16 ގައި ވާދަކުރުމަކީ ހަގީގަތުގައި މި ލެވަލްގެ މުބާރާތަކަށް ބަލާއިރު ކާމިޔާބެއް ކަމަށެވެ.
"އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް މި ލެވަލަށް ބަލާއިރު. މި ލެވަލްގެ މުބާރާތެއްގައި ވަރަށް ގިނަ ރޭންކިން ޕޮއިންޓް ވެސް ލިބޭނެ. އެހެންވީމަ، ޖުމްލަކޮށް ބަލާއިރު މި މުބާރާތް ވަރަށް ޕޮޒިޓިވް،" މީގެ ކުރިން މިކްސް ޑަބަލްސް އިވެންޓުން ރާއްޖެ އަށް ބީޑަބްލިއުއެފް މުބާރާތެއްގައި މެޑަލް ހޯދާފައިވާ ޒަޔާން ބުންޏެވެ.
ރިވައިވަލް އިން ދެން ތައްޔާރުވަމުން އަންނަ މޯލްޑިވިސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތް އޮތީ އަންނަ މަހުގެ 18-23 އަށެވެ. މި މުބާރާތުގައި ޖުމްލަ އެއްކޮށް 15000 ޑޮލަރުގެ އިނާމް ފައިސާ ދޭނެ އެވެ. އެއީ އެކި ބުރުތަކުން މޮޅުވާ ކުޅުންތެރިންނާއި ޗެމްޕިއަން އަށް ވަކި އަދަދެއް ދޭ ގޮތަށެވެ.












