ކޮވިޑް ޖެހިގެން މަރުވާ އެމެރިކާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ގައުމުގައި ކޮވިޑް ބަލިމަޑުކަން ނިމިއްޖެ ކަމަށް ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފި އެވެ.
ބައިޑެން ވިދާޅުވީ ކޮވިޑްގެ ސަބަބުން "އަދިވެސް މައްސަލައެއް އޮތް ނަމަވެސް" ހާލަތު ވަރަށް އަވަހަށް ރަނގަަޅުވަމުންދާ ކަމަށެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި އެމެރިކާގެ ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް ކޮވިޑް ބަލީގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ބުނީ ބަލިމަޑުކަން ނިމުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށެވެ.
ސީބީއެސްއަށް ދެއްވި އިންޓަވިއުގައި ބައިޑެން ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރަން އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެމެރިކާގައި ކޮވިޑާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރީ ޖެނުއަރީ 2020 ގަ އެވެ. މިދިޔަ އޯގަސްޓް މަހު ނިންމީ އޮކްޓޯބަރު 13 އާ ހަމައަށް އެ ހާލަތު ދެމެހެއްޓުމަށެވެ.
މިހާތަނަށް ކޮވިޑް ބަލިމަޑުކަމުގައި އެމެރިކާއިން މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.










