ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ މެޗުތަކެއްގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، އިޔާން އަބްދުލް އަލީމް (ޗިކީ)، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އަހުމަދު ބައްސާމް (ބައްކު) ހިމަނައިފި އެވެ.
މި މަހު 21 ވަނަ ދުވަހު ބްރުނާއީގައި އެ ގައުމާ ދެކޮޅަށް ކުޅޭ މެޗާއި 24 ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު މިއަދު ވަނީ ފުރައިފަ އެވެ.
ފައިނަލް ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ކުޅުންތެރިންގެ ތެރެއިން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ނިޝާމް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ އަހުއްކޮ އަކީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނެވެ. މިއީ އޭދަފުށްޓަށް އުފަން ނިޝާމް، ގައުމީ ސީނިއާ ސްކޮޑަށް ވެސް ނެގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަހުއްކޮ ވަނީ ސީނިއާ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު، ފައިނަލް ސްކޮޑަކުން މިއީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ގިނަ ގޯލްކީޕަރުންތަކަކަށް ގައުމީ ޕްރެކްޓިހުން ފުރުސަތު ދިން އެކި ފަހަރުތަކުގައި މާޒިޔާގެ ކީޕަރު ޗިކީ އަށް ވަނީ ޓްރެއިނިންގައި ބައިވެރިވާން ފުރުސަތު ލިބިފަ އެވެ. އެކަމަކު، ސްކޮޑު ފައިނަލް ކުރާއިރު ނަގާ ތިން ކީޕަރުން ތެރޭގައި މިއީ ޗިކީ ހިމެނިގެންދިޔަ ފުރަތަމަ ފަހަރެވެ. މާޒިޔާ އިން ސީޒަނުގެ ފަހު މުބާރާތް، އެފްއޭ ކަޕް ކާމިޔާބު ކުރިއިރު، ގޯލު ބެލެހެއްޓީ ޗިކީ އެވެ.
ސީނިއާ ޓީމުގެ ޕްރެކްޓިހުގައި މި އަހަރު ފެށި ފަހުން އެކި ފަހަރު މަތިން ބައްކު ވަނީ ބައިވެރިވެފަ އެވެ. ޔޫތު ގައުމީ ޓީމުތަކަށް ކުޅެފައިވާ ބައްކު އަށް މި އަހަރު އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް އަލުން އެނބުރި އައިސް އޭނާ ވަނީ މޮޅަށް ކުޅެފަ އެވެ. ގައުމީ ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ބައްކު އަށް ފުރުސަތު ލިބުމަކީ މި ސީޒަނުގައި އޭނާ ދެއްކި ކުޅުމަށް ބަލާއިރު، ހައްގު މަގާމެކެވެ.
ސްކޮޑުގައި ނުހިމެނޭ ކުުޅުންތެރިންނަށް ބަލާއިރު، އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް، މާޒިޔާގެ ލޯން އެއްބަސްވުމެއްގެ ދަށުން ވެލެންސިއާ އަށް ކުޅުނު މުހައްމަދު އުމެއިރު، މާޒިޔާގެ ކެޕްޓަން، އަސަދުﷲ އަބްދުﷲ، އަނިޔާގެ ސަބަބުން ޓީމާ އެކު ނުދެވުނު، އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް އައިޝަމްގެ އިތުރުން އާއިލީ ކަމެއްގައި ޓީމާ ދުރުގައި ހުރި ނާއިޒު ހަަސަން (ދާދު) އެވެ.
އެފްއޭ ކަޕްގެ ފައިނަލް މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ޒުވާން ކުޅުންތެރިން ލައިގެން ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާނީ ލާއޯސް އާއި ބްރުނާއީ ދާރުއްސަލާމް މެޗުން ކަމަށެވެ.
ލާއޯސް އާއި ބްރުނާއީ މެޗަށް ނެގި ގައުމީ ސްކޮޑު
ގޯލްކީޕަރުން: އިޔާން އަބްދުލް އަލީމް - ޗިކީ (މާޒިޔާ)، ހުސެއިން ޝަރީފް - ހުސެން (މާޒިޔާ)، ހަސަން އަލީފް އިބްރާހިމް (އީގަލްސް)
ޑިފެންޑަރުން: ސަމޫހު އަލީ - ސަމުއްޓެ (މާޒިޔާ)، އަކުރަމް އަބްދުލް ގަނީ - އަކޫ (މާޒިޔާ)، އަހުމަދު ނޫމާން - ހެލްމެޓް (އީގަލްސް)، އަހުނަފް ރަޝީދު - އަހުއްކޮ (ސަސް)، މުހައްމަދު ސައިފް (ކްލަބް ގްރީން ސްޓްރީޓްސް)، ހަސަން ޝިފާޒް - ޑުންގާ (މާޒިޔާ)، ހުސެއިން ޝިފާއު ޔޫސުފް - ކުރޯ (އީގަލްސް)، ހައިޝަމް ހަސަން - ބިޑި (މާޒިޔާ)
މިޑްފީލްޑަރުން: ހުސެއިން ނިހާން - ނިހާޓް (މާޒިޔާ)، ހަސަން ސުފްޔާން - ސޫފީ (ވެލެންސިއާ)، މުހައްމަދު އިރުފާން - އިރޭ (މާޒިޔާ)، އަހުމަދު ހަސަން - އައްމަޑޭ (އީގަލްސް)، ހަމްޒާ މުހައްމަދު - ހަމްޕު (މާޒިޔާ)، އަހުމަދު ބައްސާމް - ބައްކު (ޔުނައިޓެޑް ވިކްޓަރީ)، އިބްރާހިމް ވަހީދު ހަސަން - އިއްބެ (މާޒިޔާ)، ނިޝާމް މުހައްމަދު ރަޝީދު - ޕޮގްބާ (ޓީސީ)
ފޯވާޑުން: އަހުމަދު ރިޒްވާން - ރިޒޭ (އީގަލްސް)، ހަސަން ރާއިފް އަހުމަދު - ހަންނަ (އީގަލްސް)، އަބްދުﷲ ޔާމީން - ޔާނު (ވެލެންސިއާ)، އިބްރާހިމް މަހުދީ - ފޭދޫ އިއްބެ (މާޒިޔާ)












