ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މައިކަލް ޖޯޑަންގެ ޖާޒީއެއް ނީލަމުގައި 10.1 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
މިއީ 1998 ވަނަ އަހަރުގެ އެންބީއޭ ފައިނަލްސްގެ ފުރަތަމަ މެޗުގައި އޭނާ ބޭނުންކުރި ޖާޒީ އެވެ. ޗިކާގޯގެ ނީލަން ފިހާރައަކުން މި ޖާޒީ ނީލަމަށް ހުޅުވާލުމުން 20 ބިޑު ލިބިފައި ވެއެވެ.
މިއާއެކު ޖޯޑަންގެ ޖާޒީ ވެގެންގޮސްފައި ވަނީ ދުނިޔޭގެ ތާރީހުގައި ވެސް މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ޖާޒީއަށެވެ. މީގެކުރިން ޑިއޭގޯ މެރަޑޯނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރި ޖާޒީ 9.28 މިލިއަން ޑޮލަރަށް ވިކިފައި ވެއެވެ.
ޖޯޑަންގެ މުޅި ކެރިއަރުގައި ވެސް އޭނާ ކުޅުނީ ޗިކާގޯ ބުލްސްއަށެވެ. އޭނާ ވެގެންގޮސްފައި ވަނީ އެންބީއޭގެ މަގުބޫލުކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔަ މައިގަނޑު އެއް ސަބަބަށެވެ.
ޖޯޑަންގެ މި ޖާޒީގައި 1998 ގެ އެންބީއޭ ފައިނަލްސްއަށް އޭނާ ނުކުތީ ޔޫޓާ ޖޭޒްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ޖޭޒް އަތުން ބަލިވުމަށް ފަހު ޖެހިގެން އައި ތިން މެޗު ބުލްސްއިން ކާމިޔާބުކުރި އެވެ. އަަދި، ފަސްވަނަ މެޗު ކާމިޔާބުކުރީ ޖޭޒް އިންނެވެ.

ޖޯޑަންގެ ސީނިއާ ކެރިއަރުގެ ފުރަތަމަ އަހަރު ކަމަށްވާ 1984 ވަނަ އަހަރު ބޭނުންކުރި ބޫޓެއް ވެސް 1.47 މިލިއަން ޑޮލަރަށް މިދިޔަ އަހަރު ވިއްކާލާފައި ވެއެވެ.
ހަވަނަ މެޗުގައި ބާކީ 5.2 ސިކުންތު އޮއްވައި ޖޯޑަން ވަނީ ބުލްސްއަށް ލީޑު ނަގައިދީފަ އެވެ. އޭނާ ކާމިޔާބުކުރި މި ޕޮއިންޓަކީ ބުލްސްއަށް ޗެމްޕިއަންކަން ކަށަވަރުވި މަޝްހޫރު ޕޮއިންޓެކެވެ.
އެއީ 1990 ގައި ބާސްކެޓުގެ ރަސްކަން ކުރި ބުލްސްއިން ކާމިޔާބުކުރި ހަވަނަ ތައްޓެވެ. ހުރިހާ އަހަރެއްގެ ޗެމްޕިއަންކަން ހޯދިއިރު ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަބަދުވެސް ހޯދީ ޖޯޑަން އެވެ. އޭނާ އަކީ އެންބީއޭގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ބިލިއަނަރުވެސްމެ އެވެ.
އެންބީއޭގެ ޗެމްޕިއަންކަން ދެ ފަހަރަށް މިލްކުކުރި ހަމައެކަނި ޓީމަކީ ބުލްސް އެވެ. ޖޯޑަން ބާސްކެޓު ކުޅުން ދެވަނަ ފަހަރަށް ހުއްޓާލީ 2003 ގަ އެވެ. އޭގެ ކުރިން 1993 ގައި ވެސް އޭނާ ހުއްޓާލި އެވެ.









