ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސޭލްސް އެންޑް ރިޒަވޭޝަން ކައުންޓަރެއް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުޅުވައިފި އެވެ.
މި ކައުންޓަރު ހުޅުވާފައި ވަނީ ޑާކާގެ ފައިނޭންޝިއަލް ހަބްގެ ގޮތުގައި މަޝްހޫރުވެފައިވާ މޮޓިހިލްގެ ދިލްކުޝާގަ އެވެ.
މި ކައުންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އެވެ. އޭނާގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގަތެވެ.
މިއީ ދެ ގައުމުގެ މެދުގައި ދަތުރުފަތުރުކުން ކުރިއަށްވުރެ އިތުރުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި، މޮޓިހިލް ސަރަހައްދުގައި ދިރިއުޅޭ މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަކޮށް މިހާރު އެ ކުންފުނީގެ ހިދުމަތްތައް ލިބިގެންދާނެ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ މޯލްޑިވިއަންގެ އޮފީހެއް ވެސް ޑާކާގައި ހުޅުވާފަ އެވެ.
މިވަގުތު މާލެއިން ޑާކާއަށް ވަންވޭ ޓިކެޓެއް މޯލްޑިވިއަނުން ވިއްކަނީ 225 ޑޮލަރަށެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް އޮވެ އެވެ.








