މަޖިލީހަށް ނުގޮސް ބައިތުލްމާލުން މުސާރަ ނެގުން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މި ފަހަކަށް އައިސް ޖަލުސާތަކުގެ ހާޒިރީ ދަށްވެފައިވާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. --ފޮޓޯ: ރައްޔިތުންގެ މަޖިލީޙުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: މި ފަހަކަށް އައިސް ޖަލުސާތަކުގެ ހާޒިރީ ދަށްވެފައިވާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. --ފޮޓޯ: ރައްޔިތުންގެ މަޖިލީޙުގެ އިދާރާ

ދައުލަތް ރޭވިފައިވާ ގޮތަށް ބަލާއިރު، ދައުލަތުގެ މި އޮންނަނީ މައިގަނޑު ތިން ބާރެވެ. ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލުއިންސާފު ގާއިމުކުރުމުގެ ބާރެވެ. މި އެއް ބާރު އަނެއް ބާރަށް ގުޅިލާމެހިފައި އޮންނަ ގޮތުގެ މަތީން މި ޒަމާނުގެ ދައުލަތްތައް ބައްޓަން ކޮށްފައި އޮންނައިރު، އެއް ބާރު އަނެއް ބާރަށްވުރެ ވަކި ގަދައެއް ވެސް ނުވެއެވެ. މޮޅެއް ވެސް ނުވެ އެވެ. އެއް ބާރަކަށް އަނެއް ދެ ބާރުގެ ބައިވެރިވުމާ ނުލައި ދައުލަތް ހިންގޭނެ ގޮތެއް ވެސް ނޯވެ އެވެ. ކަންމިހެން އޮތުމާއެކު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ކެބިނެޓްގެ ޒިންމާ އާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ޒިންމާއާ އަދި މަޖިލިސް މެންބަރުންގެ ޒިންމާއާ އަޅާބަލާއިރު، އެއް ޒިންމާއަށްވުރެ އަނެއް ޒިންމާ ކުޑަވެފައި ބޮޑުވާނެ ގޮތެއް ނެތެވެ.

ހިޔާލަށް ގެންނަވާށެވެ! ސަރުކާރުގެ ކެބިނެޓުން ދެބައިކުޅަ އެއްބައި ސަލާމުގައި ތިބެއްޖެއްޔާ ސަރުކާރު ހިނގަމުންދާނެ ގޮތެވެ. ތަންފީޒީ ބާރު ވާގިނެތިފައި އޮންނާނެ މިންވަރެވެ. ކެބިނެޓުން މީހަކު ސަލާމެއް ނުބުނެ ހަމަޔަށް ތިއްބަވައިގެން ސަރުކާރު ހިންގަވާއިރުވެސް އިވޭ ޝަކުވާގެ ގިނަކަމަށް ބެލީމާ އެކަން ކިހާ ސާފު ހެއްޔެވެ؟ ފަނޑިޔާރުގެއިން ބޮޑު ބައެއް ސަލާމުގައި ތިބީމާ، އަދުލު އިންސާފު ގެއްލޭނެ މިންވަރާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ އެވެ. ފަނޑިޔާރުންނާމެދު ކިތަންމެ ޝަކުވާއެއް އޮތަސް ހާޒިރީއާ ގުޅޭ ގޮތުން ޝަކުވާއެއް އިވެނީ މަދު ފަހަރަކު އެވެ. އެހެންވީމާ މަޖިލީހުގެ ބޮޑު ބައި ސަލާމުގައި ތިބުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހުރިނެތް ގޮތް ބަލާއިރު، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު މުސާރައަކާއި އިނާޔަތެއް ދެވޭ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާނެކަމާމެދަކު ޝައްކެތް ނެތެވެ. ޖުމުލަ 87 ދިވެއްސަކު މިދެންނެވުނު މުސާރަ އާއި އިނާޔަތްތައް އެބަ ނަންގަވައެވެ. މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް އެކަން ހަމަޖެހިފައި އޮންނަނީ އެބައި މީހުންގެ ކޮނޑުގައި އެޅުވިފައި އޮންނަ ޒިންމާތަކުގެ ބޮޑުކަމުންނެވެ. މައިގަނޑު މަސައްކަތަކީ މުޅި ދައުލަތް އެ މައްޗަށް ބިނާވެފައި އޮންނަ ގާނޫނީ އޮނިގަނޑު އޭގެ ގޮތުގައި ނެގެހެއްޓުމެވެ. އިހު ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ގާނޫނުތަކަށް ބަދަލުގެންނަ ފަދައިން އަލަށް އުފެދޭ ކޮންމެ ކަމެއް ހައްލުކުރުމަށް އޭގެ ވަގުތުގައި އައު ގާނޫނީ އުސޫލުތައް އެކަށައަޅައި ބިލުތައް ފާސްކުރުމެވެ. އާދޭހެވެ! ކުޑަކަމެއް ނޫނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިނގާ ގޮތަށް ބަލާލާނަމެވެ. ގިނަ ބިލުތަކަކީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ ޑްރާފްޓްކުރީމާ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކެކެވެ. ބިލު ހުށަހަޅާއިރު، ބިލުގައި އޮތް މައްސަލައެއް ނަމަ އެ މައްސަލަ އޮއްވައި ބިލު ފާސްވެ ނިމިގެންދާކަމަށް ގާނޫނީ ދާއިރާގެ ފުންނާބު އުސް އެތައް ވަކީލުންނެއް ފާޅުގައި އެދަނީ ވިދާޅުވަމުންނެވެ. ރާއްޖޭގައި ހެދެމުންދާ ގާނޫނުތައް ގިނަކަމާއެކުވެސް އެކި ކަންކަމުގައި ގާނޫނުތައް ފުށުއެރުމުން ނުކުންނަ މައްސަލަތަކާއި ގާނޫނީ ބާގަނޑުތައް ހެދެމުންދާކަމުގެ ޝަކުވާ ގާނޫނީ ވަކީލުން ކުރައްވަމުން ދާއިރު، އެކަމަކީ އޭގެ ފުރިހަމަ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަންގަވަންޖެހޭ ކަމެކެވެ.

ކޮންމެއަކަސް މިދެންނެވުނު ގާނޫނީ ފަންނީ ކޮމެންޓްތަކާ ގުޅިގެން އަޅުގަނޑަށް އެއްޗެއް ދަންނަވާކަށް ނޭނގެއެވެ. އަޅުގަނޑަކީ އެދާއިރާގެ މީހަކަށް ނުވާތީއެވެ. އެކަމަކު އަޅުގަނޑަށް ގައިމުވާ އެއް ކަމެއް އެބަ އޮތެވެ. ކިތަންމެ މޮޅު ކިތަންމެ ހަރުދަނާ ކިތަންމެ ވިސްނުން ރަނގަޅު ބޭފުޅަކަށް ވިޔަސް މަޖިލިހަށް ހާޒިރުނުވެ މަޖިލީހުގެ ޒިންމާތައް އަދާކުރެވޭނެ ގޮތެއް ނޯންނާނެ ކަމެވެ. ވަޒީފާތަކަކީ އަމާނާތެކެވެ. އެ އަމާނާތްތަކުގެ ހައްގުވެރިންނަކީ ރައްޔިތުންނެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބޭ މަޖިލިސް މެންބަރުންނާ މަތިކުރެވޭ އަމާނާތަކީ އޭގެ ޒިންމާ ވަކީން ބޮޑު އަމާނާތެކެވެ.

އަންނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ އަންގަވައެވެ؛ ހަމަކަށަވަރުން އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމްކުރާނަމަ، އަދުލަށް ހުކުމްކުރުމަށްވެސް އަމުރު ކުރައްވައެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޒުއިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

އަދި އަންފާލް ސޫރަތުގެ 27 ވަނަ އާޔަތުގައި އަންގަވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ހިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ހިޔާނާތްތެރި ނުވާށެވެ!"

މިމައުލޫގައި އެއްޗެއް ބުނާއިރު، ދައުލަތް ހިންގުމުގައި، އެންމެ ބުރަކޮށް އެންމެ ހީވާގިކޮށް މަސައްކަތްކުރާ ދައުލަތުގެ އާންމު މުވައްޒަފެއް ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފެއް ނަމަ އަމަލުކުރެވޭ ގޮތާމެދު ވިސްނާލުމަކީ ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ދައުލަތުގެ ގިނަ އިދާރާތަކުގެ މުވައްޒަފުންނަށް މުސާރައާއެކު ލިބެނީ އެންމެ 30 ދުވަހުގެ ޗުއްޓީއެކެވެ. އަދި ސަލާމުގައި އެއް ދުވަހަށްވުރެ ގިނަ ވީމާ، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހެ އެވެ. ހަމަޖެހިފައި އޮންނަ އުސޫލަކުން އިތުރު ބައެއް ޗުއްޓީތައް ހަމަޖެހިފައި ހުއްޓަސް މާ ދިގު މުއްދަތުތަކެއް ހަމަޖެހިފައެއް ނުހުރެ އެވެ. ހުންނާކަށް ނުވެސް ޖެހެ އެވެ. ގަޑިޖެހޭ ވަގުތުކޮޅަކާއެކު މުސާރައިގެ ބޮޑު ބަޔަކުން އުނިކުރެވެ އެވެ. އެކަން އޮންނަންވީ ވެސް އެހެންނެވެ. ބަލިވެގެން ކަމަށް ބުނެގެންވެސް މިދެންނެވުނު ދެ އުސޫލުން ބޭރުން އޮފީހަށް ނައިސް މަޑުކޮށްލައިފިނަމަ ލިބޭނީ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެވެ.

އެކަމަކު މަޖިލިސް މެންބަރުންނާމެދު އައްސަވާށެވެ! މުސާރައިގެ ގޮތުގައި މަހަކު 82،000ރ. އެވެ. މީގެ އިތުރުން، އާސިޔާންގެ ހުރިހާ ގައުމަކުން ހިލޭ ބޭސްފަރުވާކުރުމުގެ އިނާޔަތެވެ. އަދި މި އިނާޔަތުގައި އާއިލާ ވެސް ހިމެނެއެވެ. އަމިއްލަ ދާއިރާއަށް އަހަރަކު ދެ ފަހަރު ދިއުމަށްދާ ހަރަދު ކޮންމެ މެންބަރަކަށް ދެވެ އެވެ. މަޖިލިހަށް ދާ ކޮންމެ ދުވަހަކު ހެނދުނު ސަޔާއި މެންދުރު ކެއުން ވެސް މަޖިލީހުގެ ހަރަދުގަ އެވެ.

މި ހުރިހާ ތަފާތު އިނާޔަތްތަކާއި ބޮޑު އަދަދުގެ މުސާރައާއެކު މަޖިލީހަށް ގަޑިޖެހިގެން ދިޔަސް މުސާރައިން އުންޏެއް ނުވެ އެވެ. ދާ ދުވަހަކު މަޖިލީހަށް ދާންވީ އެވެ. ނުދާން ހިތަށް އެރީމާ ނުދާންވީ އެވެ. ހަމަ އެއްގޮތަކަށް ނުގޮސް އަހަރު ދެ އަހަރުވެސް ތިބެންވީ އެވެ. މުސާރަ ނަންގަވަނީ ރައްޔިތުންގެ ބައިތުލްމާލުންނެވެ.

ކުރިންވެސް ދެންނެވިހެން މުސާރާ އާއި އިނާޔަތުގެ މިހާ ބޮޑު ތަފާތު ގާއިމު ކުރެވުނީ ޒިންމާގެ ބޮޑު ކަމަށް ބަލައިގެންނެވެ. އެކަމަކު މަޖިލީހުގެ ތިންބައިކުޅަ ދެބައި މަޖިލީހަށް ހާޒިރުނުވުމަކީ ބޮޑުވެގެންވާ އަމާނާތްތެރިކަމެއްގެ ގޮތުގައި ސިފަކުރާނީ ކިހިނެއްތޯ އެވެ؟ އަދި ހާޒިރުވާ ދުވަހަކު ވެސް އެތަނަކީ އެއްބަޔަކު އަނެއް ބަޔެއްގެ އަބުރާ ބެހި ކަމާ ނުގުޅޭ ބޭކާރު ވާހަކަތައް ދައްކަން އޮތް ތަނަކަށް ހެދުމުން އެއީ އެބޮޑު ޒިންމާ އަދާކުރެވުނީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުންނަށް ހީވާ ހީވުމަކީ، ވަރަށް ވެސް ޒިންމާދާރު ގޮތެއްކަމުގައި ބުނެވޭނީ އިންސާފުވެރި ކޮން ދުލަކަށް ހެއްޔެވެ؟

ދައުލަތުގެ ބަޖެޓަކީ އިސްލާމީ ބަހުރުވައިގައިނަމަ ހުރިހާ މުސްލިމުންގެ މުދާ ފައިސާ އެތަނުގައި ހުރި ގެއެވެ. އާދޭހެވެ! ދައުލަތުގެ ބަޖެޓުގައި ހުންނަނީ ރައްޔިތުންގެ ފައިސާ އެވެ. އެ ފައިސާއިން ބޮޑެތި އަދަދުތަކުން މުސާރަ ނަންގަވާފައި އަދި އެ ބަޖެޓާ ޖާމިނުކޮށް އެތައް އިނާޔަތެއް ނަންގަވާފައި ވަޒީފާއަށް ނުނުކުމެ ގޭގައި އޮތުމަކީ އެއްވެސް ގޮތަކަށް ބަލައިގެނެވިގެންވާނެ ކަމެއް ނޫނެވެ. އަދި ހަމަ އެޔާއެކު ހަމަޔަށް މުސާރަ އާއި އިނާޔަތްތައް ލިބިގަންނަމުންދިއުމަކީ ކަނޑައެޅިގެން ހުރި ހިޔާނާތެވެ.

ބައިތުލްމާލުން ކުރެވޭ ހަރަދުތަކުގައި ހައްގަކާ ނުލައި އެއްޗެއް ލިބިގަތުމަކީ އާންމު އާދައިގެ ކަމެއް ނޫނެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "ހައްގަކާ ނުލައި ބާތިލު ގޮތުގައި ﷲ ގެ މުދަލުން ބޭނުންކުރާ ބަޔަކު މީސްތަކުންގެ ތެރޭގައި ހަމަކަށަވަރުންވެ އެވެ. ފަހެ ގިޔާމަތް ދުވަހުން އެބަޔަކަށް ހުރީ ނަރަކަ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox