ބާސެލޯނާ (ސެޕްޓެމްބަރު 15) - ބާސެލޯނާގެ ހުނަރުވެރި މިޑްފީލްޑަރު، ޕަބްލޯ ގަވީރިއާ (ގަވީ)ގެ އާ ކޮންޓްރެކްޓްގައި އޭނާގެ ރިލީސް ކްލޯސް (ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ)ގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހަމަޖައްސައިފި އެވެ.
އުމުރުން 18 އަހަރުގެ ގަވީ، މިދިޔަ އަަހަރުގެ އޮގަސްޓްގެ ފަހުން ގަވާއިދުން ބާސެލޯނާ ޓީމާއި ސްޕެއިން ގައުމީ ޓީމަށް ކުޅެމުން އަންނައިރު، ގިނަ ޓީމުތަކެއްގެ ލޯ އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. ގަވީ، އެންމެ ފަހުން ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަަހުގެ ނިޔަލަށެވެ.
ބާސެލޯނާ އިން ގަވީ އަށް އާ ކޮންޓްރެކްޓެއް ދިނީ ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު، އޭނާ ބޭނުންވާ ކަންކަން ވެސް ހިމަނައިގެންނެވެ. ގަވީ، ބާސެލޯނާގެ ކޮންޓްރެކްޓް އާކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާގެ މެޗެއްގެ ތެރެއިން ގަވީ ބޯޅަ ފޮނުވާލަނީ.---
ގަވީ އަކީ ކޮންޓްރެކްޓްގައި ރިލީ ކްލޯސްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހިމަނާފައިވާ ބާސެލޯނާގެ ހަތް ވަނަ ކުޅުންތެރިޔާ އެވެ. ބާސެލޯނާ އިން ވަނީ ޕެޑްރީ ގޮންޒާލޭޒް، އަންސޫ ފާޓީ، ފެރާން ޓޮރޭޒް، ރަފީނިއާ، ޖޫލްސް ކޫންޑޭ އަދި ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހަމަޖައްސައިފަ އެވެ.
ބާސެލޯނާ އިން ކުޅުންތެރިންގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ އެއް ބިލިއަން ޑޮލަރަށް ބޮޑުކުރީ 2017 ވަނަ އަހަރު ޕީއެސްޖީން 222 މިލިއަން ޔޫރޯ ދީފައި ނޭމާގެ ކޮންޓްރެކްޓް ގަތް ހިސާބުންނެވެ.
މި ފަހަރު ބާސެލޯނާ އިން ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފައިވާ ގަވީ އަކީ އެ ކްލަބްގެ ތާރީހުގައި މެޗެއްގައި ފެނިގެންދިޔަ ހަތަރު ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ގަވީ ފުރަތަމަ ބާސެލޯނާ އަށް މެޗެއް ކުޅެދިންއިރު، އުމުރަކީ 17 އަހަރާއި 24 ދުވަހެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެލްޗޭ ކޮޅަށް ގަވީ ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ ބާސެލޯނާގެ ތާރީހުގައި އެ ކްލަބަށް ގޯލެއް ޖަހައިދިން ތިން ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
ސްޕެއިން ގައުމީ ޓީމަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް ގަވީ އަތުގަ އެވެ. މިދިޔަ ޖޫން މަހު ޗެކް ރިޕަބްލިކް ކޮޅަށް ސްޕެއިންގެ ގޯލެއް ޖަހައިދިން ގަވީގެ އޭރު އުމުރަކީ 17 އަހަރާއި 304 ދުވަހެވެ.












