މެޑްރިޑް (ސެޕްޓެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީން ކުޅުނު މެޗުތަކުން މޮޅުވިއިރު، ޔުވެންޓަސް އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.
ރެއާލުން ވަނީ މެޗުގެ ފަހު ވަގުތު 2-0 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ. ޕީއެސްޖީން ފަހަތުން އަރައި 3-1 އިން އިޒްރޭލުގެ މެކަބީ ހައިފާ އަތުން މޮޅުވިއިރު، ޔުވެންޓަސް ދަނޑުގައި އެ ޓީމު އަތުން ބެންފީކާ ކުރިހޯދީ 2-1 އިންނެވެ.
އިޒްރޭލުގެ މެކަބީ ހައިފާ އިން މިރޭ އަމިއްލަ ދަނޑުގައި 24 ވަނަ މިނިޓްގައި ޖާރޯން ޗެެރީ ބޮލުން ޖެހި ގޯލުން ލީޑުނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އަށް މެކަބީ ހައިފާ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އެއްވަރުކޮށްދިނީ ލިއޮނަލް މެސީ އެވެ.

މެކަބީ ހައިފާ ކޮޅަށް ޕީއެސްޖީގެ ގޯލު ޖަހައިދިނުމަށް ފަހު މެސީ އުފާފާޅުކުރަނީ: މެސީއާ ބައްދަލުކުރަން މިރޭގެ މެޗުގެ ތެރެއިން ސަޕޯޓަރަކު ވަނީ ދަނޑަށް އަރާފައި.--- ފޮޓޯ: އޭއެފްޕީ
މި ގޯލާ އެކު މެސީ ވަނީ ޖެހިޖެހިގެން 18 ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ގޯލު ޖެހުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ތަފާތު 39 ޓީމެއް ކޮޅަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ކުރިން އެ ރެކޯޑް އޮތީ ތަފާތު 38 ޓީމު ކޮޅަށް ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ.
ޕީއެސްޖީން ފަަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 69 ވަަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ މެސީ ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މާކޯ ވެރާޓީ ދިން ޕާހަކުން ނޭމާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ޕީއެސްޖީ އަތުން ފުރަތަމަ މެޗުން ބަލިވި ޔުވެންޓަސް މިރޭ އަމިއްލަ ދަނޑުގައި ބެންފީކާ ކޮޅަށް ލީޑުނެގި އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ޔުވެންޓަސްގެ ޕޮލެންޑް ފޯވާޑް، އާކަންޑިއުޒް މިލިކް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ބެންފީކާ އިން ނަތީޖާ އަނބުރާލީ އެވެ. ބެންފީކާ އިން އެއްވަރުކުރީ ޔާއޯ މާރިއޯގެ ޕެނަލްޓީންނެވެ. ބެންފީކާ މޮޅުވި ގޯލު ޖެހީ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ވިންގް، ޑޭވިޑް ނެރެސް އެވެ. މި މެޗުން ބަލިވުމުން ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

ލައިޕްޒިގުގެ ޔޫސެފް ޕޯލްސަން (ވ) ކައިރިން ރެއާލްގެ ވަލްވޭޑޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ
ރެއާލުން އަމިއްލަ ދަނޑުގައި ލައިޕްޒިގު ކޮޅަށް ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މުޅި މެޗަށް ބަލާއިރު ލައިޕްޒިގު ބަލިވި ނަމަވެސް އެ ޓީމުން ކުރި މަސައްކަތް ފާހަގަކުރަން ޖެހެ އެވެ.
ރެއާލަށް ފުރަތަމަ ގޯލު ޖެހުނީ ވެސް މެޗުގެ 80 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި، އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އެެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ (ވިނީ) ދިން ބޯޅަ އޭރިއާތެރެއަށް ކޮންޓްރޯލް ކޮށްލުމަށް ފަހު ވަލްވޭޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.
މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ޓޯނީ ކްރޫސް ދިން ބޯޅައަކުން މާކޯ އަސެންސިއޯ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ބަދަލަކަށް ކުޅެން ނޭރުވުމުން ބެންޗުގައި އިނދެ، ހިތްހަމަނުޖެހުން ފާޅުކުރި އަސެންސިއޯ މިރޭ ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ބަދަލަކަށް ކުޅެން އަރަ އެވެ. ހިލޭ ޖެހުމަކުން ކްރޫސް ތިރިން ދިން ބޯޅަ އަސެންސިއޯ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.












