ލަންޑަން (ސެޕްޓެމްބަރު 14) - އެމެރިކާގެ ބޮޑެތި ކުޅިވަރުތަކުގައި އޯލް ސްޓާ ގޭމް (ތަރިންގެ މެޗެއް) ކުޅޭ ގޮތަށް، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް އޯލް ސްޓާ ގޭމެއް ކުޅެން ބޭނުންވާ ކަމަށް ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީ ބުނެފި އެވެ.
އެމެރިކާ އަށް ނިސްބަތްވާ ބޯލީ އަކީ ޗެލްސީގެ މެޖޯރިޓީ ހިއްސާދާރުގެ އިތުރުން، އެމެރިކާގެ މަޝްހޫރު ބޭސްބޯލް ޓީމު ލޮސް އެންޖެލްސް ޑޮޖާސް އަދި ބާސްކެޓްބޯޅަ ޓީމު ލޮސް އެންޖެލްސް ލޭކާސްގެ ހިއްސާދާރެކެވެ.
އެމެރިކާގައި ބޭސްބޯލް އަދި ބާސްކެޓްބޯޅައިގައި ވެސް ކޮންމެ އަހަރަކު ވެސް އޯލް ސްޓާ މެޗެއް ކުޅެ އެވެ. މި މެޗުގައި ކުޅެނީ ކޮންފަރެންސްތަކުގެ އެންމެ މޮޅެތި ކުޅުންތެރިންނެވެ.
ބޯލީ ބުނީ އޯލް ސްޓާ މެޗެއް ކުޅުމުގެ ހިޔާލު ޕްރިމިއާ ލީގާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މެޗުން ލިބޭ ފައިސާ އަކީ އިނގިރޭސި ފުޓްބޯޅަ ޕިރަމިޑްގެ ދަށުގައި އޮތް ލީގުތައް ކުރިއެރުވުމަށް ދެވޭނެ ފައިސާ އަށް ހެދިދާނެ ކަމަށެވެ.
"ފުޓްބޯޅައިގައި އެކި ލެވެލްތަކަށް އިތުރަށް ފައިސާ ބޭނުންވާ ވާހަކަ އެންމެން މި ދައްކަނީ. މި އަހަރު އެމްއެލްބީ (މޭޖާ ލީގު ބޭސްބޯލް)ގެ އޯލް ސްޓާ މެޗުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު،" ނިއު ޔޯކްގައި އޮތް ލީޑާސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ބޯލީ ބުންޏެވެ.
"އަހަރަމެން ހިޔާލުކޮށްފައި އޮތީ ޕްރިމިއާ ލީގުގައި ނޯތު އަދި ސައުތުގެ ޓީމުތަކެއް އެކުލަވާލައި، އޯލް ސްޓާ މެޗެއް ކުޅޭ ގޮތަށް."
މި ކޮންފަރެންސްގެ ތެރޭގައި ބޯލީ ވަނީ ޗެލްސީގެ ކޯޗުކަމުން ޖަރުމަންގެ ތޯމަސް ޓުޗެލް ވަކިކުރަން ނިންމި ސަބަތުތަކާ މެދު ވެސް ވާހަކަދައްކައިފަ އެވެ. ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކުރީ ޗެމްޕިއަންސް ލީގުގައި ކްރޮއޭޝިއާގެ ޗެމްޕިއަން، ޑިނަމޯ ޒަގްރެބް އަތުން ރަށުން ބޭރުގައި 1-0 އިން ބަލިވި މެޗަށް ފަހު އެވެ. ޓުޗެލް ވަކިކޮށް، ޗެލްސީގެ ކޯޗަކަށް ހަމަޖެއްސީ ބްރައިޓަންގެ ކޯޗަކަށް ހުރި ގްރަހަމް ޕޮޓާ އެވެ.
ބޯލީ ބުނީ ޓުޗެލް މަގާމުން ވަކިކުރީ ޒަގްރެބް އަތުން ބަލިވުމަކުން ނޫން ކަމަށެވެ. އެކަމަކު، މިހާރު ޗެލްސީއާ ހަވާލުވެ އޮތް މެނޭޖްމަންޓްގެ ތަސައްވުރާ އެއްގޮތަށް، މެނޭޖްމަންޓާ ގުޅިގެން މަސައްކަތް ކުރާނެ ކޯޗެއް ހުރުން މުހިންމުވާތީ ކަމަށެވެ.
"މިއީ ޒަގްރެބް އަތުން ބަލިވުމުން އެޅި ފިޔަވަޅެއް ނޫން. އެކަމަކު އަހަރަމެން ބޭނުންވީ އަހަރެމެންގެ ވިޝަންއާ އެއްގޮތަށް، އަހަރެމެންގެ ހިޔާލާއި ލަފަޔާއެކު، ވަރަށް ގުޅިގެން މަސައްކަތްކުރާނެ ކޯޗެއް،" ބޯލީ ބުންޏެވެ.
"ޓުޗެލް އަކީ މޮޅު ކޯޗެއް. ޗެލްސީ އަށް ވަރަށް ގިނަ ކާމިޔާބީތަކެއް އޭނާ ހޯދައިދިން. އެންމެ މެޗެއްގެ ނަތީޖާއަކުން ނެގި ޑެސިޝަނެއް ނޫން މިއީ. މިއީ ކްލަބުގެ ވިޝަން އަށް އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލްކުރެވޭތީ ނެގި ޑެސިޝަނެއް."
ޕޮޓާގެ ކޯޗުކަމުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މިރޭ ޗެމްޕިއަންސް ލީގުގައި ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ކުޅޭ މެޗެވެ.












