ފުޓްބޯޅައިގައި ގިނަ ފަހަރު ކަން ހިނގާ ގޮތަށް ބަލާއިރު، ބަލިވެއްޖެނަމަ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަނީ ކީޕަރަށެވެ. އެއްވަރު ނޫނީ މޮޅުވެއްޖެނަމަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ތައުރީފުކުރާއިރު، މަދު ފަހަރަކު ނޫނީ ގޯލްކީޕަރު މަތިން ހަނދާން ވެސް ނުހުރެ އެވެ. އެހެން ކަމުން ފުޓްބޯޅައިގައި ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދެވި އޮންނަ، އެންމެ ޒިންމާ ބޮޑު އެއް މަގާމަކީ ޔަގީނުން ވެސް ގޯލުކީޕަރުގެ މަގާމެވެ.
ކުޅިވަރުގައި ވިޔަސް ޑިވެލޮޕްމަންޓްގެ އެންމެ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރެވޭނީ އެކި ހަރުފަތްތައް ގިރާކޮށްގެން، ކަންކަން ދަސްކޮށްގެންނެވެ. އެ ބީދައިން ބަލާއިރު، ސީނިއާ ގައުމީ ޓީމެއް ރަނގަޅަށް އެކުލަވާލާނަމަ، ކުރަން ޖެހޭނެ އެންމެ ބޮޑު ކަމަކީ ޔޫތު ލެވަލުން ފެށިގެން ކުުޅުންތެރިންގެ ޑިވެލޮޕްމަންޓްގެ ކަންކަން ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ކަން ހިނގާގޮތް އިންސާފުގެ މަގުން މިނެކިރުމެވެ. ބަރާބަރަށް ކަންކަން ބަލައި، ރަނގަޅުކުރަން ޖެހޭ ކަންކަމަށް ފޯކަސްކޮށް މަސައްކަތް ކުރުމެވެ.
މި ފަދަ ވިސްނުމަކުން ކަންކަން ކުރާއިރު، ގޯލްކީޕަރުން ފަދަ މުހިންމު މަގާމެއްގައި ވެސް އެކަށީގެންވާ ވަރަށް ކުޅުންތެރިންނަށް ދޭން ޖެހޭ އަޅާލުމާއި ފޯކަސް ދިނުން މުހިންމެވެ.
މިދިޔަ ތިން މަހެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން މިހާރު ކުރިމަތިލަމުން އަންނަނީ ދެ ވަނަ މުބާރާތަށެވެ. ފުރަތަމަ މުބާރާތަކީ މިދިޔަ ޖުލައި މަހު ބޭއްވި ސާފްގެ 20 އަހަރުން ދަށުގެ މުބާރާތެވެެ. މިހާރު ވާދަކުރަމުން އަންނަނީ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގަ އެވެ. ދެ މުބާރާތުގައި މިހާރު އޮތްގޮތުން ޖުމްލަ އަށް މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން ހަ މެޗު މިހާރު ވަނީ ނިމިފަ އެވެ. އެއީ 20 އަހަރުން ދަށުގެ ސާފްގެ ހަތަރު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗެވެ.
މި މެޗުތަކުގެ ގޯލުގެ އަދަދުން ނުވަތަ މެޗުތަކުގެ ސްކޯ އަށް ބަލާނަމަ ފެންނާނީ ވަކި މަންޒަރެކެވެ. އަހަރެމެން މިހާރު އޮތް ލެވަލަށް ނަޒަރު ހިންގައި، ވާދަ މިކުރާ ހިސާބަށް ބަލާއިރު، ކުޅުންތެރިން ކުރި މަސައްކަތަށް ވެސް ކޮންމެވެސް ވަރަކަށް ބަލަން ޖެހެ އެވެ.

20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރެއިނިންއެއްގެ ތެރެއިން ކީޕަރު ޝައިހާން ބޯޅަ ހިފައިގެން.-- ފޮޓޯ: އަދަދު
ޒުވާން ގައުމީ ޓީމުގެ މިދިޔަ ހަ މެޗުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ގޯލްކީޕަރުންނަކީ ޝައިހާން އަލީ އާއި ޔޫސުފް މީސަމް އަބްދުﷲ އެވެ.
ޝައިހާން ވަނީ ސާފްގައި ތިން މެޗާއި އޭޝިއަން ކަޕްގެ ދެ މެޗުގައި ކުޅެފަ އެވެ. ޔޫސުފް ވަނީ ސާފްގެ އެއް މެޗުގައި ކުޅެފަ އެވެ. މި މެޗުތަކުގައި ޖުމްލަ އަދަދަށް ބަލާއިރު ރާއްޖެ ކޮޅަށް 28 ގޯލު ވަނީ ވަދެފަ އެވެ. ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަންނާނީ އެ ގޯލުގެ އަދަދަށެވެ. އެ ދެ ގޯލްކީޕަރު، ޕްރެކްޓިހުގައި ކުރި މަސައްކަތާއި މެޗުތަކުގައި ހުއްޓުވި ބޯޅަތައް ވެސް އެއީ ގުނައިފިނަމަ އެ ކުޅުންތެރިންނާ މެދު އެހެން ނަޒަރަކުން ވިސްނައި، ކުރިއަށް އޮތްތަނުގައި ރަނގަޅު ކުރަން ހިތްވަރު ވެސް ދެވޭނެ ކަންކަމެވެ.
"ފުރަތަަމަ މެޗުތަކުގައި ތަންކޮޅެއް ޕްރެޝަރުކޮށް ދިޔައީ އެކަމަކު މަޑުމަޑުން މެޗުތަކަށް މިހެން އަރާވަރަކަށް ރީޑް ކުރެވޭ ޓީމުތަކުގެ ކުޅުމާ އެއްޗެހި، ރީޑް ކުރެވޭތީ ސީދާ 100 ޕަސެންޓް ގެރެންޓީއާ އެއްކޮށް ނުކުންނަން ޖެހޭ ބޯޅަތަކާ އެއްޗެހި އެބަ އެނގޭ. އެ ވިން ކުރެވޭ ކޮންމެ އެއްޗަކީ ވެސް އެކްސްޕީރިއަންސެއް، ގެއްލޭ އެއްޗަކީ ދަސްވާ އެއްޗެއް،" 19 އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އަށް ކާމިޔާބުކޮށްދޭން އެހީތެރިވި ޝައިހާން ބުންޏެވެ.
ޝައިހާން މި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގުވާމީ ފަސް މެޗެއްގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އެއީ 20 އަހަރުން ދަށުގެ ސާފްގައި ބަންގްލަދޭޝާއި ނޭޕާލް އަދި ލަންކާއާ ދެކޮޅަށާއި އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ސައުދީ އަރަބިއްޔާ ކޮޅަށެވެ. އުޒްބެކިސްތާން 7-0 އިން ރާއްޖެ ބަލިކުރިއިރު، ސައުދީ އަރަބިއްޔާ އިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 11-0 އިންނެވެ.
"ފުދޭ ވަރަކަށް ބޮޑު ތަޖުރިބާއެއް އެއް މިއީ. މިއީ ވަރަށް ތަފާތު ލެވަލެއް (އޭޝިއަން ކޮލިފިކޭޝަން މިއީ). މި ކުޅޭ ޓީމުތަކުގެ ޝޮޓްތަކާއި ޝޮޓް ޕަވަރާއި ވަރަށް ރަނގަޅުކޮށް މި ހުންނަނީ. ދެން ޖަހާފައި ހުރި ގޯލުތަކުގައި މާ ބޮޑު ކަމެއް ކުރެވޭނެ ގޮތަކަށް ނޫން ގިނަ ގޯލު ވަދެފައި ހުރީ. ފިނިޝިން ވަރަށް ރަނގަޅު އެ މީހުންގެ، ކީޕަރަށް އެންމެ އުނދަގޫ ތަނަށް ޖަހާފައި މި ހުންނަނީ،" ޝައިހާން ބުންޏެވެ.
"މީގެ ޕޮޒިޓިވް ސައިޑަކީ ގިވަޕް ކުރަން އެއްވެސް ފުރުސަތެއް މިއަކު ނެތް، ކިތަންމެ ގޯލެއް ވަނަސް މީގެ އޮންނާނެ ގޮތަކީ ދެން ގޯލެއް ޖެހިޔަނުދޭން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުން، ދެން ޖެހިޔަސް މަތަކުރެވޭތޯ ބަލާނީ، މީގެއިން އެގެނީ ކުރިއަށް ދެވޭނީ ގިވަޕް ނުކޮށް މަސައްކަތް ކޮށްގެން ކަން."
ވިހި އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް ހުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި، ކުރިން ގައުމީ ޖޫނިއާ ޓީމުގައި ވެސް ހުރި ގޯލްކީޕަރު ކޯޗު މުހައްމަދު ސުވެއިދު (ސުވެޓޯ) އެވެ. ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކީޕަރު ޓްރެއިނަރަކީ ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު އެވެ.
ޒުވާން ގައުމީ ޓީމުގައި ހިމެނޭ ތިން ކީޕަރުންނަށް ބަލާއިރު، ޝައިހާންގެ އިތުރުން ދެން މި ފަހަރު މެޗެއް ކުޅެފައި ހުރީ ޔޫސުފް އެވެ. ޓީމުގައި ދެން ހިމެނޭ ތިން ވަނަ ގޯލްކީޕަރަކީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އަލީ ޝައިބާން އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ޔޫސުފް: ޔޫސުފަކީ ސީނިއާ ގައުމީ ޓީމާ އެކު ވެސް ފަރިތަކުރާ ކީޕަރެއް.--- ފޮޓޯ: އަދަދު
ޔޫސުފް ވަނީ ގައުމީ ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރުމުގެ އިތުރުން ބައެއް އެކްސިބިޝަން މެޗުތަކުގައި ގައުމީ ޓީމަށް ބަދަލަކަށް ކުޅެން ވެސް އަރައިފަ އެވެ. ޝައިހާން ބުނީ ޓީމުގައި އެއް ވަނަ ކީޕަރުގެ ވާދަވެރިކަން އޮތުމަކީ ވެސް ރަނގަޅު ކަމެއް ކަމަށާއި ޔޫސުފްގެ ކައިރިން ކަންކަން ދަސްކުރަން ވެސް ލިބޭ ކަމަށެވެ.
"ޔޫސުފްއާ އެކު ވެސް ޕްރެކްޓިސް ކުރެވޭތީ އެއްޗެހިތަކެއް ދަސްވޭ، އެއީ ޔޫސުފް ނެޝަނަލް ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރާއިރު އޭގެއިން ވެސް އޭނަ އަށް އެނގޭ އެއްޗެހި ބުނެދޭ. އެކަމުން ވެސް އެއްޗެހި ދަސްވޭ،" ޝައިހާން ބުންޏެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އެއް ވަނަ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަނިޔާވެގެން ނުކުޅެވޭތީ އެ ޓީމުން ދާދި ފަހުން ނިމުނު އެފްއޭ ކަޕްގައި ކުޅުވީ ޔޫސުފް އެވެ. ޔޫސުފް ވަނީ ޕެނަލްޓީ ޖަހައިގެން ކުއާޓާ ފައިނަލްގައި ކްލަބް އީގަލްސް އަތުން ސަސް މޮޅުކޮށްދޭން އެހީތެރިވެފަ އެވެ. އަދި ރަނގަޅު ފޯމެއްގައި ހުރެ ލީގުގައި ފުރުސަތު ލިބުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
"އަހަރެމެންނަށް ލިބިފައި އިން ވަރަށް ބޮޑު ޗާންސެއް މިއީ. މި ކަަހަލަ މޮޅެތި ޓީމުތަކާ އެކީ ކުޅެލަން ލިބުނީމަ އަސްލު ކީޕަރުންގެ ކުޅުން ވަރަށް ބޮޑަށް ފެންނާނެ. އެއީ އަހަރެމެންނަށް (ގޯލްކީޕަރުންނަށް) ކޮންސަންޓްރޭޝަން ދުއްވާލައިގެން ހުންނަން އެއްވެސް ވަގުތެއް މިއަކު ނީންނާނެ މެޗުތެރެއަކު ވެސް. ޕްރެކްޓިސް ތެރޭގައި ވެސް ފޯކަސްކޮށް މަސައްކަތް ކޮށްގެން މެޗެއްގެ ތެރޭގައި ވެސް އޭތި ދެއްކޭތޯ ބަލަން ޖެހޭނީ،" އޭޝިއަން ކޮލިފިކޭޝަންގައި ލިބިފައިވާ ފުރުސަތާ ބެހޭގޮތުން ޔޫސުފް ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔޫސުފް އަންނަނީ އެކި ފަހަރު މަތިން ގައުމީ ސީނިއާ ޓީމާ އެކު ޕްރެކްޓިސް ކުރަމުންނެވެ. ޔޫސުފް ބުނީ ސަސްގައި ލިބޭ ފުރުސަތާއި ގައުމީ ޓީމުގައި ޕްރެކްޓިސް ކޮށްގެން އެ ލިބުނު ކުރިއެރުން މި ފަހަރުގެ ކޮލިފައިންގައި ލިބޭ މެޗުތަކުގެ އަލީގައި އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަމަށެވެ.
"މި މުބާރާތް ވާނީ އެފްއޭ ކަޕްއާ ދެން ޔޫސުފް ކުޅުނު މުބާރާތްތަަކަށް އިތުރު އެކްސްޕީރިއަންސެއް. މި މެޗުތައް ކުޅެގެން ވާނެ ގެއްލުމެއް ނެތް، ކުޅުނު ހުރިހާ މެޗުތަކަށް ބަލާފައި، ދެން ވެސް އިތުރަށް ރަނގަޅުކުރެވޭނީ. އެއީ މިއީ އެންމެ އުނދަގޫ މެޗުތަކަކީ، ޔަގީނުން ވެސް ކޮޅަށް އަންނާނެ އެއްޗެހި، މިއީ ޔޫސުފްގެ ކުޅުން ދައްކަން ލިބޭ އެންމެ ރަނގަޅު ފުރުސަތަށް ވާނީ،" ޔޫސުފް ބުންޏެވެ.
ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ފުރަތަމަ ކުޅުނު އުޒްބެކިސްތާނަކީ އަންނަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ހޯސްޓްކުރާ ގައުމެވެ. ރާއްޖޭން އެންމެ ފަހުން، ކުޅުނު ސައުދީ އަރަބިއްޔާ އަކީ އެންމެ ފަހުން ބޭއްވި 20 އަހަރުން ދަށުގެ އަރަބް ކަޕް ޗެމްޕިއަން ޓީމެވެ. އަދި ޔޫތު ވޯލްޑް ކަޕްގައި ވެސް ވާދަކުރާ ޓީމެކެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ކޮންމެ ދެ ދުވަހަކުން ރާއްޖޭން މެޗެއް ކުޅެމުން އަންނައިރު، މިރޭ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު، މިރޭ ކުޅޭ ޗައިނާ މެޗަށް ރާއްޖޭބް ނެރޭ ފުރަތަމަ އެގާރަ އަށް ޒުވާން ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު، މެޗު ފަށާނީ ރާއްޖެ ގަޑިން 23:30 ގަ އެވެ.













