ދުބާއީ (ސެޕްޓެމްބަރު 14) - ބާސެލޯނާ އާއި ޔުވެންޓަސް އަށް ދާދި ފަހުން ޔޫއޭއީގެ ޝާރްޖާ އެފްސީ އަށް ބަދަލުވި ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.
އުމުރުން 32 އަހަރުގެ ޕިޔަނިޗް، ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ޝާރްޖާ އެފްސީ އަށް ބަދަލުވިއިރު، އޭނާ އަށް ބާސެލޯނާ އިން ދޭން ޖެހޭ މުސާރައިގެ ބާކީ ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ޝާރްޖާ އަށް ސޮއިކުރުމަށް ފަހު ޕިޔަނިޗް ބުނީ 2020 ވަނަ އަހަރު ބާސެލޯނާ އަށް ސޮއިކުރިއިރު، އެ ކްލަބްގެ އޭރުގެ ހާލަތު އެންމެ ރަނގަޅަށް އޮޅުންފިލިުވައިދީފައިނުވާ ކަމަށާއި މިދިޔަ އަހަރު ތަކުގައި ބާސެލޯނާގައި ހޭދަކުރީ ވަރަށް އުނދަގޫ ވަގުތުތަކެއް ކަމަށެވެ.
"އަހަރެން ހީކުރީ ބާސެލޯނާ ފަދަ ކްލަބަކަށް ސޮއިިކުރުމަކީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ ކަމަށް، އެކަމަކު، އެ ކްލަބަށް ދިޔައީމަ މި އިނގެނީ ހާލަތު އޮތްގޮތް. ކުރިން އެ މައުލޫމާތެއް ދީފައެއް ނެތް، މިދިޔަ އަހަރުތަކުގައި ގިނަ ކުޅުންތެރިން ބާސެލޯނާގައި ހޭދަކުރީ ރަނގަޅު ވަގުތެކޭ ނުބުނާނެ،" ޕިޔަނިޗް ބުންޏެވެ.
ކުރިން ރޯމާ އަށް ވެސް ކުޅެފައިވާ ޕިޔަނިޗް މިިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީގެ ބެސިކްޓާސް އަށް ވެސް ބަދަލުވި އެވެ. ޕިޔަނިޗް، މި ފަހަރުގެ ޓްރާންސްފާގައި އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކި، ޔުވެންޓަސް ޓީމަށް އަލުން ދާން އުޅޭ ކަމަށް ވެސް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ޔުވެންޓަސްގެ ބޯޑު މެމްބަރުންގެ މެޖޯރިޓީ ތާއީދުކުރީ ޕިޔަނިޗް ނުގެންނަން ކަމަށްވާތީ އެ ޑީލް ނުހިނގަ އެވެ.
"މި ސީޒަނުގައި ޔުވެންޓަސް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވޭ. އަހަރެންގެ ނަޒަރުގައި ޔުވެންޓަސްގެ އެ ފާޑުކިޔުންތަކުގެ ޒިންމާ ނަގަން ޖެހޭ ހަމައެކަނި ފަރާތަކީ ކޯޗު (މެސިމޯ އަލެގްރީ) އެއް ނޫން. މީގެ ކުޅުންތެރިން ވެސް ޒިންމާ ނަގަންޖެހޭ ފަހަރު އަންނާނެ،" ޕިޔަނިޗް ބުންޏެވެ.
ޔޫރަޕްގައި އޭނާ އަށް ތިން ގައުމެއްގެ ފުޓްބޯޅައިގެ ކަންކަން ދަސްވެފައި ހުރުމަކީ ޝާރްޖާއާ އެކު ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ޕިޔަނިޗް ގަބޫލުކުރެ އެވެ. އޭނާ ޝާރްޖާ އަށް ސޮއިކުރީ ބޮޑު މުސާރަ ލިބޭ ގޮތަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.












