ޓްވިޓާއަކީ ރައްކާތެރި ޕްލެޓްފޯމެއް ކަމަށް ބުނެ އާއްމުންނަށް އޮޅުވާލަމުންދާ ކަަމަަށް އެ ކުންފުނީގެ ކުރީގެ ސެކިއުރިޓީ ވެރިޔާ ޕެއިޓާ ޒަޓްކޯ ތުހުމަތުކޮށްފި އެވެ.
އޭނާ ބުނީ ސެކިއުރިޓީ މިންގަނޑުތަަކުން ބަލާއިރު ޓްވިޓާ އުޅެނީ 10 އަހަރު ފަހަތުގައި ކަމަަށާއި ޓްވިޓާ ބޭނުން ކުރާ މީހުންގެ ޑޭޓާ ރައްކާތެރި ނޫން ކަމަށެވެ. އަދި ކުންފުނި ތެރެއިން ގިނަ މުވައްޒަފުންނަށް އެ ޑޭޓާއަށް އެކްސެސް އޮންނަ ކަމަށް ވެސް ބުންޏެވެ.
ޒަޓްކޯ ވަނީ ޓްވިޓާގެ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭ ގޮތުން 84 ސަފުހާގެ ބޮޑު ލިޔުމެއް އާއްމުކޮށްފަ އެވެ. އެ ކަަންކަމާ ގުޅޭ ގޮތުން އޭނާ މައުލޫމާތު ދިނީ އެމެރިކާގެ ޕާލިމެންޓް މެމްބަރުންނަށެވެ.
ޓްވިޓާއިން ޒަޓްކޯ ވަކިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.
ޒަޓްކޯ ބުނީ ޓްވިޓާއަކީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ވުރެ ބޮޑަށް ފައިސާ ހޯދުމަށް ބޭނުންވާ ކުންފުންޏެއް ކަމަށާއި ކުންފުނީގެ ސިއްރުތައް ފަޅާ އަރުވާލަން ނިންމީ ވަރަށް ވިސްނާފައި ކަަމަށެވެ.
އޭނާ ބުނީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގައުމީ ސަލާމަތަަށް ނުރައްކާވާ ކަންކަމުގައި ޓްވިޓާގެ ވެރިންގެ ވިސްނުން ހުރި ގޮތް ކަމަށެވެ. އޭނާ ބުނީ ކުންފުނީގެ 4،000 އެއްހާ މުވައްޒަފުންނަށް ޓްވިޓާ ބޭނުން ކުރާ އެންމެންގެ ޑޭޓާ ލިބެ އެވެ.
މީހުންގެ ޕްރައިވެޓް ޑޭޓާއަށް އެކްސެސް ކުރާ މުވައްޒަފުންގެ މައުލޫމާތު ޓްވިޓާއިން ނުބެލެހެއްޓުމަކީ ވެސް ހައިރާންވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
ޓްވިޓާގެ ތެރެއިން ޖާސޫސް ކުރުމުގެ ކަންކަން ކުރިޔަސް އެކަން މޮނީޓާ ކުރަން އުނދަގޫ ކަމަށާއި ކުންފުންޏަށް އިންޑިއާގެ އޭޖެންޓަކު ވެއްދި ކަމަށް އޭނާ ބުންޏެވެ.
"އިންޑިއާ ސަރުކާރުން ކާމިޔާބުކަމާ އެކު އެ ގައުމުގެ އޭޖެންޓުން ކުންފުނީގެ މުވައްޒަަފުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ހިންގާ ޓީމަށް ގަބޫލުކުރެވުނު ނަމަވެސް، ޓްވިޓާ ބޭނުން ކުރާ މީހުންނަށް އެކަން ހާމަކޮށްފައެއް ނުވޭ،" އޭނާ ބުންޏެވެ.
ޒަޓްކޯ ބުނީ ނުރައްކަލަށް ހުށަހެޅޭ އާއްމުންގެ މަައުލޫމާތުގެ ތެރޭގައި ފޯނު ނަންބަރު، އައިޕީ އެޑްރެސް، އީމެއިލް އެޑްރެސް، ގެންގުޅޭ ޑިވައިސްގެ ބާވަތް، ބްރައުޒާގެ ބާވަތް އަދި ހުރި ތަން ހިމެނޭ ކަމަށެވެ.
އޭނާ ވަނީ ކުރިން އެމެރިކާ ސަރުކާރާއި ގޫގްލްގައި މަސައްކަތްކޮށްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޒަަޓްކޯއަކީ އިންފޮމޭޝަން ސެކިއުރިޓީ ދާއިރާގެ އެންމެ މޮޅު މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.
އެމެރިކާގެ ޕާލިމެންޓް މެމްބަރުންނާ ބައްދަލުކޮށް، ޖުޑިޝަރީ ކޮމިޓީއަަށް ދައުވަތު ދިނުމުން، ޓްވިޓާގެ ސީއީއޯ ޕަރަގް އަގްރަވާލް ދެކޮޅު ހަދާފަައިވާ ކަމަށްވެ އެވެ.
ޓްވިޓާއިން ބުނީ ޒަޓްކޯ ވަޒީފާއިން ވަކިކުރީ ލީޑާޝިޕް ނެތުމުންނާއި ޕަފޯމަންސް ދަށްވުމުން ކަމަށެވެ. އަދި އޭނާ ކުރަަނީ ދެކޮޅު ނުޖެހޭ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް ބުންޏެވެ.








